އަންނަ އަހަރުގެ ކުރީކޮޅު މިނީ ބަހުގެ ހިދުމަތް ތައާރަފް ކުރެވޭނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.
މިނިސްޓަރު ނަހުލާ މިހެން ވިދާޅުވީ މީޑިއާތަކަށް މައުލޫމާތު ދިނުމަށް މިއަދު ބޭއްވި "ނުވަގަޑި'' ޕްރޮގްރާމުގައި ވާހަކަ ދައްކަވަމުންނެވެ.
މިނީ ބަހުގެ ހިދުމަތް ދިނުމާ ގުޅޭގޮތުން ވާހަކަދައްކަވަމުން މިނިސްޓަރު ނަހުލާ ވިދާޅުވީ، މިނީ ބަހުގެ ހިދުމަތް ދޭން މިހާރުވެސް ލަސްވެއްޖެ ކަމަށާއި އެކަން ލަސްވީ ތިމާވެއްޓާ ރައްޓެހި، އާއްމުކޮށް މާކެޓުގައި ހުންނަ ބަސްތަކަށްވުރެ ކުދި ބަސްތަކެއް ގެނައުމަށް މިނިސްޓްރީން ބޭނުންވާތީ ކަމަށެވެ.
މިނިސްޓަރު ވިދާޅުވި ގޮތުގައި ވަކި އަދަދަކަށް ބަސް ގެނައުމުގެ ބަދަލުގައި ވީހާވެސް ގިނަ ބަސް ގެނެސް، މާލޭގައި ފަސޭހަ ކަމާއެކު އެހިދުމަތް ދިނުމަށް މިނިސްޓްރީން ބޭނުންވެއެވެ. މީގެ އިތުރަށް ހިލޭ އެހީގެ ގޮތުގައި ލިބޭ ބަސްތައްވެސް ހިދުމަތުގެ ތެރޭގައި ބޭނުން ކުރާނެ ކަަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި މިނީ ބަސް ގެނެވޭނީ ބަސް ތައްޔާރުކުރުމުގެ މަސައްކަތްކޮށްދޭނެ ބަޔަކު ހޯދުމަށްފަހު، އެބަޔަކަށް މަސައްކަތް ހަވާލުކޮށްގެން ކަމަށް ވެސް މިނިސްޓަރު ނަހުލާ ވިދާޅުވިއެވެ.
ބިޑު އުސޫލުން ހުޅުވާލައިގެން ކުރިއަށް ގެންދާ އެމަރުހަލާގައި، ބިޑު ކާމިޔާބު ކުރާ ބަޔަކު ވަރަށް އަވަހަށް އެމްޓީސީސީން މިނިސްޓްރީއަށް އަންގާނެ ކަމަށާއި އޭރުން މިނިސްޓްރީގެ އިތުރަށް ރައީސް އޮފީހާއި ގުޅިގެން އެމަަސައްކަތް ކުރަމުންދާނެ ކަމަށެވެ.
މާލެއަށް މިނީ ބަހުގެ ހިދުމަތް ދިނުމަށް ޓްރާންސްޕޯޓް މިނިސްޓްރީން، އެމްޓީސީސީއާ ހަވާލުކުރީ މިއަހަރުގެ ފެބްރުއަރީ މަހުގެ ހަވަނަ ދުވަހުއެވެ.