ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ރިލްވާންގެ މަރުގެ މައްސަލައިގެ ތަހުގީގާ ގުޅިގެން، ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނު އިސްލާހުކުރަނީ

އިބްރާހިމް ޒަކީ

މިނިވަން ނޫނުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މަރުގެ މައްސަލައިގައި ކުރިއަށް ގެންދަންޖެހޭ ތަހުގީގު ކުރިއަށް ގެންދަން، ޓެރަޒިމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް އިސްލާހު ގެންނަން ނިންމައި، މިއަދު އެކަމުގެ މަސައްކަތް ކުރިއަށްދާނެ ކަމަށް ރައީސުލް ޖުމްހޫރިއްހާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މަރުުގެ މައްސަލައާބެހޭ މައުލޫމާތު މީޑިއާއަށް ހއިްސާކުރުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ރައީސް އިބްރާހިމް ސޯލިހު ވިދާޅުވީ، ރިލްވާން މައްސަލައިގެ ތަހުގީގު ކުރިއަށްދާއިރު ބައެއް ގާނޫނުތަކަށް ބަދަލު ގެންނަންޖެހޭ ކަން ފާހަގަ ވެފައިވާ ކަމަށާއި ހާއްސަ ގޮތެއްގައި ޓެރަރިޒަމްގެ ގާނޫނާއި ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލުގެންނަން ޖެހޭ ކަމަށެވެ.

ހާއްސަކޮށް ޓެރަރިޒަމްގެ ގާނޫނު ބައްޓަން ވެފައިވަނީ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނަށްވުރެ ބޮޑަށް އެހެންދިމާލަަކަށް އަމާޒުވެގެން ކަމަށާއި، ޓެރަރިޒަމްއަކީ ކޮބައިގަން ރަނަގަޅަށް ޑިފައިންކޮށް އެ ގާނޫނު އިސްލާހުކުރަން ޖެހޭ ކަމަށް ރައީސް ވިދާޅުވިއެވެ.

"މި މައްސަލަ ކުރިއަށް ގެންދާއިރުގައި ބައެއް ގާނޫނުތަކަށް ބަދަލު ގެންނަން ޖެހޭކަން ފާހަގަ ކުރެވޭ، ހާއްސަކޮށް ޓެރަރިޒަމްގެ ގާނޫނަށް ބަދަލުތަކެއް އެބަ ގެންނަން ޖެހޭ، މިހާރު ޓެރަރިޒަމްގެ ގާނޫނު އޮތް ގޮތުން އޭގެ އަސްލު ޓެރަރިސްޓުނާއި ނޫނިއްޔާ ޓެރަރިޒަމްގެ އަމަލުތައް ހިންގާ މީހުންނާ ދިމާލަށް ދިއުމަށްވުރެ ބޮޑަށް އަމާޒުވެފައިވަނީ މުޅިން އެހެންދިމާލަށް، އެހެންވީމާ ޓެރަރިޒަމް ރަނގަޅަށް ޑިފައިންކޮށް އެ އަމަލުތައް ހިންގާ ފަރާތްތައް ފަސޭހައިން ހައްޔަރުކުރެވި ތަހުގީގު ކުރެވޭނެ ގޮތަކަށް ޓެރަރިޒަމްގެ ގާނޫނު ބަދަލުކުރަން އެބަޖެހޭ،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ދައުލަތުގެ މަސްލަހަތާގުޅޭ މިފަދަ ބޮޑެތި ކަންތައްތައް ތަހުގީގު ކުރަމުންދާއިރު މީހުން ހައްޔަރު ކޮށްފައި ބެހެއްޓޭނެ މުއްދަތަށް ބަދަލު ގެންނަން ޖިނާއީ އިޖުރާއަތުގެ ގާނޫނަށް ބަދަލު ގެންނަންޖެހޭ ކަމަށެވެ.

"ޖިނާއި އިޖުރާއަތުގެ ގާނުނަށް ގެންނަންޖެހޭ ބަދަލުތަކެއް އެބަހުރި، ހައްޔަރު ކުރެވޭ މީހުން ބައިތިއްބޭނެ މުއްދަތު ޖިނާއީ އިޖުރާއަތުގެ ގާނޫނުގައި އެބަ އޮތް، ފުރަތަަމަ ހައްޔަރުކުރާތާ 48 ގަޑިއިރުގެ ތެރޭގައި ކޯޓަށް ހާޒިރުކުރަން ޖެހޭނެ ކަމާއި، އެންމެ ގިނަވެގެން ހައްޔަރުކޮށްފަ ބެހެއްޓޭނީ ވަކި މުއްދަތެއްގައިކަން އެބަ އެނގޭ، އަޅުގަނޑުމެނަށް އިއްޔެ ސާފުވެގެންދިޔައީ ޓެރަރިޒަމާގުޅޭ މިފަދަ ބޮޑުކަމެއް، އަދި ދައުލަތުގެ މަސްލަހަތާގުޅޭ މިފަދަ ބޮޑުކަމެއްގައި ހައްޔަރުކުރެވޭ މީހަކު ތަހުގީގުކޮށް ނިމި އަދި ޝަރީއަތް ނިމެންދެން އެއަށްވުރެ ގިނަދުވަހު ބަހައްޓަން ޖެހޭކަހަލަ ހާލަތެއް އަތުވެދާނެ، އެހެންކަމަށް ވަންޏާ އެޖާގަ ޖިނާއި އިޖުރާއަތުގެ ގާނޫނުން ލިބިދޭން ޖެހޭ، އެހެންވީމާ އެ ބަދަލު ގެނައުމުގެ މަސައްކަތް އިއްޔެ އަޅުގަނޑުމެން ފަށައިފިން،" ރައީސް ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، އެ ދެ ގާނޫނަށް ގެންނަން ޖެހޭ އިސްލާހުތައް މިއަދު އެމަނިކުފާނާ ހިސާބަށް އަންނާނެ ކަމަށާއި އެއާއެކު އެ އިސްލާހުތައް މަޖިލީހަށް ފޮނުވައިގެން ވީހާވެސް އަވަހަށް އެ ދެ ގާނޫނަށް އިސްލާހު ގެނައުމުގެ މަސައްކަތް ކުރައްވާނެ ކަމަށެވެ.

ދައުރު ނިމި ރައްޔިތުންގެ މަޖިލިސް ޗުއްޓީއަށްދިޔަ ނަަމަވެސް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައިވަނި، މަޖިލިސް ޗުއްޓީއަށް ދިޔައީ، ބޮޑު ކަމެއް ދިމާވެއްޖެނަމަ މަޖިލީހުގެ ޖަލްސާތަށް ބާއްވާގޮތަށް ކަމަށެވެ.