އިބްރާހިމް ޒަކީ
ސިވިލް ކޯޓަށް ހާޒިރުކުރަން ފުލުހުން ހަތަރުމީހަކު ހޯދަން ފަށައިފިއެވެ.
ފުލުހުން ބުނީ، އެ ހަތަރު މީހުންނަކީ، ސިވިލް ކޯޓަށް ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެން އެކޯޓަށް ހާޒިރުކުރަން ބޭނުންވެ ހާޒިރުކުރެވިފައިނުވާ ހަތަރު މީހަކު ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކޮށްދިނުމަށް ފުލުހުންގެ މައްޗަށް އަމުރުކުރުމާ ގުޅިގެން ހޯދަމުންދާ ހަތަރު މީހުން ކަމަށެވެ.
މި އަމުރުތަކާ ގުޅިގެން ހޯދަމުންދަނީ ވ. އާއަލި، އަހުމަދު މުފީދު (54އ) އާއި ސ. ހިތަދޫ / އަރާއިރު، ޝާހިދު ރަޝީދު (43އ) އާއި ޏ. ފުވައްމުލައް / މުބާހުމަންޒިލް، އިބްރާހިމް އަލީ (56އ) އާއި ވ. ރާހި، މުހައްމަދު ބާޤިރު (48އ) ކަމަށްވެސް ފުލުހުން ބުންޏެވެ.
މި ހަތަރުމީހުންވެސް ކޯޓަށް ހާޒިރުކުރުމަށް ފުލުހުންނަށް އަމުރުކޮށްފައިވަނީ ސާބިތު ދަރަނީގެ ފައިސާ ހޯދުމުގެ މައްސަލަތަކަކާ ގުޅިގެންނެވެ.
ފުލުހުން ބުނީ އަހުމަދު މުފީދު ހޯދަނީ ބަންދުގައި ބަހައްޓައިގެން މާދަމާ 10:15 އަށް ކޯޓަށް ހާޒިރުކުރުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށެވެ.
ޝާހިދު ރަޝީދު ހޯދަނީ މާދަމާ 10:00 އަށް ކޯޓަށް ހާޒިރު ރުކޮށްދިނުމަށް ކޮށްފައިވާ އަމުރާ ގުޅިގެންނެވެ.
އަދި އިބްރާހިމް އަލީ އާއި މުހައްމަދު ބާޤިރު ހޯދަނީ ބުދަ ދުވަހުގެ 10:15 އާއި 1:30 އަށް ކޯޓަށް ހާޒިރުކޮށްދިނުމަށް ކޮށްފައިވާ އަމުރާ ގުޅިގެން ކަމަށްވެސް ފުލުހުން ބުންޏެވެ.
ފުލުހުން ބުނީ މި ހަތަރު މީހުންނާ ގުޅޭ އެއްވެސް މައުލޫމާތެއް ލިބިފައިވާނަމަ ޕޮލިސް ކަސްޓޯޑިއަލް ޑިޕާޓްމަންޓްގެ ނަންބަރު 9991442 އަށް ގުޅުއްވައި ހިއްސާކުރެއްވުން އެދޭ ކަމަށެވެ.