މޯލްޑިވްސް ޓްރާންސްޕޯޓް އޮތޯރިޓީ

މާލޭގެ މަގުތަކުގައި މިހާރު ހުރި ޓްރެފިކް ލައިޓްތައް ނަގައި، ލެޑްލައިޓް ހަރުކުރަނީ

އިބްރާހިމް ޒަކީ

5

މާލެއަށް ދިމާވެފައިވާ ޓްރެފިކްގެ މައްސަލަ ހައްލު ކުރުމަށް، މާލޭގެ މަގުތަކުގައި މިހާރު ހުރި ޒަމާންވީ ޓްރެފިކް ލައިޓްތައް ނަގައި އަންނަ އަހަރުން ފެށިގެން ލެޑްލައިޓް ހަރުކުރަން ފަށާނެ ކަމަށް ޓްރާންސްޕޯޓް މިނިސްޓްރީިން ބުނެފިއެވެ.

ދެހާހުގެ ކޮރީކޮޅު ފުރަތަމަ ފަހަރަށް މާލޭގެ ބޮޑެތި ބައެއް މަގުތަކުގައި ޓްރެފިކް ލައިޓް ހަރުކޮށް އޮޕަރޭޓް ކުރަން ފެށިއެވެ. ނަމަވެސް ލައިޓްތަކުގެ މައްސަލަޖެހުމާއި، އެކަމުގެ ސަބަބުން މަގުތައް ތޮއް ޖެހޭތީ އާއި ލައިޓު އޮޕަރޭޓް ކުރުމަށް ކޮންމެ މަހަކު ބޮޑު ހަރަދެއް ކުރަން ޖެހޭތީ، 2016 ވަނަ އަހަރުން ފެށިގެން ލައިޓްތައް ބޭނުންކުރުން ހުއްޓައިލިއެވެ.

ޓްރާންސްޕޯޓް މިނިސްޓްރީގެ މަސައްކަތްތަކާބެހޭ މައުލޫމާތު ނޫސްވެރިންނާ ހިއްސާ ކުރުމަށް، "ނުވަގަޑި މީޑިއާ އާއެކު"ގެ ނަމުގައި މިނިސްޓަރު އާއިޝަތު ނަހުލާ މިއަދު ބޭއްވެވި އިވެންޓްގައި، ވަން އޮންލައިންއަށް މައުލޫމާތު ދެއްވަމުން އެ މިނިސްޓްރީން ބުނީ މާލޭގެ މަގުތަކުގައި ހަރުކުރާގޮތަށް ހަމަޖެހިފައިވަނީ ލެޑްލައިޓް ކަމަށާއި އޮޓޯ އަދި މެނުއަލް ކޮށް އޮޕަރޭޓްކުރާގޮތަށް މި ލައިޓުތައް ހަރުކުރާނީ މިހާރު ހުރި ލައިޓްތައް ނެގުމަށްފަހު ކަމަށެވެ.

ޓްރާންްސްޕޯޓް މިނިސްޓްރީން ބުނީ ގިނަ އަހަރުތަކެއް ވަންދެން ބޭނުންކޮށް، މިހާރު ހަރުކޮށްފައިހުރި ލައިޓް ތަކަކީ ސްޕެއާވެސް ލިބޭ އެއްޗެއް ނޫން ކަމަށާއި އެއީ އޮޕަރޭޓް ކުރުމުގެ ހަރަދުވެސްބޮޑު ލައިޓްތަކެއް ކަމަށެވެ.

ޓްރާސްޕޯޓް މިނިސްޓްރީން ބުނީ އަންނަ އަހަރުން ފެށިގެން އާ ލައިޓްތައް ހަރުކުރަން ހަމަޖައްސާފައިވީ ނަމަވެސް ލައިޓްތައް ބަހައްޓާނެ ލޮކޭޝަން ތަކާއި އަދަދުތައް އަދި ކަނޑަނާޅާ ކަމަށެވެ.

ޓްރެފިކްގެ މައްސަލަތައް ހައްލު ކުރުމާއި ދަތުރުފަތުރުގެ ކަންކަންބަލައި މޮނިޓާކޮށް ދިމާވާ މައްސަލަތައް ހައްލު ކުރުމުގެ މުއައްސަސާގެ ގޮތުގައި ކުރިން އޮތް، ޓްރާންސްޕޯޓް އޮތޯރިޓީން 2016 ވަނަ އަހަރު ޓްރެފިކް ލައިޓްތައް އޮޕަރޭޓް ކުރުން ހުއްޓާލަމުން ބުނެފައިވަނީ، މާލޭގެ އެކި ސަރަހައްދުތަކުގައި ބަހައްޓާފައިހުރި 13 ޓްރެފިކް ބައްތި އޮޕަރޭޓް ކުރަން މަހަކު 60،000 ރުފިޔާ ހަރަދުވާ ކަމަށެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟