ކަނޑުދަތުރު ކުރާއިރު ލައިފް ޖެކެޓް އަޅަން މަޖުބޫރުކުރާނެ ކަމަށް ޓްރާންސްޕޯޓު މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާ ބެހޭގޮތުން މައުލޫމާތު ދިނުމަށް އެ މިނިސްޓްރީން މިއަދު އިންތިޒާމު ކުރި "ސައިގަޑި" ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ސްޓޭޓް މިނިސްޓަރު އަހުމަދު އާދިލު ވިދާޅުވީ، ކަނޑު ދަތުރުކުރާ އުޅަނދުތަކުގައި ލައިފް ޖެކެޓް އެޅުން މަޖުބޫރުވާ ގޮތަށް ދެ ހަފުތާގެ ތެރޭގައި ގަވައިދު ހަދައި އާއްމު ކުރާނެ ކަމަށެވެ.
އާދިލު ވިދާޅުވީ، ގަވައިދު އާންމު ކުރުމުން ލަައިފް ޖެކެޓް އަޅައިގެން ދަތުރު ކުރަން މަޖުބޫރުވާނެ ކަމަށާއި ދަތުރުކުރަންވާނީ ސަލާމަތާއި ރައްކާތެރި ކަމަށް ވިސްނާފައި ކަމަށެވެ.
އަދި ލައިފް ޖެކެޓު އެޅުން މަޖުބޫރު ކުރާއިރު ފަރުދީ ޒިންމާ އަދާކުރުން މުހިންމު ކަމަށާއި ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ބޭނުން ނަމަ މިފަދަ ގަވައިދުތަކަށް ހުރުމަތްތެރިކޮށް ހިތަން ޖެހޭނެ ކަމަށް އާދިލު ވިދާޅުވިއެވެ.
އާދިލު ވިދާޅުވި ގޮތުގައި ދަތުރަށް ފަށާއިރު ލައިފް ޖެކެޓް އަޅާފަ ތިބިތޯ ބަލައި، އެކަން ރެގިއުލޭޓް ކުރުމުގެ ޒިންމާ އުފުލަންވާނީ ކެޕްޓަނެވެ. އަދި އެކަން މޮނިޓާ ކުރަމުން ގެންދާނީ މެރިން ޕޮލިސް އާއި ކޯސްޓް ގާޑް ގުޅިގެން ކަމަށް ވިދާޅުވިއެވެ.
"މިހާރުވެސް ޓޫރިސްޓު ރިސޯޓުތަކަށް ފަސިންޖަރުން އުފުލާއިރު ލައިފްޖެކެޓު އަޅުވައިގެން މި ދަތުރުކުރަނީ. މިއީ އުނދަގޫވެސް ކަމެއް ނޫން. ސަލާމަތާ ރައްކާތެރިކަމަށް ކުރަންޖެހޭ ކަންތައް ކުރާނަން. ހާއްސަކޮށް ކަނޑު ގަދައިރު ދަތުރުކުރަންވާނީ ލައިފް ޖެކެޓު އަޅައިގެންތޯ، ޔެލޯ އެލާޓް ނެރެފައި އޮންނައިރު ދަތުރުކުރާއިރު ލައިފް ޖެކެޓު އަޅަންޖެހޭނެތޯ މިކަންތައް އަޅުގަނޑުމެން ކަނޑައަޅާނަން.'' އާދިލު ވިދާޅުވިއެވެ.
އޭނާ ވިދާޅުވީ 24 ގަޑިއިރު އަބަދު ޗެކް ނުކުރެވޭނެ ކަމަށާއި ނަމަވެސް އެ ގަވައިދު މޮނީޓާ ކުރާނެ ކަމަށެވެ.