ވ.ފެލިދޫގެ ބަނދަރުގެ މަސައްކަތް މިއަހަރު ފެށޭވަރުވާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.
ފެލިދޫ ކައުންސިލަރުންނާއެކު މިއަދު މެންދުރުފަހު ރައީސް އޮފީހުގައި ބޭއްވި ބައްދަލުކުރެއްވުމުގައި ފެލިދޫ ކައުންސިލަރުން ވަނީ ރަށުގެ ތަރައްގީއަށް ބޭނުންވާ އެންމެ މުހިންމު މަޝްރޫއުތަކާއި ރަނގަޅު ކުރަންޖެހޭ ހިދުމަތްތަކާއި ރައްޔިތުންގެ ކަންބޮޑުވުންތައް ރައީސަށް ހިއްސާ ކުރައްވައިފައެވެ.
އެގޮތުން ކައުންސިލަރުން ވަނީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތްކުރުމާއި ނަރުދަމާ ނިޒާމުގެ ހުރި މައްސަލަތަކާއި ސިއްހީ ދާއިރާއިން ހިދުމަތުގެ ފެންވަރުމަތިކޮށް ހިދުމަތް ފުޅާކުރުމަށް ކުރަންހުރި ކަންކަމުގެ އިތުރުން ކުނީގެ މައްސަލަ އާއި ރަށުގައި ފެންވަރު ރަނގަޅު ފުޓްބޯޅަ ދަނޑެއް އޮތުމުގެ މުހިންމުކަން ފާހަގަކުރައްވައިފައެވެ.
މިއަދުގެ ބައްދަލުވުމުގައި ރައީސް ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން ބަޖެޓުގައި ހިމެނިފައިވާ މަޝްރޫއުތަކާ ބެހޭ އެންމެފަހުގެ މައުލޫމާތު ކައުންސިލަރުންނާ ހިއްސާ ކުރެއްވިއެވެ. އެގޮތުން ބަނދަރުގެ މަސައްކަތް މި އަހަރު ފެށޭވަރުވާނެ ކަމަށާއި އިންޖީނުގެ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ މަސައްކަތް މިއަހަރުގެ ފަހުކޮޅު ފައްޓަވައި، އަންނަ އަހަރުގެ ތެރޭގައި ނިންމެވުމަށް ހަމަޖެހިފައިވާ ކަމަށް ވިދާޅުވިއެވެ.
މީގެ އިތުރުން ލާމަރުކަޒީ ގާނޫނަށް ގެންނަ ބަދަލުތަކާއެކު ގިނަ ކަންކަން ހައްލުވެގެން ދާނެކަން ފާހަކުރައްވާ ރައީސް ވަނީ، ކައުންސިލަރުން ފާހަގަކުރެއްވި ކަންތައްތަކާ ގުޅޭ އިދާރާތަކާ މަޝްވަރާ ކުރައްވައިގެން ހައްލު ހޯއްދަވައިދެއްވަން މަސައްކަތް ކޮށްދެއްވާނެ ކަމަށް ވިދާޅުވެފައެވެ.