ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު، ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ގެ މެމްބަރުކަމުގެ މަގަމަށް ލ. ކަލައިދޫ، އީރާފް އަލްއުސްތާޒު އަލީ ޝަރީފު އައްޔަން ކުރައްވައިފިއެވެ.
އަލީ ޝަރީފު އެ މަގާމަށް އައްޔަން ކުރައްވާފައިވަނީ ރައީސް އޮފީހުގައި މިއަދު މެންދުރުފަހު ބޭއްވި ރަސްމިއްޔާތެއްގައެވެ.
އެ ރަސްމިއްޔާތުގައި ޖޭއެސްސީގެ މެމްބަރުކަމަށް އައްޔަން ކުރެއްވުމުގެ ކުރިން، އަލީ ޝަރީފު ވަނީ ޖޭއެސްސީގެ މެމްބަރުކަމުގެ ހުވައި ރައީސުލްޖުމްހޫރިއްޔާގެ ކުރިފުޅުމަތީގައި ކުރައްވައިފައެވެ.
އޭނާއަށް ހުވާލައިދެއްވީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޒު އަބްދުލްގަނީ މުހައްމަދެވެ.
އަލީ ޝަރީފަކީ ލ. ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓެވެ. އޭނާ ޖޭއެސްސީގެ މެމްބަރު ކަމަށް މިއަދު އައްޔަންކުރެއްވީ، ދަށު ކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީއަށް އައްޔަންކުރާ ފަނޑިޔާރު އިންތިހާބު ކުރުމަށް މިދިޔަ އޮގަސްޓް މަހުގެ ތެރޭގައި ބޭއްވި އިންތިހާބު ކާމިޔާބު ކުރެއްވުމުންނެވެ.
ތިން ފަނޑިޔާރުން ވާދަކުރެއްވި އެ އިންތިހާބުގައި އަލީ ޝަރީފު ކާމިޔާބު ކުރެއްވީ 127 ވޯޓް ހޯއްދަވައިގެންނެވެ.
ދެން އިންތިހާބުގައި ވާދަކުރެއްވި ކްރިމިނަލް ކޯޓުގެ އިސް ގާޒީ އަހުމަދު ހައިލަމް އަށް 37 ވޯޓު ލިބިވަޑައިގެންއިރު، ގދ. ފިޔޯރީ މެޖިސްޓްރޭޓް އަބްދުއްރައްޒާގު މުހައްމަދަށް ލިބިވަޑައިގަތީ އެންމެ ވޯޓެކެވެ.