އެލެކްސިސް ބްރެޓްއަކީ، އިނގެރޭސިވިލާތުގައި 10 ފިރިހެން ކުދިންގެ މަންމައެއްގެ ގޮތުގައި ހުރި ހަމައެކަނި މަންމަަކަމަށް ވެދާނެއެވެ.
އެލެކްސިސް އަށް އެންމެ ބޮޑު ހައިރާންކަމެއް ލިބުނީ އޭނާ ދުވަހަކުވެސް އުއްމީދުކޮށްފައިނުވާ ކަމެއް ފުރިހަމަ ވުމުންނެވެ. އެއީ އަންހެން ކުއްޖަކު ލިބުމެވެ. އެލެކްސިސްއަށް ލިބުނު 11 ވަނަ ދަރިފުޅަކީ އަންހެން ކުއްޖަކަށްވުމަށް އޭނާއަށް ލިބުނީ އިންތިހާ ދަރަޖައިގެ އުފާވެރިކަމެވެ. އަދި ކުރެވުނީ ބަޔާން ކުރަންވެސް ދަތި، ފޮނި އިހުސާސްތަކެކެވެ.
"މިއީ ދުވަހަކުވެސް ހަގީގަތަށްވާނެ ކަމެއް ކަމަކަށް ހީއެއްނުކުރަން" އަންހެން ދަރިފުޅު ކެމެރަން ބާއްވާފައި އޮތް ކުޑައެނދު، މަޑުމަޑުން ހަލުވައިލަމުން، އެލެކްސިސް އެހެން ބުނީ ހިނިތުންވެ އިނދެއެވެ.
"އަހަރެން ބަނޑުބޮޑުކަން އެނގުނީމަ ހީކުރީ އަނެއްކާވެސް އިތުރު ފިރިހެން ކުއްޖަކު ލިބެން އުޅެނީ ކަމަށް. އެކަމަކު މިފަހަރު ލިބެނީ އަންހެން ކުއްޖެއްކަން އެނގުނީމަ ޝޮކެއް ލިބުނީ. އެކަމަކު އެހާމެ އުފާވި" އެލެކްސިސް ބުންޏެވެ.
ކެމެރަންގެ އުމުރުން އަދި ވީ މަދު ދުވަސްކޮޅެކެވެ. އެހެންނަމަވެސް މިހާރުވެސް އޭނާގެ ސަބަބުން، އޭނާގެ 10 ބޭބެގެ ދިރިއުޅުމަށް ބަދަލު އައިސްފިއެވެ. އެބޭބެއިންގެ އުމުރު އުޅެނީ ދެ އަހަރާއި 17 އަހަރާ ދޭތެރޭގައެވެ.
"އެކުއްޖާއަށް އެމީހުން ވަރަށް ބަލާ. ހޭލެވިދާނެތީ ހުރިހާ ކުދިންވެސް ވަަރަށް މަޑުން އުޅޭނީ" ޓްރެއިން ޑްރައިވަރެއްގެ ގޮތުގައި މަސައްކަތް ކުރަމުން އަންނަ އެކުދިންގެ ބައްޕަ ޑޭވިޑް(44) ބުންޏެވެ.
"ހުރިހާ ކުދިންވެސް ކެމެރަން އުރައިދީ، ފީޑް ކުރަން އެހީވާން ބޭނުންވޭ" ޑޭވިޑް އިތުރަށް ބުންޏެވެ.
އެލެކްސިސް ބުނިގޮތުގައި ކެމެރަން ލިބުނީ އަންހެން ކުއްޖެއް ލިބޭނެ ކަމުގެ އުއްމީދު އެއްކޮށް ދޫކޮށްލައިގެން ހުއްޓައި، ނޭނގިހުރެ ބަނޑުބޮޑުވުމުންނެވެ. އޭނާ ލިބުމާއެކު، ބްރެޓް އާއިލާ މިހާރު މުޅިން ފުރިހަމަވެއްޖެ ކަމަށްވެސް އެލެކްސިސް ބުންޏެވެ.
"ދެން މިހާރު މި ހުއްޓަނީ (ދަރިން ހޯދުން)" ހިނިގަނޑެއް ޖަހާލަމުން އެލެކްސިސް ބުންޏެވެ. ދެން ނިމުނީ. ކުރިންވެސް އެހެން ބުނިން. އެކަމަކު މިފަހަރު ހަމަ ޔަގީން. މިހާރު އާއިލާ މި އޮތް ގޮތް ވަރަށް ކަމުދޭ" 11 ކުދިންގެ މަންމަ ބުންޏެވެ.
"މީހުން ހީކުރާ ގޮތެއް އަހަރުމެންނަކަށް މުހިންމެއް ނޫން. މީހުން ދައްކާ ވާހަކަތަކަށް އާދަވެއްޖެ. މީހުން ބުނޭ ކުދިން ތިބޭތީ ސަރުކާރުން ދޭ އެއްޗެއް ހޯދާށޭ މިހާ ގިނަ ދަރިން ހޯދަނީ. އެކަމަކު އެއީ ދޮގެއް. ޑޭވިޑް އުޅެނީ ރަނގަޅު ވަޒީފާއެއްގައި. އިނާޔަތަށް އަހަރެމެން ޝަރުތުވެސް ހަމައެއް ވެސް ނުވޭ" އެލެކްސިސް ބުންޏެވެ.
އެލެކްސިސް ކައިރި ކައިރީގައި ދަރިން ހޯދަމުން އަންނަތާ 18 އަހަރުވެއްޖެއެވެ. އެހެންނަމަވެސް އެހާ ގިނަ ކުދިން ހޯދީ ކޮންމެހެން އަންހެން ކުއްޖެއް ބޭނުންވެގެން ނޫން ކަމަށް ބުންޏެވެ. އެހެންނަމަވެސް، އަންހެން ކުއްޖެއް ލިބުމުން އާއިލާ ފުރިހަމަވެފައިވާ ކަމަށް އޭނާ ގަބޫލު ކުރެއެވެ.
"ބޮޑު އާއިލާއެއް ބިނާ ކުރަން ދުވަހަކުވެސް ޕްލޭނެއް ނުކުރަން. އެކަމަކު މި އާއިލާދެކެ ވަަރަށް ލޯބިވޭ" އެލެކްސިސް ބުންޏެވެ.
"އަހަރެން ކުރިން މަޖަލަކަށް ކިޔަން އަންހެން ކުއްޖެއް ލިބިއްޖެއްޔާ، ދެން ގެން ގުޅޭކަށްވެސް ނޭނގޭނެއޭ. އެކަމަކު އެހެނެއް ނޫން. ފިޔާތޮށި ކުލައިގެ ހެދުން ގަންނަން ވަރަަށް މަޖާ" އޭނާ އިތުރަށް ބުންޏެވެ.
އެލެކްސިސް ބުނާ ގޮތުގައި، އޭނާއަށް ދޭތެރެ ދުރުކުރާ ބޭހުން އެއްވެސް އަސަރެއް ނުކުރެއެވެ.
މީގެ 13 ދުވަސް ކުރިން ވިހެއި އެލެކްްސިސް ކުޑަ ދުވަސްކޮޅެއް ފަހުން މަސައްކަތަށް ނުކުންނާނެއެވެ. އޭނާ މަސައްކަތް ކުރަނީ ފިޓްނަސް އިންސްޓްރަކްޓަރެއްގެ ގޮތުގައި ޕާޓް-ޓައިމްކޮށެެވެ.
އެލެކްސިސްއަކީ ވަރަށް ބުރަކޮށް މަސައްކަތް ކުރާ މަންމައެކެވެ. އޭނާގެ ދުވަސް ފަށަނީ ފަތިހު 5:30ގައެެވެ. އަދި ހެނދުނު ހެނދުނާ ފިރިމީހާ ޑޭވިޑް މަސައްކަތަށް ދިޔުމުން، މުޅި ދުވަހަށް ތައްޔާރުވެލުމުގެ ގޮތުން އޭނާ ފެންވަރާލައިގެން ބޮނީ ކޮފީއެކެވެ.
އެއީ ދަރިން ހޭލުމުގެ ކުރިންނެވެ. އެލެކްސިސްއަށް އެންމެ ބުރަ އެއް މަސައްކަތަކީ އެއްޗެހި ދޮވުމެވެ. އެގޮތުން ހަފްތާއެކު 49 ވަރަކަށް ފަހަރު އޭނާ އެއްޗެހި ދޮވެއެވެ. އަދި ދުވާލަކު ހަތްފަހަރު ގޭތެރެ ފޮޅައި، ސާފު ކުރަންޖެހެއެވެ.
"ފިރިހެން ކުދިން ގިނަ ވީމަ، ވަރަށް އުނދަގޫ ގޭތެރޭގެ މަސައްކަތް ކުރަން. އެކަމަކު ތަންތަން ހަޑިކޮށް ހުންނަންޏާ، އަހަންނަށް ވަރަށް އުނދަގޫވޭ" އެލެކްސިސް ބުންޏެވެ.