ޔޫރޯ ކޮލިފައިން

ރޮނާލްޑޯގެ ލަނޑަކާއެކު ސާބިއާ ބަލިކޮށް، ޕޯޗުގަލް އިން އުންމީދު އާކޮށްފި

ޔޫރޯ ކޮލިފައިންގައި ކްރިސްޓިއާނޯ ރޮނާލްޑޯ ކާމިޔާބުކުރި ލަނޑަކާއެކު ސާބިއާ ބަލިކޮށް، ޕޯޗުގަލް އިން އުންމީދު އާކޮށްފިއެވެ.

ޔޫރޯ ކޮލިފައިންގެ "ގްރޫޕު ބީ"ގައި ރޭ ރަށުން ބޭރުގައި ސާބިއާއާ ދެކޮޅަށް ކުޅުނު މެޗުން ޕޯޗުގަލް މޮޅުވީ 4-2ގެ ނަތީޖާއަކުންނެވެ.

މެޗުގެ ފުރަތަމަ ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބިގެންދިޔައެވެ. ނަމަވެސް މެޗުގެ ފުރަތަމަ ހާފުގައި ފެނުނު ހަމައެކަނި ލަނޑަކީ 42 ވަނަ މިނެޓުގައި ޕޯޗުގަލް އިން ޖެހި ލަނޑެވެ. އެ ލަނޑު ޕޯޗުގަލަށް ކާމިޔާބުކޮށްދިނީ ވިލިއަމް ކާވާޅިއޯއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޕޯޗުގަލް ކުރީގައި އޮވެގެންނެވެ.

މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕޯޗުގަލް ކެޕްޓަން ރޮނާލްޑޯއަށް ލަނޑު ޖަހާނެ ދެ ފުރުސަތެއް ލިބިގެންދިޔައެވެ. ނަމަވެސް ދެވަނަ ހާފުގެ ފުރަތަމަ ފަސް މިނެޓުގެ ތެރޭގައި ރޮނާލްޑޯއަށް ލިބުނު އެ ދެ ފުރުސަތުގެ ބޭނުން ވެސް އޭނާއަށް ހިފިފައެއް ނުވެއެވެ. ރޮނާލްޑޯގެ އެ ދެ ހަމަލާ ވެސް ސާބިއާގެ ގޯލާ އަމާޒުވެފައެއް ނުވެއެވެ.

މެޗުގެ 58 ވަނަ މިނެޓުގައި ޕޯޗުގަލް އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ބްރޫނޯ ފެނާންޑޭޒް ދިން ބޯޅައަކުން ޕޯޗުގަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ގޮންކާލޯ ގުއެޑޭސްއެވެ. ވަރަށް ރީތިކޮށް ސާބިއާ ޑިފެންޑަރެއް ކައިރިން ނައްޓާލުމަށް ފަހު ގުއެޑޭސް އެ ހަމަލާ ފޮނުވާލީ ގޯލުގެ ކަނަކަށެވެ.

މެޗުގެ 68 ވަނަ މިނެޓުގައި ސާބިއާ އިން ވަނީ ލަނޑެއް ޖަހައި އުންމީދު އާކޮށްފައެވެ. ޑުސާން ޓަޑިޗް ނަގައިދިން ކޯނަރަކުން ސާބިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޑިފެންޑަރު ނިކޮލާ މިލެންކޮވިޗްއެވެ. ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ތެރެއިން މިލެންކޮވިޗްއަށް ބޯޅަ ލިބުނު އިރު، އޭނާ ހުރީ ވަރަށް ހުސްކޮށެވެ.

މެޗުގެ 80 ވަނަ މިނެޓުގައި ޕޯޗުގަލް އިން ވަނީ އަލުން ލީޑު ފުޅާކޮށްފައެވެ. ބެނާޑޯ ސިލްވާ ދިން ބޯޅައަކުން ޕޯޗުގަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ރޮނާލްޑޯއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕެނަލްޓީ އޭރިއާ ތެރެއަށް ވަދެ، ވަރަށް ހުސްކޮށް ހުރެ ފޮނުވާލި ހަމަލާއަކުންނެވެ.

މެޗުގެ 85 ވަނަ މިނެޓުގައި ސާބިއާގެ ދެވަނަ ލަނޑު ފެނިގެންދިޔައެވެ. ޓަޑިޗް ދިން ބޯޅައަކުން ސާބިއާއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ފޯވަޑް އެލެކްސެންޑާ މިޓްރޮވިޗްއެވެ. އޭނާ އެ ލަނޑު ކާމިޔާބުކުރީ ޕޯޗުގަލްގެ ޕެނަލްޓީ އޭރިއާ ތެރެއަށް ވަނުމަށް ފަހު، ފޮނުވާލި ބާރު ހަމަލާއަކުންނެވެ.

ސާބިއާ އިން ލަނޑު ޖެހިތާ މިނެޓެއް ތެރޭ ޕޯޗުގަލް އިން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ރަފައެލް ގުރޭރޯ ދިން ބޯޅައަކުން ޕޯޗުގަލަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ބެނާޑޯ ސިލްވާއެވެ. ސާބިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ބެނާޑޯ ސިލްވާއަށް ލިބުނު ބޯޅަ، އޭނާ ވަނީ ވަރަށް ރީތިކޮށް ގޯލުގެ ތިރީ ކަނަކަށް ފޮނުވާލައިފައެވެ.

ޔޫރޯ ކޮލިފައިންގެ "ގްރޫޕު ބީ"ގެ އެއްވަނައިގައި އޮތް ޔޫކްރޭނަށް ފަސް މެޗުން ލިބިފައިވަނީ 13 ޕޮއިންޓެވެ. ދެވަނައިގައި އޮތް ޕޯޗުގަލަށް ތިން މެޗުން ފަސް ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ލަކްޒެންބާގާއި ހަތަރުވަނައިގައި އޮތް ސާބިއާއަށް ހަތަރު މެޗުން ލިބިފައިވަނީ ހަތަރު ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް ލިތުއޭނިއާއަށް ހަތަރު މެޗުން ލިބިފައިވަނީ އެންމެ ޕޮއިންޓެކެވެ.

ރޭ ކުޅުނު ޔޫރޯ ކޮލިފައިންގެ މެޗުން މޮޅުވި ޓީމުތަކުގެ ތެރޭގައި އިނގިރޭސިވިލާތް ވެސް ހިމެނެއެވެ. "ގްރޫޕް އޭ"ގެ އެއްވަނައިގައި އޮތް އިނގިރޭސިން ވަނީ ރޭ އަމިއްލަ ގައުމުގައި ބަލްގޭރިއާ އަތުން 4-0ގެ ނަތީޖާއަކުން މޮޅުވެފައެވެ.

އެ މެޗުގައި އިނގިރޭސި ކެޕްޓަން ހެރީ ކޭން ވަނީ ހެޓްރިކެއް ފުރިހަމަކޮށްފައެވެ. އޭނާ ޖެހި ދެ ލަނޑު ކާމިޔާބުކޮށްފައިވަނީ އިނގިރޭސީންނަށް ލިބުނު ދެ ޕެނަލްޓީންނެވެ. އަދި އެޓީމުގެ އަނެއް ލަނޑަކީ ރަހީމް ސްޓާލިން ކާމިޔާބުކޮށްދިން ލަނޑެކެވެ.