ވޯލްޑް ކަޕް ކޮލިފައިން

އިދިކޮޅުން ނުކުންނަ ޓީމު ބެލުން މުހިންމެއް ނޫން، ޗައިނާއަށް މުހިންމީ ތިން ޕޮއިންޓް: ލިއްޕީ

އަލީ ރިފްޝާން

މާދަމާގެ ވޯލްޑް ކަޕް ކޮލިފައިން މެޗަށް ނުކުންނާނީ އިދިކޮޅު ޓީމަށް ނުބަލައި، މެޗުން ތިން ޕޮއިންޓް ހޯދަން ކަމަށް ޗައިނާގެ ކޯޗު މާސެލޯ ލިއްޕީ ބުނެފިއެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މާދަމާ ރޭ 8:00ގައި ރާއްޖެއާ ދެކޮޅަށް ނުކުންނަ ޗައިނާއަކީ "ގްރޫޕު އޭ"ގެ ފޭވަރިޓް ޓީމެވެ. އެޓީމަށް އިރުޝާދުދެމުން އަންނަނީ އިޓަލީއަށް 2006ގެ ވޯލްޑް ކަޕް ކާމިޔާބުކޮށްދިން ކޯޗު މާސެލޯ ލިއްޕީއެވެ.

ވޯލްޑް ކަޕް ކޮލިފައިންގައި މާދަމާ ރޭ ރާއްޖެއާ ދެކޮޅަށް ކުޅޭ މެޗުގެ ކުރިން ގައުމީ ފުޓުބޯޅަ ދަނޑުގައި މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަދައްކަމުން ޗައިނާގެ ކޯޗު ލިއްޕީ ބުނީ ޗައިނާގެ ފުރަތަމަ އަމާޒަކީ ކޮލިފައިންގެ ދެވަނަ ބުރުން ޖާގަ ހޯދުން ކަމަށެވެ.

"މިއީ އަހަރެމެން ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗު. މިއީ ވަރަށް މުހިންމު މެޗެއް. ދެވަނަ ބުރުން ޖާގަ ހޯދުމަކީ އަހަރެމެންގެ ބޮޑު އަމާޒެއް. އިދިކޮޅުން ނުކުންނަ ޓީމު ބެލުން އަހަރެމެންނަށް މުހިންމެއް ނޫން. އަހަރެމެންނަށް އެންމެ މުހިންމީ އެންމެ ރަނގަޅު ކުޅުން ދައްކައި، ތިން ޕޮއިންޓް ހޯދުން،" އޭނާ ބުންޏެވެ.

ލިއްޕީ ބުނީ ރާއްޖޭގެ ދަނޑުގެ ހާލަތާއި ލައިޓިން އަދި ރާއްޖޭގައި ޓީމު ހުންނަ ހޮޓަލުގެ ހާލަތު ވެސް ރަނގަޅު ކަމަށާއި މާދަމާގެ މެޗަށް ދެއްކޭނެ އެއްވެސް އުޒުރެއް ނެތް ކަމަށެވެ.

އިޓަލީ ގައުމީ ޓީމުގެ އިތުރުން އިޓަލިއަން ސެރީއާގައި ވާދަކުރާ އިންޓަ މިލާނާއި ޔުވެންޓަސް އަދި ނަޕޯލީއަށް ވެސް އިރުޝާދު ދީފައިވާ ލިއްޕީ، ޗައިނާ ގައުމީ ޓީމާ ފުރަތަމަ ހަވާލުވީ 2016 ވަނަ އަހަރުއެވެ. އޭއެފްސީ އޭޝިއަން ކަޕް 2019 އަށް ފަހު ލިއްޕީ އިސްތިއުފާ ދިން ނަމަވެސް، ދުވަސްކޮޅަކަށް އިރުޝާދު ދިން ފަބިއޯ ކަނަވާރޯގެ ބަދަލުގައި އަނެއްކާވެސް ޗައިނާގެ ކޯޗަކަށް ލިއްޕީ ހަމަޖެއްސިއެވެ.

ޗައިނާގެ ޓީމުގައި ސްޕެނިޝް ލަލީގާގައި ވާދަކުރާ އެސްޕާނިޔޯލްއަށް ކުޅޭ ވޫ ލެއި އާއި ޗައިނީޒް ސުޕާ ލީގުގެ ވަރުގަދަ ކްލަބުތަކަށް ކުޅޭ ކުޅުންތެރިން ހިމެނެއެވެ. އެ ކުޅުންތެރިންގެ އިތުރުން މާދަމާގެ މެޗުގައި ޗައިނާގެ ޓީމުން ބްރެޒިލަށް އުފަން އަލްކެސަން ވެސް ފެނިގެންދާނެއެވެ. އެ މެޗަކީ އޭނާ ޗައިނާއަށް ކުޅޭނެ ފުރަތަމަ މެޗެވެ.