އިދިކޮޅު ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ ހުސްވެފައިވާ ނައިބު ރައީސްގެ މަގާމަށް ފެނަކަ ކޯޕަރޭޝަންގެ ކުރީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނިމާލު ހޮވައިފިއެވެ.
ޕީއެންސީގެ ނައިބް ރައީސްގެ މަގާމު ހުސްވީ ކުރިން އެމަގާމުގައި ހުންނެވި ރައްޔިތުންގެ މަޖިލީހުގެ ވިލިމާލެ ދާއިރާގެ ކުރީގެ މެމްބަރު އަހުމަދު ނިހާން ހުސެން މަނިކު ޕީއެންސީން އިސްތިއުފާ ދެއްވުމުންނެވެ. ޕީއެންސީން އިސްތިއުފާ ދެއްވުމަށްފަހު ނިހާން ވަނީ ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީއާ ގުޅިވަޑައިގެންފައެވެ.
ޕީއެންސީގެ ތަރުޖަމާން ވިދާޅުވީ ނިމާލު، އެޕާޓީގެ ނައިބު ރައީސް ކަަމަށް އައްޔަން ކުރީ ކައުންސިލް މެމްބަރުންގެ މެދުގައި ނެގި ވޯޓެއްގައި، މެމްބަރުންގެ އަގުލަބިއްޔަތުން ކަމަށެވެ.
ފޮނަދޫ ދާއިރާގެ ކުރީގެ މެމްބަރު އަބްދުލް ރަހީމް އަބްދުﷲ ރައީސް އަކަށް ހުންނެވި ޕީއެންސީގައި ނިމާލް އާއެކު އިތުރު ތިން ނައިބް ރައީސުން ތިއްބަވާނެއެވެ.
އެއީ ކުރީގެ އިކޮނޮމިކް މިނިސްޓަރު އަދި މާވަށު ދާއިރާގެ މިހާރުގެ މެމްބަރު މުހައްމަދު ސައީދާއި ރާއްޖެއިން ސްރީލަންކާއަށް ކުރިން ކަނޑައަޅުއްވާފައި ހުންނެވި ސަފީރު މުހައްމަދު ހުސެއިން ޝަރީފު (މުންދު) އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހިމް ސުޖާއުއެވެ.