ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

އދ. ގައި ރައީސް ދިވެހި ބަހުން ތަގުރީރުކުރެއްވުމަށް އެދިވަޑައިގެންފި

އާނިފާ ހުސެއިން ސިރާޖް

ރައީސުލް ޖުމްހުރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު އދ ގައި ތަގުރީރު ކުރައްވާއިރު ދިވެހިބަހުން ތަގުރީރު ކުރެއްވުމަށް ދިވެހި ބަހުގެ އެކެޑެމީގެ ރައީސް އަޝްރަފް އަލީ އެދިވަޑައިގެންފި އެވެ.

ދިވެހި ބަހުގެ އެކަޑަމީގެ ރައީސް އަޝްރަފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އދ. ގެ މަޖިލީހުގައި ރާއްޖޭގެ ރައީސް ދިވެހި ބަހުން ތަގުރީރު ކުރެއްވުން ވާނީ ދިވެހި ގައުމިއްޔަތުގެ ޝަރަފާއި ގަދަރާއި ހައިބަތު އުފުލޭނެ ކަމެއް ކަމުގައެވެ.

"ރައީސް! ދިވެހީންނަށް ޓަކައި ދިވެހީންގެ އަޑު ދިވެހީންގެ ބަހުން އުފުއްލަވައި ދެއްވާ!" އަޝްރަފްގެ ޓުވީޓުގައި ވިދާޅުވެފައިވެއެވެ.

ދުނިޔޭގެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ އދ. ގެ އާއްމު ޖަލްސާ އޮންނާނީ މި މަހުގެ 17 އިން 30 އަށް ނިއުޔޯކްގައި ހުންނަ އެ ޖަމާއަތުގެ ހެޑްކުއާޓަރުގައެވެ.

މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އދ. އަށް ވަޑައިގެން ތަގުރީރު ކުރައްވާފައި ނުވާއިރު، "ވަން'' އަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ މިމަހުގެ ފަހުކޮޅު އދ. ގައި ބާއްވާ އާންމު މަޖިލީހުގައި ރައީސް ސޯލިހު ތަގުރީރުކުރައްވަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ތަގުރީރު ކުރައްވާނީ މިމަހުގެ 24ގައި ކަމަށް ހޫދު ވިދާޅުވިއެވެ.

އަހަރަކު އެއްފަހަރު ގައުމުތަކުގެ ލީޑަރުން ބައިވެރިވެގެން ބާއްވާ އދ. ގެ އާންމު މަޖިލީހަކީ، ދުނިޔޭގެ ލީޑަރުން އެއް ތަނަކަށް ޖަމާވެ ގުޅުން ބަދަހިކޮށް ބައިނަލްއަގުވާމީ މައްސަލަތަކުގައި ހިޔާލު ބަދަލު ކުރާ ޕްލެޓްފޯމެކެވެ.