އިބްރާހިމް ޒަކީ
ކަރުބުރިކޮށްލައި، ކަނޑުފައްތައިގެން މަރާލާފައިވާ ކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުނެފައިވާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި ތަހުގީގު ރިޕޯޓު ލީކުވުމުން އެ އާއިލާ އާއި އެނޫން ފަރާތްތަކުގެ ވެސް ކަންބޮޑުވުން އެބަހުރި ކަމަށާއި އެ ރިޕޯޓު އާއްމު ވުމުން ތަހުގީގަށް ހުރަސް އެޅޭނެ ފަދަ ކަންކަން އޭގައި އެބަ ހުރި ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރިލްނާގެ މަރުގެ މައްސަލަ ތަހުގީގުކޮށް އެކަމާގުޅޭ ކަންކަން ހިމެނޭ ރިޕޯޓާބެހޭ ބައެއް މައުލޫމާތު ރިޔާސީ ކޮމިޝަނުން ހާމަކުރީ މިމަހުގެ އެއްވަން ދުވަހު ބޭއްވި ނިއުސްކޮންފަރެންސްގައެވެ.
އަދި ޖެހިގެން އަ އިދުވަހު ރައްޔިތުންގެމަޖިލީހުގެ ރައީސް ކުރީގެ ރައީސް މުހައްމަދު ނަޝީދަށް، އެ ރިޕޯޓް ކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު އެރުވިއެވެ.
އޭގެފަހުން އެ ރިޕޯޓު މަޖިލިސްގެ ރައީސް ވަނީ މަޖިލީހުގއި ހިމެނިވަޑައިގަންވާ ޕީޖީ ލީޑަރުންނަށް އަރުވައިފައެވެ.
އަދި އެ ރިޕޯޓަށް މަޖިލީހުގެ ތަޅުމުގައި ބަހުސްކޮށް އެ މައްސަލަ ވަނީ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)އަށް ފޮނުވައިފައެވެ.
ނަމަވެސް މަޖިލީހުގެ ވެބްސައިޓްގައި އާއްމު ކުރި އެ ރިޕޯޓްގެ ޑްރާފްޓް ފަހުން ވަނީ މަޖިލިސް ސައިޓުން ނަގައިފައެވެ.
އެ ކަންތައްތަކާ ގުޅިގެން، ރިލްވާން މަރާލި ގޮތާއި އެކަމުގައި ބައިވެރިވިކަމުގައި ތުހުމަތު ކުރެވޭ ބައެއް ފަރާތްތައް އާމުވެ، ބައެެއް ސިއްރުހެކިންގެ މައުލޫމާތު ސޯޝަލް މީޑިއާގައި އާއްމުވިއެވެ.
ރިޔާސީ ކޮމިޝަނުން ކުރިއަށްގެންދިޔަ މަސައްކަތާ ގުޅޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި، އެ ރިޕޯޓްގައިވާ ބައެއް ކަންތައްތައް ހާމަވެގެން ދިއުމުގެ ކަންބޮޑުވުން ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު ވަނީ ފާހަގަ ކުރައްވައިފައެވެ.
ރައީސް ވިދާޅުވީ، އާންމުވެއްޖެ ނަމަ ތަހުގީގަށް ދަތިވާނެ ބައެއް ކަންކަން ރިޕޯޓްގައި ހިމެނޭ ކަމަށެވެ.
އެހެންކަމުން މިހާތަނަށް ވެފައޮތް ކަންތައް ނުވާކަމަކަށް ނުހެދޭނެ ކަމަށާއި، އެ ރިޕޯޓުގައި ހިމަނާފައިވާ ސިއްރު މައުލޫމާތުތައް މިހާހިސާބުންފެށިގެން ހިފަހައްޓައި ދިނުމަށް އެދިވަޑައިގަންނަވާ ކަމަށް އެމަނިކުފާނުވިދާޅުވިއެވެ.
"ރިޕޯޓްގައި ހުރި ސިއްރުތައް، ކޮންމެހެން ހިފަހައްޓަން ޖެހޭ ކަންތައްތައް ކޮމިޝަނުން އެދިވަޑައިގަންނަވާގޮތަށް މިހާތަނަށް ވީކަމެއް ވެފައި އެއޮތީ، އެއީ ނުވާ ކަމަކަށް ނެތް ދެންނެވޭކަށް، އަޅުގަނޑަކަށް ނެތް ދެންނެވޭކަށް ރިޕޯޓް ވަކި ބަޔަކަށް އާންމުނަކަށް ނުފެނެޔެކޭ، އޭގައި އެބަހުރި އޭގައި ހުރި ބައެއް މައުލޫމާތުތައް އާންމުވެއްޖެ ނަމަ ތަހުގީގަށް ދަތިވާނެ ބައެއް ކަންކަން. އެހެންވީމާ، އެ އެއްޗެހި ހިފެހެއްޓުން ދެންވެސް އެދުމަކީ،" ރައީސް ސޯލިހު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ރިޕޯޓަކީ ފުރިހަމަ ރިޕޯޓެއްނޫން ކަމަށާއި އެކަމާބެހޭ ތަހުގީގުތައް އަދިވެސް ކުރިއަށްދާ ކަމަށެވެ.
އަދި އެ މައްސަލައިގައި ސުވާލު ކުރަންޖެހޭ މީހުން އަދިވެސް އެބަތިބިކަމަށާއި، އެ ރިޕޯޓް ލިބިވަޑައިގެންފައިވާ އެއްވެސް ބޭފުޅަކު އެ މައުލޫމާތުތައް އާއްމު ނުކުރެއްވުމަށާއި، ރިލްވާންގެ މައްސަލައިގައި އިންސާފު ހޯދުމަށް ދަތިވާފަދަ އެއްވެސް ކަމެއް އެއްވެސް ފަރާތަކުން ނުކުރެއްވުމަކީ ވަރަށްބޮޑަށް އެދިވަޑައިގަންނަވާ ކަމެއް ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.