ރާއްޖޭގައި އެއްގަމު އުޅަނދު ފަހަރު ދުއްވުމަށް ދޫކުރާ ލައިސަންސަކީ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ ލައިސަންސަކަށް ހެދުމުގެ މަސައްކަތް މިހާރު ފަށާފައިވާކަމަށް ޓްރާންސްޕޯޓް މިނިސްޓްރީން ބުނެފިއެވެ.
ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާބެހޭ ގޮތުން މައުލޫމާތު ދިނުމަށް މިއަދު ބޭއްވި "ސައިގަޑި" ޕްރޮގްރާމްގައި މިނިސްޓްރީގެ ޑެޕިޔުޓީ މިނިސްޓަރު ހިދާޔާ ނަސީރު ވިދާޅުވީ، ދިވެހި ލައިސަންސް އިންޓަނޭޝަނަލް ކުރުމަށް "ރޯޑް ޓްރެފިކް ކޮންވެންޝަން" ގައި ބައިވެރިވުމަށް ނިންމާފައިވާކަމަށެވެ.
އޭނާ ވިދާޅުވީ، ކޮންވެންޝަނުގައި ބައިވެރިވުމާމެދު އެޓާނީ ޖެނެރަލްގެ ލަފަޔަކަށް މިހާރު އެދިފައިވާ ކަމަށާއި ބޭރު ގައުމުތަކުގައި ރާއްޖޭގެ ލައިސަންސް ބަލައިނުގަތުމަށް ނިންމާފައިވަނީ އެ ކޮންވެންޝަނުގައި ބައިވެރި ނުވެ އޮތުމުން ކަމަށް އޭނާ ވިދާޅުވިއެވެ.
މެލޭޝިޔާގައި، ބޭރު ގައުމުތަކުގެ ޑްރައިވިން ލައިސަންސް ބޭނުންކުރުމުގެ އުސޫލަށް ގެނައި ބަދަލަކާއި ގުޅިގެން ދިވެހި ލައިސަންސް ބަލައިގަތުން އެގައުމުން ހުއްޓާލާފައިވަނީ މިއަހަރުގެ ޖެނުއަރީ މަހުގެ އަށް ވަނަ ދުވަހުއެވެ.
މެލޭޝިޔާގައި ހުންނަ ދިވެހި އެމްބަސީން އެދުވަހު ނެރުނު ބަޔާނެއްގައި ވަނީ މެލޭޝިޔާގެ ޑްރައިވިން ސްކޫލެއް މެދުވެރިކޮށް ލައިސަންސް ނަގައިގެން އުޅަނދު ފަހަރު ދުއްވޭނެ ކަމަށާއި، އިންޓަނޭޝަނަލް ލައިސަންސް އޮންނަ ފަރާތްތަކަށް ވެސް މެލޭޝިއާގައި ދުއްވޭނެ ކަމަށް ބުނެފައެވެ. އަދި އެބަދަލަކީ ވަކި ގައުމަކަށް ގެނައި ބަދަލެއް ނޫން ކަމަށް ވެސް ބުނެފައިވެއެވެ.