ރާއްޖޭގެ މިނިސްޓަރު އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ އަވަށްޓެރި ސްރީލަންކާއަށް ކުރެއްވި ދަތުރުގައި އެގައުމުގެ ކުރީގެ ރައީސް މަހިންދާ ރާޖަޕަކްސް އާއި ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމާ ގުޅިގެން ލަންކާގެ ކުރީގެ ރައީސް މަހިންދަ ރާޖަޕަކްސަ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޓްރާންސްޕޯޓް މިނިސްޓަރު ނަހުލާ އަދި ޑެޕިއުޓީ މިނިސްޓަރު ހަމަދް އަބްދުލް ގަނީ މަހިންދަ ރާޖަޕަކްސަގެ އަރިހަށް އިހްތިރާމުގެ ޒިޔާރާތެއް ކުރައްވާފައިވާ ކަމަށާއި މި ބައްދަލުވުމުގައި ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ބެހޭގޮތުންނާއި މިހާރުގެ ހުރި ގުޅުންތައް އިތުރަށް ވަރުގަދަކުރެވޭނެ ގޮތްތަކާމެދު މަޝްވަރާކުރައްވާފައިވާ ކަމަށެވެ.
ނަމަވެސް މި ބައްދަލުވުމުގެ އިތުރު ތަފުސީލެއް މަހިންދަ ރާޖަޕަކްސަ އަދި ޓްރާންސްޕޯޓް މިނިސްޓްރީން ވެސް ހާމަކޮށްފައެއް ނުވެއެވެ.
މިނިސްޓަރު ނަހުލާ މިހާރު ވަނީ ސްރީލަންކާއަށް ކުރެއްވި ދަތުރު ނިންމަވައިލެއްވުމަށް ފަހު އެނބުރި ރާއްޖެއަށް ވަޑައިގެންފައެވެ.