އިބްރާހިމް ޒަކީ
ކަރުބުރިކޮށްލައި، ކަނޑުފައްތައިގެން މަރާލާފައިވާ ކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުނެފައިވާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި އެ ކޮމިޝަނުން ތަހުގީކޮށް އެކުލަވައިލި ޑްރާފްޓް ރިޕޯޓުގެ މައުލޫމާތު މީޑިއާ ނޫން އެހެން އެއްވެސް ބަޔަކަށް ދިނުމަށް ހުއްދަ ދެއްވާފައި ނުވާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރިލްވާންގެ މަރުގެ މައްސަލައާގުޅޭ ގޮތުން ނޫސްވެރިންނަަށް މައުލޫމާތު ހިއްސާ ކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، އެ ރިޕޯޓް އެއްވެސް ފަރާތަކާ ހިއްސާ ކުރެއްވުމަށް ކޮމިޝަންގައި އެދިވަޑައިގެންފައި ވާނެތޯ، ނޫސްވެރިޔަކު ދެންނެވި ސުވާލަކަށް ޖަވާބު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވިދާޅުވީ، އެ ރިޕޯޓް އެއްވެސް ފަރާތަކާ ހިއްސާކުރަން ކޮމިޝަންގައި ދަންނަވާފައި ނުވާނެ ކަމަށެވެ.
ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ރިލްވާންގެ މަރުގެ މައްސަލައާގުޅޭ ދެ ރިޕޯޓެއް މަރު ކޮމިޝަނުން އެމަނިކުފާނަށް އަރުވާފައިވާ ކަމަށެވެ. އޭގެ ތެރެއިން އެންމެ ފަހު ރިޕޯޓް އެމަނިކުފާނަށް އެރުވީ މިމަހު އެކެއްގައި ކަމަށާއި އެކަމާގުޅިގެން ކޮމިޝަނާ ބައްދަލު ކުރައްވައި މަޝްވަރާ ކުރެއްވި ކަމަށެވެ. ނަމަވެސް އެ ރިޕޯޓް އެއްވެސް ފަރާތަކާ ހިއްސާކުރަން ކޮމިޝަންގައި ދަންނަވާފައިނުވާނެ ކަމަށާއި، ހަމައެކަނި ކޮޝަނުގައި ދަންނަވާފައިވާނީ، އެ ރިޕޯޓާ ގުޅިގެން މީޑިއާގައި އެއްޗެއް ދެންނެވުމަށް ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
މިމަހު އެއްވަނަ ދުވަހު މަރު ކޮމިޝަނުން ބޭއްވި ނިއުސްކޮންފަރެންސެއްގައި އެ ކޮމިޝަންގެ ރައީސް ހުސްނުއްސޫދު ވަނީ ރިލްވާންގެ މަރާގުޅިގެން އެ ކޮމިޝަނުން އެކުލަވާލާފައިވާ ރިޕޯޓުގައި ވާ ބައެއް ކަންކަން ހާމަ ކުރައްވައިފައެވެ.
ރައީސުލްޖުމްހޫރިއްޔާ މިއަދު ވިދާޅުވީ އެ ނިއުސް ކޮންފަރެންސަކީ ކޮމިޝަނާއެކު ކުރެއްވި މަޝްވަރާތަކުގައި ދެންނެވިގޮތަށް ބޭއްވި ނިއުސްކޮންފަރެންސެއް ކަމަށެވެ.
"އަޅުގަނޑުމެންނަށް އެދުވަހު މަޝްވަރާ ކުރެވުނީ، މީޑިއާގައި އެއްޗެއް ބުނުމަށް، ރައްޔިތުންނަށް ކޮންމެވެސް އެއްޗެއް ހާމަކުރަންޖެހެޔޭ، އެއާގުޅިގެން މަޝްވަރާކުރުމަށްފަހު މީޑިއާއާ ކޮމިޝަނުގެ ފަރާތުން ބައްދަލުކުރެއްވި، އެދުވަހުގެ ޕްރެސްގައި އެދެއްކެވީ އެދުވަހު އަޅުގަނޑުމެންގެ ދޭތެރޭގައި ދެކެވުނުވާހަކަތަކުގެ އަލީގައި އާއްމު ކުރެވުނު ކަންތައްތައް،" ރައީސް ވިދާޅުވިއެވެ.
އެ ރިޕޯޓް އެއްވެސް ފަރާތަކާ ހިއްސާކުރެއްވުމަށް ނުދެންނެވި ނަމަވެސް، އެ ކަމާބެހޭ ރިޕޯޓް ބައެއް ފަރާތްތަކަށް ލިބިވަޑައިގެންފައިވާ ކަމަށް ރައީސް ފާހަގަކުރެއްވި އެވެ. އެހެންކަމުން އެމަނިކުފާނުގެ އުއްމީދަކީ ޑްރާފްޓް ރިޕޯޓް ލިބިވަޑައިގެން އެއްވެސް ފަރާތަކުން ރިލްވާން މައްސަލައިގެ ތަހުގީގަށް ހުރަސްއެޅޭ އެއްވެސްކަމެއް ނުކުރެއްވުން ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
އަޅުގަނޑު އުއްމީދު ކުރަނީ، އަދި އަޅުގަނޑު ޔަގީންކުރަން ބޭނުންވަނީ، ދެންވެސް، މިހާތަނަށްވެސް އެ ޑްރާފްޓް ލިބިވަޑައިގެންފައިވާ އެއްވެސް ބޭފުޅަކު މިތަހުހީގަށް ހުރަސްއެޅޭ އެއްވެސް ކަމެއް ނުކުރެއްވުން،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ، ރިލްވާން މައްސަލައިގެ ރިޕޯޓަކީ އަދި ފުރިހަމަ ނުވާ ރިޕޯޓެއް ކަމަށާއި އެއީ ތަހުގީގު އަދިވެސް ކުރިއަށްދާ މައްސަލައެއް ކަމަށެވެ. އެހެންކަމުން އެކަމާ ގުޅިގެން ސުވާލު ކުރަންޖެހޭ މީހުން އެބަތިބިކަމާއި ކުރަންޖެހޭ އިތުރު ކަންކަން ކުރަން އެބަހުރިކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.