ރައީސުލްޖުމްހޫރިއްހާ އިބްރާހިމް މުހައްމަދު ސޯލިހު މިއަދު މީޑިއާ އާ ބައްދަލު ކުރައްވަން ހަމަޖެހިއްޖެއެވެ.
ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ބުނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، މިއަދު 12:30 ގައި މީޑިއާއާ ބައްދަލު ކުރައްވާނެ ކަމަށާއި، އެ ނިއުސް ކޮންފަރެންސް ކުރިއަށްދާނީ ރައީސުލް ޖުމްހޫރިއްޔާގެ އޮފީހުގައި ކަމަށެވެ.
އެ ދުވަސް ވަރަކު ގައުމުގައި ހިނގާ ބޮޑެތި ކަންތައްތަކާބެހޭގޮތުން، ސަރުކާރުގެ ސިޔާސަތުތަކާއި އެކަންކަން ކުރިއަށްދާގޮތާބެހޭ މައުލޫމާތު ރައީސުލް ޖުމްހޫރިއްޔާ ގެންދަވަނީ މީޑިއާ މެދުވެރިކުރައްވައި ހާމަ ކުރައްވަމުންނެވެ.
ރައީސުލް ޖުމްހޫރިއްޔާ މިއަދު މީޑިއާއާ ބައްދަލު ކުރައްވާއިރު، މިވަގުތު ގައުމުގައި އޮތް އެންމެ ބޮޑު ކަންބޮޑުވުމެއްގެ ގޮތުގައި ފާހަގަ ވަނީ، މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މަރުގެ މައްސަލައެވެ.
އެ މައްސަލަ ތަހުގީގުކޮށް، މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރުމަށް ރައީސުލް ޖުމްހޫރިއްޔާ އުފެއްދެވި ކޮމިޝަނުން ނެރެ އާއްމުކޮށްފައިވާ ރިޕޯޓާ ގުޅިގެން ގިނަ ސުވާލުތަކެއް ވަނީ އުފެދިފައެވެ.
އެހެންކަމުން މިއަދުގެ ނިއުސްކޮންފަރެންސްގައި، އެމައްސަލައާގުޅޭ ސުވާލުތަކެއް ރައީސުލްޖުމްހޫރިއްޔާއާ ކުރިމަތި ކުރުވާނެކަން ޔަގީންވެއެވެ.
ރިލްވާނެ މަގުރެ މައްސަަލައާބެހޭ ރިޕޯޓެއް މަރު ކޮމިޝަނުން ނެރެފައިވާއިރު، އެ ކޮމިޝަނުން އަދިވެސް އެ މައްސަލަ ގެންދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ. އަދި އެ މައްސަލަ ތަހުގީގުކޮށް ނެރެފައިވާ ރިޕޯޓްގައި ފާހަގަކުރެވިފައިވާ ކަން ރައްޔިތުންގެ މަޖިލީހުގެ ސަލާމަތީ ހިދުމަތްތަކާބެހޭ ކޮމިޓީ (241 ކޮމިޓީ)ންވެސް ދަނީ ބަލަމުންނެވެ.