އިބްރާހިމް ޒަކީ
އަނިޔާވެރި ގޮތަކަށް މަރާލާފައި އޮއްވައި ފެނުނު، ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެންބަރު ޑރ. އަފްރާޝީމް އަލީގެ މަރުގެ މައްސަލައިގެ ތަހުގީގުގެ 90 ޕަސެންޓު މިހާރު ނިމިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާމީހުންގެ މައްސަލަތައް ބެލުމަށް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާފައިވާ ރިޔާސީ ކޮމިޝަނުން، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މަރާ ގުޅިގެން އެކުލަވާލި ރިޕޯޓާބެހޭގޮތުން ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު މިއަދު ވިދާޅުވީ، ޑރ. އަފްޝީންގެ އިތުރުން، ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައިވާ ބްލޮގަރު ޔާމީން ރަޝީދުގެ މަރުގެ މައްސަލަވެސް އެ ކޮމިޝަނުން ބަލަމުންދާ ކަމަށެވެ.
ޑރ.އަފްރާޝީމްގެ މައްސަލަ އާއި ޔާމީންގެ މައްސަލައިގެ އިތުރުން ރިލްވާންގެ މަައްސަލަވެސް ވަރަށް އަވަހަށް ނިމިގެންދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ މައްސަލަތައް ކޮމިޝަނުން ބަލަމުން ގެންދަނީ ވަރަށް ރަނގަޅަށް ކަމަށެވެ. އަދި އެކަމުގައި ބުރަ ބޮޑެތި މަސައްކަތްތަކެއް ކޮމިޝަނުން ކުރިއަށް ގެންދާއިރު އެ މަސައްކަތުގައި ކޮމިޝަންގެ އިހްލާސްތެރިކަން އެބަހުރިކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ތޫނު ހަތިޔާރަކުން ހަމަލާދީ، ޑރ. އަފްރާޝީމް އަލީ އަވަހާރަކޮށްލާފައި ވަނީ 2012 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފުރަތަމަ ދުވަހުގެ ރޭ 11:30 އާއި ދަންވަރު 2:00 އާ ދެމެދުގެ ވަގުތެއްގަ އެވެ.
ޔާމީން ދިރިއުޅޭ ގޭގެ ސިޑިގޮޅި ތެރޭގައި ތޫނު އެއްޗަކުން ހަމަލާދީ އޭނާ މަރާލާފައިވަނީ 2017 ވަނަ އަހަރުގެ އޭޕްރީލްމަސް ތެރޭގައެވެ.
ރައީސް މިއަދު ވިދާޅުވީ، ރިޔާސީ ކޮމިޝަން އުފައްދަވައި ގާނޫނީ ބޮޑެތި ބާރުތަކެއް ދިނުމުގެ މައިގަނޑު އަމާޒަކީ ރިލްވާނަށް ވީގޮތެއް ހޯދައި، އެކަންކުރިބަޔަކު އިންސާފުގެ ކުރިމައްޗަށް ގެނަސް ދެން އެފަދަކަމެއް ހިނގިޔަ ނުދިނުމަށް މަސައްކަތްކުރުން ކަމަށެވެ.