ނެޝަނަލް ޕޭ ކޮމިޝަން

މުސާރައިގެ އާ އޮނިގަނޑު އެކުލަވާލައިފި، އަންނަ އަހަރު އަމަލު ކުރަން ފަށަނީ

މަރިޔަމް ޝަހުދާ

3

މުސާރައިގެ އާ އޮނިގަނޑު އެކުލަވައިލުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި އެ އޮނިގަނޑަށް އަންނަ އަހަރު އަމަލު ކުރަން ފެށުމަށް ހަމަޖައްސާފައިވާ ކަމަށް ނެޝަނަލް ޕޭ ކޮމިޝަނުން ބުނެފިއެވެ.

އެ ކޮމިޝަނުން މިކަން އާންމުކޮށްފައިވަނީ ކޮމިޝަންގެ ރައީސް، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރުގެ ނަމުގައި މިއަދު އާންމު ކުރި ސާކިއުލާއެއްގައެވެ.

މި ސާކިއުލާގައި ބުނެފައިވާ ގޮތުގައި، މުސާރައިގެ އާ އޮނިގަނޑު އެކުލަވާލާފައި ވަނީ މިހާރު ދައުލަތުގެ އިދާރާތަކުން އަމަލު ކުރަމުން އަންނަ މުސާރައިގެ އޮނިގަނޑާއި ގުޅޭގޮތުން ކޮމިޝަނުން ކޮށްފައިވާ ދިރާސާތަކާއި ބައިނަލްއަގުވާމީ ބެސްޓް ޕްރެކްޓިސްއަށް ރިއާޔަތްކޮށްގެނެވެ.

މި އޮނިގަނޑު އެކުލަވާލާފައިވާނީ ހުރިހާ ފަންނުތަކެއްގެ ގިންތިތަކާއި، ފަންތިތަކާއި ޝަރުތުތައް ކަނޑައެޅުމަށްފަހު އެއިން ކޮމެ ފަންނެއްގެ މުސާރަ ހިމެނޭ ގޮތަށް ކަމަށް ސާކިއުލާގައި ވެއެވެ. އެގޮތުން ދައުލަތުގައި ހިމެނޭ 96 ފަންނުގެ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތައް މުސާރައިގެ އާ އޮނިގަނޑުގައި ހިމެނޭނެ ކަމަށް ޕޭ ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން މައުލޫމާތު ދޭ ގޮތުގައި ދައުލަތުގެ އިދާރާތަކުގައި ހިމެނޭ ފަންނުތައް ގްރޫޕްކުރުމަށްފަހު އެކުލަވާލާފައިވާ ''މޯލްޑިވްސް ޕަބްލިކް ސާވިސް ޖޮބް ފެމެލީ މޮޑެލް'' ކޮމިޝަންގެ ވެބްސައިޓުގައި މިހާރު ވަނީ ޝާއިއު ކޮށްފައެވެ. އަދި ''މޯލްޑިވްސް ޕަބްލިކް ސާވިސް ޖޮބް ފެމެލީ މޮޑެލް'' ގައި ހިމެނޭ ފަންނުތަކުގެ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތައް ކަނޑައެޅުމަށް ކޮމިޝަނުން ކުރާ މަސައްކަތްތައް މިހާރަށް ވުރެ ހަލުވި ބާރުމިނެއްގައި ކުރިއަށް ގެންދިއުމަށް މިމަހު 19 ގެ ކުރިން ދައުލަތުގެ އިދާރާތަކުން މިހާރު ބޭނުންކުރަމުން އަންނަ ގިންތިތަކާއި ފަންތިތަކާއި ޝަރުތުތައް ހިމެނޭ އޮނިގަނޑު އެ ކޮމިޝަނަށް ފޮނުވައި ދިނުމަށް ކޮމިޝަނުން އެދެއެވެ.

މީގެ އިތުރުން ދައުލަތުގެ މުވައްޒަފުންނަށް ދެމުން އަންނަ އެލަވަންސްތައް އެއްހަމަ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށް ވެސް ޕޭ ކޮމިޝަނުން މައުލޫމާތު ދެއެވެ. އެގޮތުން މުސާރައިގެ އޮނިގަނޑާއެކު އެލަވަންސް ދޭ އުސޫލަށް ގެންނަ ބަދަލުތައް އާންމު ކުރާނެކަމަށް ވެސް އެ ކޮމިޝަނުން ބުނެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟