ރާއްޖޭގައި ހުންނަވާ ސްރީ ލަންކާގެ ސަފީރު މޭޖާ ޖެނެރަލް ރިޓަޔާޑް ތޮރަޑެނިޔާ ރާއްޖޭގެ ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް ވަދާއީ ޒިޔާރަތެއް ކުރައްވައިފިއެވެ.
ހަތަރު އަހަރު ރާއްޖޭގައި ހުންނަވާ ސްރީ ލަންކާގެ ސަފީރުކަމުގެ މަގާމު ފުރުއްވުމަށްފަހު ރާއްޖެ ދޫކޮށް ވަޑައިގަތުމުގެ ކުރިން ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދުގެ އަރިހަށް ކުރެއްވި ވަދާއުގެ ޒިޔާރަތުގައި މިނިސްޓަރު ޝާހިދު ވަނީ، ލަންކާ އާއި ރާއްޖެއާދެމެދު އޮތް ގުޅުން ތޮރަޑެނިޔާގެ ސަފީރުކަމުގެ ދުވަސްވަރު އިތުރަށް ބަދަހި ކުރުމަށް ކޮށްދެއްވި މަސައްކަތަށް ޝުކުރުއަދާ ކުރައްވައިފައެވެ.
އަދި ސަފީރު ތޮރަޑެނިޔާއަކީ ރާއްޖޭގެ ވަރަށް ގާތް ރަހްމަތްތެރިއެއްކަން ފާހަގަކުރައްވާ ކުރިއަށް އޮތްތަނުގައި ވެސް އިތުރު ކުރިއެރުންތަކަށް މިނިސްޓަރު ޝާހިދު އެދިވަޑައިގެންފައިވެއެވެ.
ލަންކާގެ ސަފީރު ތޮރަޑެނިޔާ ސަފީރު ކަމާ ހަވާލުވެވަޑައިގަތީ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ ވެރިކަމުގައި 18 ފެބްރުއަރީ 2016 ގައެވެ.