އިބްރާހިމް ޒަކީ
ކަރުބުރިކޮށްލައި، ކަނޑުފައްތައިގެން މަރާލާފައިވާ ކަމަށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ބަލަން ރައީސް ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަނުން ބުނެފައިވާ އަހުމަދު ރިލްވާން އަބްދުﷲ ގެ މައްސަލައިގައި ހައްޔަރުކުރާން ޖެހޭ ކޮންމެ މީހަކު ހައްޔަރުކޮށްގެން ވެސް އެ ތަހުގީގު ކުރިޔަށް ގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
ރިލްވާން މައްސަލައާބެހޭ މައުލޫމާތު ހިއްސާ ކުރުމަށް މިއަދު ބޭއްވި ނިއުސްކޮންފަރެންސްގައި ރައީސް އިބްރާހިމް މުުހައްމަދު ސޯލިހު ވިދާޅުވީ، ރިލްވާން މައްސަލައިިގެ ތަހުގީގަށް ހައްޔަރު ކުރަންޖެހޭ ފަރާތްތައް އެބަތިބި ކަމަށާއި، ޕާސްޕޯޓް ހިފަހައްޓަންޖެހޭ ފަރާތްތައް ވެސް އެބަތިބި ކަމަށެވެ.
ނަމަވެސް އެ ކަންކަން ކުރެވޭނީ ކަމާބެހޭ ހުރިހާ މުއައްސަސާތައް އެކުވެގެން އެ މުއައްސަސާތައް ގުޅިގެންކަމަށްވެސް ވިދާޅުވިއެވެ. އަދި ރިލްވާންގެ މަރުގެ ރިޕޯޓާ ގުޅިގެން މިހާރުން މިހާރަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތަކެއް ވެސް ފާހަގެވެގެން ގޮސްފައިވާ ކަަމަށާއި އެކަމާބެހޭގޮތުން، ކަމާބެހޭ ފަރާތްތަކާ އިއްޔެ ބައްދަލުކުރައްވައި މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
"އެކަމާގުޅިގެން މިހާރުން މިހާރަށް އަޅަންޖެހޭ އަވަސް ފިޔަވަޅުތަކެއް ފާހަގަވެގެން މިހާރު ކުރެވެން ހުރީ ކޮން ކަންތައްތަކެއްތޯ ބެލުމަށް ބައްދަލުވުމެއް އިއްޔެ ބޭއްވިން، އެ ބައްދަލުވުން އެޓާނީ ޖެނެރަލް، ޕްރޮސެކިއުޓާ ޖެނެރަލް، ފުލުހުން، ޑިފެންސް، އަދި ކޮމިޝަންގެ ބޭފުޅުންނާ އެކީ ބޭއްވީ،" ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ އެ ފަރާތްތަކާއެކު އިއްޔެ ބޭއްވި ބައްދަލުމުގައި ދެކަމެއް ނިންމެވި ކަމަށެވެ.
އެއީ ރިލްވާންގެ މަރާ ގުޅިގެން މިހާރުން މިހާރަށް ކުރަންޖެހޭ ކަންކަތައްތައް ހަލުވިކޮށް، އެކަމާގުޅޭ ފައިނަލް ރިޕޯޓު ވީ އެންމެ އަވަހަކަށް އެކުލަވާލައި އެމަނިކުފާނަށް އެރުވުމެެވެ. އަދި އެކަމާބެހޭ ހުރިހާކަމެއް ކުރިއަށް ގެންދިއުމަށް ސަރުކާރުގެ ކުރިހާ މުއައްސަސާއަކުން އެއްބާރުލުން ދިނުން އެމަނިކުފާނު ކަށަވަރު ކުރައްވާނެ ކަމަށްވެސް ވިދާޅުވިއެވެ.
"އެ ބައްދަލުވުމުގައި ނިންމުނު ކަންތައްތަަކީ މިހާރުން މިހާރަށް ކުރަންޖެހޭ ކަންތައް ހަލުވިކޮށް ކުރުން، އެ މަސައްކަތް އިއްޔެއިން ފެށިގެން ކުރިއަށް އެބަދޭ، އެގޮތުން ކަންބޮޑުވުން ހުރި ކަންތައްތައް ދެނެގަނެ، ބަންދުކުރަންޖެހޭ މީހަކު ހުރިކަމަށް ވަންޏާ ބަންދުކޮށްގެން، އިތުރަށް ތަހުގީގުކުރަން ޖެހެންޏާ އެކަން ކުރަން އެއްބަސްވެ، އަދި އެކަމާގުޅޭ ފުރިހަމަ ރިޕޯޓެއް ފައިނަލްކޮށް އަޅުގަނޑާ ހަމައަށް ގެނައުމަށް އެއްބަސްވެވުނު،" ރައީސް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ މި މައްސަލަ ކުރިއަށް ގެންދިއުމުގައި ސަރުކާރާއި، އެމަނިކުފާނު ފަހަތަށް ޖެހިވަޑައިނުގަންނަވާނެ ކަމުގެ ޔަގީންކަންދެއްވާ ކަމަށެވެ.
"އަޅުގަނޑު ތިބޭފުޅުންނަށާއި އަދި އާއިލާއަށް ދަންނަވާލަން ބޭނުންވަނީ މި ސަރުކާރެއް، އަޅުގަނޑެއް މިކަމުގައި ފަހަތަކަށް ނުޖެހޭނަމޭ، އަޅުގަނޑުމެން މިތިބީ ކުރަންޖެހޭ ކޮންމެކަމެއް މިކަމުގައި ކުރަންށޭ،" ރައީސް ވިދާޅުވިއެވެ.