ރާއްޖޭގައި މީހުން ދިތިއުޅޭ ރަށްރަށުގައި ގިނަ ދުވަސް ވަންދެން ޖަމާވެފައިހުރި ކުނިތައް ނަގައިދޭނެ ބަޔަކު ހޯދުމަށް ފިނޭންސް މިނިސްޓްރީ އިން އިއުލަނުކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީގެ އެދުމަކަށް އެކަންކޮށްދޭނެ ބަޔަކު ހޯދަން ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވަނީ މިއަދުއެވެ.
ފިނޭންސް މިނިސްޓްރީން އިއުލާނުކޮށްފައިވަނީ ރާއްޖޭގައި މީހުން ދިރިއުޅޭ ރަށްރަށަށް ޖަމާވެ ގިނަދުވަސްވެފައިވާ ކުނިތައްނަގައި އެތަން ސާފުކުރުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށެވެ.
މިކަމަށް ޝައުގުވެރިވާ ފަރާތްތަކުން ބީލަމުގައި ބައިވެރިވުމަށް ނަން ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއްގެ ގޮތުގައި -/500 ރުފިޔާ ދައްކަންޖެހެނެ ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި މާދަމައިން ފެށިގެން މިމަހު 23ގެ ނިޔަލަށް ބަންދު ނޫން ކޮންމެ ދުވަހަކު ރަޖިސްޓްރޭޝަން ފީ މިނިސްޓްރީ އިން ބަލައިގަންނާނެ ކަމަށް މިނިސްޓްރީ އިން ބުނެއެވެ. މިނިސްޓްރީ އިން ރަޖިސްޓްރޭޝަން ފީ ބަލައިގަތުމަށް ހަމަޖައްސާފައިވަނީ ހެނދުނު 8:30 އިން މެންދުރު 12 އަށެވެ.
މި މަސައްކަތާއި ގުޅޭ ހުރިހާ ލިޔެކިއުންތަކެއްގެ ސޮފްޓް ކޮޕީ ފިނޭންސް މިނިސްޓްރީގެ ވެބްސައިޓުން މާދަމައިން ފެށިގެން ލިބޭނެ ކަމަށް މިނިސްޓްރީ އިން ބުނެއެވެ. އަދި ބީލަމާއި ގުޅޭ ހުރިހާ މައުލޫމާތެއް މިނިސްޓްރީގެ ވެބްސައިޓު މެދުވެރިކޮށް ހޯދުމަކީ ބީލަމަށް ކުރިމަތިލާ ފަރާތުގެ ޒިންމާއެއް ކަމަށް މިނިސްޓްރީ އިން ބުނެއެވެ.
ރާއްޖޭގައި މީހުން ދިތިއުޅޭ ރަށްރަށުގައި ގިނަ ދުވަސް ވަންދެން ޖަމާވެފައިވާ ކުނިތައް ނަގައިދިނުމަށް ބީލަމަށް ހުށަހަޅާ ފަރާތުން ބިޑް ސެކިއުރިޓީގެ ގޮތުގައި ފަސް ލައްކަ ރުފިޔާ ހުށަހަޅަން ޖެހޭނެ ކަމަށް ފިނޭންސް މިނިސްޓްރީ ވަނީ ބުނެފައެވެ. އެގޮތުން ބިޑް ހުޅުވާ ތާރީހުން ފެށިގެން 148 ދުވަސް ތެރޭ މި އަދަދު ހުށަހަޅަން ޖެހޭނެ ކަމަށް މިނިސްޓްރީ އިން ބުނެއެވެ.
މި ޕްރޮޖެކްޓުގެ ބިޑް މަރުހަލާ ކުރިއަށް ގެންދިއުމަށް ހަމަޖައްސާފައި ވަނީ މިމަހު 24 ވަނަ ދުވަހު ހެނދުނު 10ގައި މިނިސްޓްރީގެ ޓެންޑަރގެ ޖަލްސާ ކުރާ މާލަމުގައެވެ.
މިކަމާ ގުޅޭ އިތުރު މައުލޫމާތު ސާފުކުރަން ބޭނުން ނަމަ މިމަހު 15ވަނަ ދުވަހުގެ 13:00ގެ ކުރިން އެ މިނިސްޓްރިއަށް މެއިލް ކުރުމަށް ވަނީ އެދިފައެވެ. މި ބިޑާ ގުޅިގެން ސުވާލުކުރުމަށް މެއިން ކުރުމަށް މިނިސްޓްރީން އެދިފައި ވަނީ [email protected] އަށެވެ.