އިލެކްޝަންސް ކޮމިޝަން (އީސީ)ގެ މުވައްޒަފުންނަށް ތަމްރީނު ޕްރޮގްރާމްގެ ފުރުސަތު ހޯދުމަށް އިންޑިއާއިން ރާއްޖެއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ސަންޖޭ ސުދިރްއާ އިލެކްޝަނުން ބައްދަލުކޮށްފިއެވެ.
އިންޑިއަން ހައި ކޮމިޝަންގައި މިއަދު ކުރިއަށްދިޔަ މި ބައްދަލުވުމުގައި އިލެކްޝަންސް ކޮމިޝަނުގެ ރައީސް އަހުމަދު ޝަރީފާއި ކޮމިޝަންގެ މެމްބަރު އިސްމާއީލް ހަބީބާއި ކޮމިޝަންގެ މެމްބަރު އަދި ތަރުޖަމާނު އަހުމަދު އަކުރަމް ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމުގައި އިލެކްޝަންސް އިން ވަނީ އެ ކޮމިޝަންގެ މުވައްޒަފުންގެ ފަންނީ ގާބިލުކަން އިތުރުކުރުމަށް އިންޑިއާއިން އިތުރު ތަމްރީނު ޕްރޮގްރާމްތަކަށް ފުރުސަތު ހޯދުމާ ގުޅިގެން މަޝްވަރާކުރައްވައިފައެވެ،
މިކަމާ ގުޅިގެން ''ވަން'' އަށް މައުލޫމާތު ދެއްވަމުން އަކްރަމް ވިދާޅުވީ އިންޑިއާއިން އިލެކްޝަންގެ މުވައްޒަފުންނަށް އެކި ޓްރެއިނިން ޕްރޮގްރާމުތައް ހިންގާތާ މިހާރު ހަ އަހަރަށް ވުރެ ގިނަ ދުވަސްވެފައިވާ ކަމަށެވެ. އަދި މިއަދުގެ ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މި ޓްރެއިނިންތަކާ ގުޅިގެން މަޝްވަރާ ކުރެވުނު ކަމަށް އަކްރަމް ވިދާޅުވިއެވެ.
އަކްރަމް ވިދާޅުވީ މިއަދުގެ ބައްދަލުވުމުގައި އިލެކްޝަންސްގެ ހިއުމަން ރިސޯސް ޑިޕާޓްމަންޓް އިތުރަށް ވަރުގަދަ ކުރުމާ ގުޅޭގޮތުން އިންޑިއާ ސަފީރާ މަޝްވަރާ ކުރެއްވި ކަމަށެވެ. އަދި މިހާރު މުވައްޒަފުންގެ ތަމްރީނުތަކަށް އިންޑިއާއިން ފޯރުކޮށްދެމުން އަންނަ އެހީ އިތުރު ކުރުމާ ގުޅޭ ގޮތުންވެސް މި ބައްދަލުވުމުގައި މަޝްވަރާ ކުރެވުނު ކަމަށް އަކްރަމް ވިދާޅުވިއެވެ.