އދ ގެ ކޮންފަރެންސް އޮން ޓްރޭޑް އެންޑް ޑިވަލޮޕްމަންޓް، ޔޫއެންސީޓީޑީ ގެ ޔޫއެން ޓްރޭޑް ފޯރަމް ގައި ބައިވެރިވެވަޑައިގަތުމަށް އެންވަޔަރަމަންޓް މިނިސްޓަރު ޑރ. ހުސެއިން ރަޝީދު ހަސަން ސްވިޓްޒަލެންޑަށް ފުރާ ވަޑައިގެންފި އެވެ.
ސްވިޓްޒަލެންޑްގެ ޖެނެވާގައި މިމަހު ނުވައަކުން 13 އަށް ކުރިއަށް ދިއުމަށް ހަމަޖައްސާފައިވަ ޔޫއެން ޓްރޭޑް ފޯރަމް، އެސްޑީޖީސް އެންޑް ކްލައިމަޓް ޗޭންޖް ގައި ބައިވެރިވެވަޑައިގަތުމަށް މިނިސްޓަރު ހުސެއިން ރަޝީދު ފުރާވަޑައިގެންނެވީ މިއަދު އެވެ. މި ދަތުރަކީ ޔޫއެންސީޓީޑީގެ ސެކްރެޓަރީ ޖެނެރަލްގެ ހާއްސަ ދައުވަތަކަށް، ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ ހާއްސަ މަންދޫބެއްގެ ގޮތުގައި މިނިސްޓަރު ކުރައްވާ ދަތުރެއް ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ.
މި ދަތުރުގައި ޔޫއެން ޓްރޭޑް ފޯރަމްގައި މިނިސްޓަރު ތަގުރީރު ކުރެއްވުމަށް ހަމަޖައްސާފައިވާ ކަމަށް އެންވަޔަރަމަންޓް މިނިސްޓްރީން މައުލޫމާތު ދެއެވެ. މިނިސްޓަރު ހުސެއިން ތަގުރީރު ކުރައްވަން ހަމަޖައްސާފައިވަނީ މޫސުމަށް އަންނަ ބަދަލުތަކުގެ ސަބަބުން ކުދި ޖަޒީރާ ގައުމުތަކުގެ ވިޔަފާރިއާއި، އިގުތިސާދު އަދި ދެމެހެއްޓެނިވި ތަރައްގީއަށް ކުރާ ނޭދެވޭ އަސަރުތަކާ ބެހޭގޮތުންނެވެ.
މި ބައްދަލުވުމުގައި މައިގަނޑުގޮތެއްގައި މޫސުމަށް އަންނަ ބަދަލުތަކުގެ އިތުރަށް، ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލްކުރުމުގައި ވިޔަފާރިއާއި އިގުތިސާދަށް ކުރަމުންދާ އަދި ކޮށްފާނެ އަސަރުތަކާއި ގުޅިގެން މަޝްވަރާ ކުރުމަށް ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެފަދަ ކަންކަން ކުޑަކުރުމަށް ގައުމުތައް ގުޅިގެން ކުރެވިދާނެ ކަންކަން މި ބައްދަލުވުމުގައި މަޝްވަރާކުރާނެ ކަމަށް ވެސް އެންވަޔަރަމަންޓް މިނސްޓްރީން މައުލޫމާތު ދެއެވެ.