ކުރީގެ ނައިބު ރައީސް ފައިސަލް ނަސީމް

ކަނޑުމަތީގެ ހާދިސާއެއް ހިނގާއިރު ކަމާބެހޭ އިދާރާތަކަށް އެނގޭނެ ނިޒާމެއް ގާއިމްކުރުމަށް ސަރުކާރުން މަޝްވަރާކޮށްފި

ޝަހީދާ އަބްދުﷲ ސައީދު

ކަނޑުމަތީގެ ހާދިސާއެއް ހިނގާއިރު ކަމާބެހޭ އިދާރާތަކަށް އެކަން އެނގޭނެ ނިޒާމެއް ގާއިމްކުރުމާ ގުޅޭ ގޮތުން ނައިބު ރައީސް ފައިސަލް ނަސީމު، ކަމާބެހޭ އިދާރާތަކުގެ އިސްވެރިންނާ މަޝްވަރާކުރައްވައިފިއެވެ.

ރައީސް އޮފީހުން ބުނިގޮތުގައި މިއަދު މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި، މަޝްވަރާ ކުރެއްވި މައިގަނޑު ކަންތައްތަކުގެ ތެރޭގައި، ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށް އިތުރަށް އެޅޭނެ ފިޔަވަޅުތަކާއި ގާނޫނަށް ގެންނަންޖެހޭ ބަދަލުތަކަކީ ކޮބައިތޯ ބެލުމާއި، ކަނޑުމަތީގެ ހާދިސާއެއް ހިނގާއިރު ކަމާބެހޭ އިދާރާތަކަށް އެކަން އެނގޭނެ ނިޒާމެއް ގާއިމްކުރުން ފަދަ ކަންކަން ހިމެނެއެވެ.

މީގެއިތުރުން، ކަނޑުމަތީގެ ރައްކާތެރިކަމާބެހޭގޮތުން މީހުން ހޭލުންތެރިކުރުވުމާއި، ކުދި އުޅަނދު ފަހަރު ބޭނުންކުރުމުގައި ސަމާލުކަން ދޭންޖެހޭ ކަންކަމާއި ބެހޭގޮތުންވެސް މި ބައްދަލުކުރެއްވުމުގައި މަޝްވަރާކުރައްވާފައިވެއެވެ.

އެގޮތުން، ކުރިން ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ރަނގަޅަށް ތަންފީޒުކުރެވޭތޯ ބަލައި، އެފަދަ ގަވައިދުތައް ތަންފީޒުކުރުމުގައި ކައުންސިލުތައް ބާރުވެރިކުރުވުމުގެ މުހިންމުކަން ހުރިހާ ބޭފުޅުންވެސް ފާހަގަކުރެއްވިކަމަށް ރައީސް އޮފީހުން މައުލޫމާތު ދެއެވެ.

އަދި، ނެޝަނަލް ސަރޗް އެންޑް ރެސްކިއު ކޮމިޓީ މެދުވެރިކޮށް އެކަންކަމަށް ހައްލު ހޯދުމާއި ބެހޭގޮތުންވެސް މަޝްވަރާކުރެއްވި ކަމަށް ރައީސް އޮފީހުން ބުނެއެވެ.

ކަނޑުމަތީގެ ސަލާމަތާއި ރައްކާތެރިކަމާ ބެހޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު ފުޅާ ދާއިރާއެއްގައި މަޝްވަރާކުރެއްވުމަށް ބޭއްވި މިބައްދަލުވުމުގައި ޓްރާންސްޕޯޓް މިނިސްޓްރީއާއި، ކޯސްޓްގާޑް އަދި އެމްއެންޑީއެފް ގެ އިސް ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވިއެވެ.