އަލީ ރިފްޝާން
ވޯލްޑް ކަޕް ކޮލިފައިންގައި ޗައިނާއާ ދެކޮޅަށް ރާއްޖެ ކުޅޭ މެޗުގެ ޓިކެޓު ވިއްކަން ފެށުމާއެކު ގިނަ ބަޔަކު ކިޔޫ ހަދައިފިއެވެ.
އަންނަ އަންގާރަ ދުވަހުގެ ރޭ 8:00ގައި ކުޅޭ އެ މެޗުގެ ޓިކެޓު ވިއްކަން ފަށާފައިވަނީ މިއަދު ހަވީރު ގައުމީ ފުޓްބޯޅަ ދަނޑުންނެވެ.
މިއަދު ޓިކެޓު ވިއްކަން ހަމަޖެހިފައިވަނީ ހަވީރު 4:30 އިން ފެށިގެން އިރުއޮއްސި 6:30 އަށެވެ. އަދި ރޭގަނޑު 8:00 އިން ފެށިގެން 11:30 އަށެވެ. މިއަދަށް ފަހު ދެން ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ މެންދުރު ފަހު 2:00 އިން ފެށިގެން އެ ރޭ 9:30 އަށެވެ. ނަމަވެސް އެ ދުވަހު ޓިކެޓު ވިއްކާނީ ޓިކެޓުތަކެއް ނުވިކި ހުރެއްޖެ ނަމައެވެ.
ކޮލިފައިންގެ މެޗުތަކަށް ގޭޓް 1 އާއި ގޭޓް 2 އިން ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 150 ރުފިޔާއަށެވެ. އެ ގޭޓުތަކުން ޓިކެޓު ވިއްކާނީ މީހަކަށް ގިނަވެގެން ތިން ޓިކެޓެވެ. ގޭޓް 3 އިން ޓިކެޓު ވިއްކުމަށް ހަމަޖެހިފައިވަނީ 100 ރުފިޔާއަށެވެ. އެ ގޭޓުން ޓިކެޓު ވިއްކާނީ މީހަކަށް ޓިކެޓެކެވެ.
އާންމުކޮށް ގައުމީ ޓީމުގެ މެޗެއް ކުޅުމަށް ޓިކެޓު ވިއްކަން ފެށުމާއެކު ޓިކެޓު ގަތުމަށް ގިނަ ބަޔަކު ކިޔޫ ހަދައެވެ. އަދި ބައެއް މީހުން އެއްފަހަރާ ގިނަ ޓިކެޓުތަކެއް ގަނެ، މެޗު ފެށެން ކުޑަތަން ވުމުން، އެ ޓިކެޓުތައް ބޮޑެތި އަގުތަކުގައި ވިއްކަމުންދެއެވެ. ނަމަވެސް އެ މައްސަލައަށް ހައްލެއް ގެނައުމަށް އެފްއޭއެމް އިން ކުރިއަށް އޮތް މެޗަށް ކޮންމެ މީހަކަށް ވެސް ޓިކެޓު ވިއްކަނީ ވަކި އަދަދަކަށެވެ.
ދަނޑުގެ އިރުމަތީ ފަރާތު ސިޑިބަރިތަކުގައި ރެނދުލާފައިވާތީ އެ ސަރަހައްދު ބޭނުންކުރުން ހުއްޓާލުމަށް ހައުސިން މިނިސްޓްރީން ވަނީ އަންގައިފައެވެ. އެހެންކަމުން ގައުމީ ޓީމު ކުޅޭ މެޗަށް ވިއްކާނީ 3500 ޓިކެޓެވެ. އޭގެ ތެރެއިން އަވޭ ޓީމަށް ރިޒާވްކުރުމަށް ފަހު ދިވެހި ސަޕޯޓަރުންނަށް ވިއްކުމަށް ހަމަޖެހިފައިވަނީ 2090 ޓިކެޓެވެ.
އަންނަ އަންގާރަ ދުވަހު ކުޅޭ މެޗަކީ ޗައިނާ އިން ކޮލިފައިންގައި ކުޅޭ ފުރަތަމަ މެޗެވެ. ރާއްޖެ އިން ވަނީ ކޮލިފައިންގައި ކުޅުނު ފުރަތަމަ މެޗުން މޮޅުވެފައެވެ. މިދިޔަ ބުރާސްފަތި ދުވަހު ރަށުން ބޭރުގައި ގުއާމްއާ ދެކޮޅަށް ރާއްޖެ ކުޅުނު މެޗުން މޮޅުވީ 1-0ގެ ނަތީޖާއަކުންނެވެ.
ކޮލިފައިންގެ "ގްރޫޕު އޭ"ގައި ރާއްޖެއާއި ޗައިނާއާއެކު އޮތީ ސީރިއާ އާއި ގުއާމް އަދި ފިލިޕީންސްއެވެ.