ޚަބަރު

އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް އަވަހަށް ނިންމުމަށް މަޝްވަރާކޮށްފި

އާނިފާ ހުސެއިން ސިރާޖް

1

މަސްޖިދުލް ސުލްތާން މުހައްމަދު ތަކުރުފާނުލް އައުޒްމް (އިސްލާމީ މަރުކަޒު)ގެ މަރާމާތުގެ މަސައްކަތުގެ ފެންވަރު ރަނގަޅުކޮށް އެ މަސައްކަތް ވީހާވެސް އަވަހަށް ނިންމުމާ ބެހޭގޮތުން އިސްލާމިކް މިނިސްޓަރ ޑރ. އަހްމަދު ޒާހިރު މަޝްވަރާކުރަށްވައިފިއެވެ.

އިސްލާމީ މަރުކަޒު މަރާމާތު ކުރުމުގެ މަސައްކަތް ފެންވަރު ރަނގަޅުކޮށް، ވީހާވެސް އަވަހަކަށް ނިންމުމަށް އިސްލާމިކް މިނިސްޓަރ މިއަދު މަޝްވަރާ ކުރައްވާފައިވަނީ، ސަހިލް އިންޖިއަރިންގ ކޮންސަލްޓަންޓްގެ އަހްމަދު އަބްދީން ސުލައިމާން އަދި ކޮށްޓްރެކްޓަރު ހާލިދު އަބްދުލް އަޒީޒު އަލާދިބް އާއި ބައްދަލު ކުރައްވައެވެ.

"ވަން" އަށް މައުލޫމާތުދެއްވަމުން އިސްލާމިކް މިނިސްޓްރީގެ މީޑިއާ އޮފިޝަލް އިސްމާއިލް އަފްރާހް ވިދާޅުވީ މި މަރާމާތުގެ ތެރެއިން އިސްލާމީ މަރުކަޒުގެ އެތެރޭގެ ފަރުމާ އެއްކޮށް ބަދަލުކުރެވޭނެ ކަމަށެވެ.

އެގޮތުން ލަކުޑީގައި އަލުން ވަރުނީސް ލުމާއި ލައިޓިން ބަދަލުކޮށް، އަލުން ކުލަ ލުމާއި ސައުންޑް ސިސްޓަމް ބަދަލުކޮށް، ވަރަށް ގިނަ ފަންކާތައް ހަލާކުވެފައި ހުރުމާ ގުޅިގެން އާ ބޮޑު ދެ ފަންކާ ހަރުކުރާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މިއީ ވަރަށް ބޮޑު މަރާމާތެއްކަން ފާހަގަކުރައްވައި އަފްރާހް ވިދާޅުވީ މި މަރާމާތުގެ ދަށުން މިސްކިތުގެ ކާޕެޓު އެއްކޮށް ބަދަލުކުރާނެ ކަމަށާއި ގުއްބާއި މުންނާރުވެސް ވަރަށް ބޮޑަށް ހަލާކުވެފައި ހުރުމުން އެތަކެތި އާކުރުމުގެ މަސައްކަތްވެސް ކުރާނެ ކަމަށެވެ.

"ކުރިން ހަމަޖައްސާފައި އޮތީ މިހާރު ހުރި ގުއްބު އަދި މުންނާރު ބޭރުން މަރާމާތުކުރާ ގޮތައް، ނަމަވެސް މިހާރު އަޅުގަނޑުމެން ހަމަޖައްސާފައިވަނީ މުޅިން އާ ގުއްބަކާއި މުންނާރެއް ގެންނަން. މި ތަކެތީގެ ޑިޒައިން ހަމަ މިހާރުވެސް ހުރި ގޮތައް ފަރުމާ ކޮށްގެން ދާނީ" އަފްރާހް ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތް ފަށާފައި ވަނީ މިއަހަރުގެ ރޯދައިގެން ކުރިން ކަމަށާއި މިހާރުވެސް ވަރަށް ބާރު ސުޕީޑުގައި މަސައްކަތް ކުރިއަށް ދިޔަ ނަމަވެސް އަދި މަސަތްކަތް ނިންމޭނެ ދުވަހެއް ސީދާ ދަންނަވަން ނޭނގޭ ކަމަށާއި، މަސައްކަތް ކުރަމުން ދަނީ ވީހާވެސް އަވަހަކަށް ނިންމުމަށް ކަމަށް އަފްރާހް ވިދާޅުވިއެވެ.

"މިހާރު ބޭރުން ބަލައިލީމަ އެހާބޮޑު މަސައްކަތެއް ކުރެވިފަ ހުރިތަން ނުފެނިދާނެ. ނަމަވެސް މިހާރު މިސްކިތުގެ އެތެރޭގައި ވަރަށްބޮޑު މަސައްކަތް ތަކެއް ވަނީ ކުރެވިފަ. ބޮޑު ބަދަލެއް ފެންނާނީ މުންނާރާއި ގުއްބު ބަދަލުކުރެވުމުން" އަފްރާހް ވިދާޅުވިއެވެ.

އިސްލާމީ މަރުކަޒުގެ މަރާމާތުގެ މަސައްކަތް ހަވާލުކޮށްފައިވަނީ ޔުނައިޓެޑް އަރަބި އެމިރޭޓްސް (ޔޫއޭއީ)ގެ ހަލީފާ ބިން ޒައިދު އަލް ނަހްޔާން ފައުންޑޭޝަނާއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟