ވޯލްޑް ކަޕް ކޮލިފައިން

ރާއްޖެ-ޗައިނާ މެޗުގެ ޓިކެޓުތައް ވިކި ހުސްވެއްޖެ

އަލީ ރިފްޝާން

ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ޓިކެޓުތައް ވިކި ހުސްވެއްޖެއެވެ.

މާދަމާ ރޭ 8:00ގައި ކުޅުމަށް ހަމަޖެހިފައިވާ އެ މެޗުގެ ޓިކެޓުތައް ވިކި ހުސްވެފައިވަނީ އިއްޔެ ޓިކެޓު ވިއްކަން ފެށިތާ ހަ ގަޑިއިރު ނުވަނީހެވެ.

އިއްޔެ ޓިކެޓު ވިއްކާފައިވަނީ ހަވީރު 4:30 އިން ފެށިގެންނެވެ. ރޭ 11:30އަށް ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވީ ނަމަވެސް، އޭގެ ކުރިން ވަނީ ޓިކެޓުތައް ވިކި ހުސްވެފައެވެ. ދިވެހި ސަޕޯޓަރުންނަށް ވިއްކަން ކަނޑައެޅި 2090 ޓިކެޓާއި އަވޭ ޓީމަށް ރިޒާވުކުރި ޓިކެޓުތައް ވެސް އިއްޔެ ވަނީ ވިއްކައިފައެވެ.

ކޮލިފައިންގެ މެޗުތަކަށް ގޭޓް 1 އާއި ގޭޓް 2 އިން ޓިކެޓު ވިއްކާފައިވަނީ 150 ރުފިޔާއަށެވެ. އެ ގޭޓުތަކުން ޓިކެޓު ވިއްކާފައިވަނީ މީހަކަށް ގިނަވެގެން ތިން ޓިކެޓެވެ. ގޭޓް 3 އިން ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާއަށެވެ. އެ ގޭޓުން ޓިކެޓު ވިއްކާފައިވަނީ މީހަކަށް ޓިކެޓެކެވެ.

ދަނޑުގެ އިރުމަތީ ފަރާތު ސިޑިބަރިތަކުގައި ރެނދުލާފައިވާތީ އެ ސަރަހައްދު ބޭނުންކުރުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން ވަނީ އަންގައިފައެވެ. އެހެންކަމުން ގައުމީ ޓީމު ކުޅޭ މެޗަށް ވިއްކާފައިވަނީ 3500 ޓިކެޓެވެ.

މާދަމާގެ މެޗަކީ ޗައިނާ އިން ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗެވެ. ރާއްޖެ އިން ވަނީ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ރަށުން ބޭރުގައި ގުއާމްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.

ގައުމީ ފުޓުބޯޅަ ދަނޑުގައި މާދަމާ ރޭ ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ސްކޮޑުގައި ރާއްޖޭގައި އުފެދުނު އެންމެ މޮޅު ކުޅުންތެރިޔާ އަލީ އަޝްފާގު (ދަގަނޑޭ) ވަނީ ހިމަނައިފައެވެ. އޭގެ ކުރިން ދަގަނޑޭއަށް ގައުމީ ސްކޮޑުން ޖާގަ ލިބުނީ މިދިޔަ އަހަރުގެ މާޗް މަހުގެ ތެރޭގައެވެ.

ކޮލިފައިންގެ "ގްރޫޕު އޭ"ގައި ރާއްޖެއާއި ޗައިނާއާއެކު އޮތީ ސީރިއާ އާއި ގުއާމް އަދި ފިލިޕީންސްއެވެ.