މިނިސްޓްރީ އޮފް ޓްރާސްޕޯޓް އެންޑް ސިވިލްއޭވިއޭޝަން

ބްރިޖާއި ހައިވޭގައި ހަރުކުރާ ކެމެރާތަކުން ބާރަށް ދުއްވާ ވެހިކަލްތައް ދެނެގަނެ، އެމީހަކަށް ސްލިޕެއް ދޭނެ

1

މާލެ އާއި ހުޅުލެއާ ގުޅާލައި އަޅާފައިވާ ސިނަމާލެ ބުރިޖާއި ހައިވޭގައި ޖުމްލަ 97 ސަވަޔަލެންސް ކެމެރާ ހަރުކުރާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި "ސައިގަޑި" ޕްރޮގްރާމްގައި ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީގެ އެސިސްޓަންޓް ޑިރެކްޓަރު ހުސައިން ނަޒީރު ވިދާޅުވީ، ފުލުހުންނާ ގުޅިގެން ބްރިޖާއި ހައިވޭގައި ސްޕީޑް ކެމެރާ ހަރުކުރުމުގެ މަސައްކަތް މިހާރު ކުރަމުންދާ ކަމަށެވެ. އަދި އަންނަ އަހަރު އެ ކެމެރާތައް ބޭނުންކުރަން ފަށާނެ ކަމަށް ވިދާޅުވިއެވެ.

"ކެމެރާތައް ހަރުކުރާއިރު، ކެމެރާތަކަށް ރީޑް ކުރެވޭ ވަރަށް ލައިސަންސް ޕްލޭޓް ތަކަށް ބަދަލެއް ގެންނަން ޖެހިދާނެ. އެކަމަށް ވެސް މިހާރު މަޝްވަރާ ކުރަމުން މިދަނީ. އެއީ ނަންބަރު ބޯޑު ތަކަކީ ރީޑް ކުރެވޭވަރު އެއްޗަކަށް ވާންޖެހޭތީ,'' ނަޒީރު ވިދާޅުވިއެވެ.

ގިނަ އެކްސިޑެންޓުތައް ހިނގަނީ ބާރު ސްޕީޑުގައި ދުއްވުމުގެ ސަބަބުންކަން ފާހަގަކުރައްވާ އޭނާ އިތުރަށް ވިދާޅުވީ، ކެމެރާތައް ހަރުކުރުމަށްފަހު، ގަވައިދަށްވުރެ ބާރަށް ދުއްވާ އުޅަނދުތަކަށް ބްރިޖުން ނުވަތަ ހައިވޭއިން ފައިބާއިރަށް ސްލިޕެއް ލިބޭނެ ކަމަށެވެ. އަދި އެކަމުން ރެކިގަނެވޭނެ ގޮތެއް ނޯންނާނެ ކަމަށް ވިދާޅުވިއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟