ޚަބަރު

ކުށްކުރާ މިހާއާމެދުވެސް އަމަލު ކުރާނީ އިންސާފުވެރިކޮށް: މިނިސްޓަރ އިމްރާން

އާނިފާ ހުސެއިން ސިރާޖް

ކުށްވެރިންނާ މެދުވެސް އަމަލުކުރާނީ އިންސާފުވެރިކޮށް ކަމަށް މިނިސްޓަރ އޮފް ހޯމް އެފެއާޒް ޝެއިހް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

މިނިސްޓަރ އިމްރާން ރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ސަރުކާރުގައި ތިއްބެވި ބޭފުޅުން، ފެށުނީއްސުރެ ވަކާލާތު ކުރަމުން އައިގޮތް ހަނދާން ނެތިގެން ނުވާނެ ކަމަށާއި ބަންދު ކުރަންޖެހޭ މީހުން އިންސާފުގެ ތެރެއިން ބަންދުކާނެ ކަމަށެވެ.

"ކުށް ކުރާ މީހާއާ މެދުވެސް އަޅުގަނޑުމެން އަމަލު ކުރާނީ އިންސާފުވެރިކޮށް" މިނިސްޓަރުގެ ޓުވީޓުގައި ވިދާޅުވިއެވެ.


މިނިސްޓަރ މިފަދައިން ޓުވީޓުކުރައްވާފައި މި ވަނީ މަރާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ މައްސަލައާ ގުޅިގެން އިންސާފުގެ ކުރިމައްޗަށް ގެންނަން ޖެހޭ ފަރާތްތައް އިންސާފުގެ ކުރިމައްޗަށް ގެނައުން ލަސްވެގެން ބައެއް ފަރާތްތަކުން ކަންބޮޑުވުން ފާޅުކުރަމުން ދަނިކޮށެވެ.

ރިލްވާންގެ މަރުގެ މައްސަލައިިގެ ރިޕޯޓާ ގުޅިގެން، އެޓާނީ ޖެނެރަލް އާއި ޕްރޮސިކިއުޓާޖެނެރަލް އާއި ފުލުހުންނާއި ސިފައިންނާއި ރިޔާސީ ކޮމިޝަނާ ބައްދަލު ކުރެއްވުމަށްފަހު، ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އިއްޔެ ވިދާޅުވީ، ރިލްވާން މައްސަލައިގެ ތަހުގީގާ ގުޅިގެން އަޅާ ފިޔަވަޅުތައް ދެން ފެންނާނެ ކަމަށާއި، އެކަމުގައި ދޫ ނުދެއްވާނެ ކަމަށެވެ.

އަދި އެ މައްސަލައިގައި ހައްޔަރުކުރަން ޖެހޭ ކޮންމެ މީހަކު ހައްޔަރުކޮށްގެން ވެސް އެ ތަހުގީގު ކުރިޔަށް ގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވިއެވެ.