ޚަބަރު

މަރުތަކުގެ ހަގީގަތް ހޯދަން އެންމެ ފުރަތަމަ އިސްލާހު ކުރަންވީ ފުލުސް އޮފީސް: ނަޝީދު

6

ރާއްޖޭގައި މަރާލާފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ ހަގީގަތް ހޯދުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފުލުސް އޮފީސް އިސްލާހު ކުރުން ކަމަށް ވިދާޅުވެ ފުލުހުންގެ އިދާރާއަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.

ދަރުބާރުގޭގައި ރޭ ކުރިއަށްދިޔަ އެމްޑީޕީގެ ގައުމީ މަޖިލީހުގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ، މަރާލާފައިވާ މީހުންނަށް ނުވަތަ އެމީހުންގެ އާއިލާއަށް އިންސާފު ހޯދައިދިނުމަށް ބޭނުންވަނީ ރިޔާސީ ކޮމިޝަނަށް ގާނޫނީ ބާރެއް ދިނުން އެކަނި ނޫންކަން މިއަދު ސާފުވާ ކަމަށެވެ.

އެގޮތުން މަރުތައް ތަހުގީގުކުރާ ކޮމިޝަނުން ރާއްޖޭގައި ހިނގާފައިވާ މަރުތައް ތަހުގީގުކޮށް، އެކަމާ ގުޅުންހުރި އަމުރުތަކަށް އެދުނު ނަމަވެސް ފުލުސް އޮފީސް މިހާރު އޮތް ހާލަތުން އެ ކޮމިޝަނުން ފުލުހުން މެދުވެރިކޮށް ކަމެއް ކުރަން ވަރަށް އުދަނގޫ ވާނެ ކަމަށް ނަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، ރިޔާސީ ދެ ކޮމިޝަންގެ މަސައްކަތް އެ ދެތަނަށް ދީފައިވާ ބާރުގެ ތެރެއިން ކުރަން ބާރު އަޅައިފިނަމަ ފުލުހުންގެ ދައުރު ވަރަށް ބޮޑަށް ހަނިވެގެންދާނެ ކަމަށާއި އެއީ އެކަން ކުރަން ބޭނުންވާ ގޮތް ނޫން ކަމަށެވެ.

އެގޮތުން، ހުނަރާއި ތަޖުރިބާ ވެސް އޮތްތަނަކީ ފުލުސް އޮފީސް ކަމަށާއި އެ އޮފީސް މެދުވެރިނުކޮށް ރިޔާސީ ކޮމިޝަނުން މަރުތައް ތަހުގީގު ކުރުމަކީ ފުލުސް އޮފީހަށް ވެސް ލިބޭނެ ގެއްލުމުގެ އިތުރުން މަރުތަކުގެ ހަގީގަތް ނުފެނުމަށް ވެސް ދިމާވާނެ ސަބަބެއް ކަމަށް ނަޝީދު ވިދާޅުވިއެވެ.

"އަޅުގަނޑުމެން ބޭނުންވަނީ ފުލުސް އޮފީސް ހަރުދަނާކުރުން. ފުލުސް އޮފީހަކީ ރާއްޖޭގައި އަދުލު އިންސާފު ގާއިމްކުރުމުގައި އެންމެ ފުރަތަމަ މަރުހަލާ. ޖިނާއީ އަދުލުގެ ތަރަހައަކީ ފުލުސް އޮފީސް. ފުލުހުންގެ ތެރޭގައި ރަނގަޅަށް ކަންތައް ގެންދިއުމަކީ ހަމަގައިމުވެސް މި ސަރުކާރު އުފެދިގެން އައިއިރު ވެސް އަދި މިހާރުވެސް އެއްބަސްވެ އަދި ކުރަމުން އަންނަ ކަމެއް،" ނަޝީދު ވިދާޅުވިއެވެ.

އެމަނިކުފާނު ވިދާޅުވީ، ފުލުސް އޮފީހަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އެ އިދާރާގައި ގަވައިދުން ހިންގަންޖެހޭ ކަންކަން ހިންގުމުގައި ދަތިވެފައިވުން ކަމަށެވެ.

އެގޮތުން ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަ އަޅައި ގޮސްގެން ރާއްޖޭގެ ވެރިކަން އަބަދުވެސް ބަދަލު ކުރަމުން ގެންދެވިދާނެ ކަމަށް ފުލުހުންގެ ބައެއް ބޭފުޅުން ހީކުރައްވާ ކަމަށް ނަޝީދު ވިދާާޅުވިއެވެ.

"އަޅުގަނޑު ދެކޭގޮތުގައި ދިމާވެފައިވަ އެންމެ މުހިންމު މައްސަލައަކީ ފުލުސް އޮފީހުގައި ތަރުތީބުން ގަވައިދުން ހިންގަންޖެހޭ ކަންކަން ހިންގުމުގައި ދަތިވެފައިވުން. މާގިނައިން އަޅުގަނޑުމެންނަށް ލަފާ ކުރެވެނީ، ހާއްސަކޮށް ފުލުސް އޮފީހުގެ ބައެއް ބޭފުޅުންނަށް، ނުކިޔަމަންތެރިކަމުގައި ހައްދުފަހަނަ އަޅައިގެން ގޮސް އެދާ ޖޯޝުގައި އެދާ ޖަޒުބާތުގައި މި ރާއްޖޭގެ ވެރިކަން އަބަދުމެ އެމީހުންނަށް ބަދަލު ކުރަމުން ގެންދެވިދާނެ ކަމަށް،" ނަޝީދު ވިދާޅުވިއެވެ.

އަދި ވިދާޅުވީ، އެމަނިކުފާނުގެ ވެރިކަން 2012 ވަނަ އަހަރު ވެސް "ފުރޮޅިގެން" އައީ ފުލުސް އޮފީހުގެ ނުކިޔަމަންތެރިކަމުން ފެށިގެން އައިސް ކަމަށާއި އެ މަންޒަރު ތަކުރާރުވާތަން ދެކެން ބޭނުން ނުވާ ކަމަށެވެ.

އެގޮތުން އަނެއްކާ ވެސް ނުކިޔަމަންތެރިކަން ދެއްކުމުގައި ހައްދުފަހަނައަޅައިގެން ގޮސް ސަރުކާރަށް ގެއްލުން ދިނުމަށް ތައްޔާރުވުމުގެ އެއްވެސް އިންތިޒާމަކަށް އެމްޑީޕީން ފުރުސަތު ދީގެން ނުވާނެ ކަމަށް ނަޝީދު ތަކުރާރުކޮށް ގޮވާލެއްވިއެވެ.

"މެމްބަރުންގެ އަރިހުން ފަށްފަށުން ދަންނަވަން ބޭނުން، މަރުތަކުގެ ހަގީގަތް ހޯދުމަށްޓަކާ ކޮމިޝަން އެކަނި ބާރުވެރިކޮށްގެން ނުވާނެ. އެކަން ކުރުމަށްޓަކައި ފުލުސް އޮފީސް ހަރުދަނާ ވާންޖެހޭނެ. ފުލުސް އޮފީހުން ރަނގަޅު ތަހުގީގު ކުރަންޖެހޭނެ. މިކަމަށް އެއްބާރުލުން ދޭންޖެހޭނެ. ފުލުސް އޮފީހުން މީސް މީހުންގެ މައްޗަށް ބަންދުގެ އަމުރު ހޯދަންޖެހުނީމަ އެ އަމުރުވެސް ހޯދަން މަސައްކަތް ކުރަންޖެހޭނެ. އަދި އެ އަމުރު ހޯދައި އޭގައިވާ ގޮތަށް ފުލުސް އޮފީހުން އަމަލު ކުރަމުން ގެންދަން ޖެހޭނީ،" ނަޝީދު ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟