ޔޫރޯ ކޮލިފައިން

ނުބައި ގައުމީ ސަލާމެއް ޖަހައިގެން އަލްބޭނިއާ ރުޅި އަރުވާލި މެޗުން ފްރާންސަށް މޮޅެއް

އަލީ ރިފްޝާން

ޔޫރޯ ކޮލިފައިންގައި ދުނިޔޭގެ ޗެމްޕިއަން ފްރާންސް އިން ފަސޭހަކަމާއެކު އަލްބޭނިއާ އަތުން މޮޅުވެއްޖެއެވެ.

ޔޫރޯ ކޮލިފައިންގެ "ގްރޫޕު އެޗް"ގައި ރޭ އަމިއްލަ ގައުމުގައި އަލްބޭނިއާއާ ދެކޮޅަށް ކުޅުނު މެޗުން ފްރާންސް މޮޅުވީ 4-1ގެ ނަތީޖާއަކުންނެވެ.

އެ މެޗުގެ ކުރިން އަލްބޭނިއާ ކުޅުންތެރިންނާއި ކޯޗިން ސްޓާފުންގެ ހިތްހަމަނުޖެހުންތައް ފެނިގެންދިޔައެވެ. އެކަން ހިނގައިދިޔައީ އަލްބޭނިއާގެ ގައުމީ ސަލާމުގެ ބަދަލުގައި އެންޑޯރާގެ ގައުމީ ސަލާމް ޖެހުމުންނެވެ. އެކަމާ ގުޅިގެން މެޗު ފެށުމަށް އަލްބޭނިއާ އިން ދެކޮޅު ހެދިއެވެ. އަދި ފަހުން މެޗު ފެށުނީ އަލްބޭނިއާގެ ގައުމީ ސަލާމަށްފަހުއެވެ.

ރޭ ކުޅުނު އެ މެޗު ފެށިތާ އަށް މިނެޓުގެ ތެރޭގައި ފްރާންސް އިން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. ރަފައެލް ވަރާން ދިން ބޯޅައަކުން ފްރާންސަށް ލީޑު ހޯދައިދިނީ ކިންގްސްލީ ކޯމަންއެވެ. އެ ލަނޑަށްފަހު މެޗުގެ 12 ވަނަ މިނެޓުގައި ފްރާންސް ފޯވަޑް އޮލިވިއާ ޖިރޫއަށް ލީޑު ފުޅާކޮށްލުމަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް، އޭނާއަށް އެ ފުރުސަތުގެ ބޭނުން ހިފިފައެއް ނުވެއެވެ.

މެޗުގެ 27 ވަނަ މިނެޓުގައި ފްރާންސް އިން ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ. ލޫކަސް ހެނާންޑޭޒް ނަގައިދިން ހުރަހަކުން ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ތަޖުރިބާކާރު ފޯވަޑް ޖިރޫއެވެ.

ތިން ލަނޑުގެ ލީޑަކާއެކު ފުރަތަމަ ހާފު ނިންމާލުމަށް ފްރާންސަށް ފުރުސަތެއް ލިބިގެންދިޔައެވެ. އަލްބޭނިއާގެ ޕެނަލްޓީ އޭރިއާ ތެރެއިން ހެނާންޑޭޒަށް ކުރި ފައުލަކާ ގުޅިގެން ފްރާންސަށް ޕެނަލްޓީއެއް ލިބިގެންދިޔަ ނަމަވެސް، މެޗުގެ 37 ވަނަ މިނެޓުގައި އެންޓޮއިން ގްރީޒްމަން ފޮނުވާލި ޕެނަލްޓީ އަމާޒުވީ އަލްބޭނިއާ ގޯލުގެ މަތީ ދަނޑިއަށެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 2-0ގެ ނަތީޖާއަކުން ފްރާންސް ކުރީގައި އޮވެގެންނެވެ.

ވަރުގަދަ ކުޅުމެއް ދައްކަމުންދިޔަ ފްރާންސް އިން އެޓީމުގެ ތިންވަނަ ލަނޑު ކާމިޔާބުކުރީ މެޗުގެ 68 ވަނަ މިނެޓުގައެވެ. ރީތި ކުޅުމަކަށް ފަހު ގްރީޒްމަން ދިން ބޯޅައަކުން ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ކޯމަންއެވެ.

މެޗު ނިމެން ފަސް މިނެޓަށް ވެފައި ވަނިކޮށް ފްރާންސް އިން ވަނީ އެޓީމުގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. ނަބީލް ފެކީރް ދިން ބޯޅައަކުން ފްރާންސަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އުމުރުން 21 އަހަރުގެ ފޯވަޑް ޖޮނަތަން އިކޯނޭއެވެ. ރޭގެ މެޗަކީ އޭނާ ފްރާންސް ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ.

މެޗު ނިމެނިކޮށް ޕެނަލްޓީ އޭރިއާ ތެރެއިން ސޮކޮލް ސިކަލެޝީއަށް ފްރާންސްގެ ކެޕްޓަން އަދި ގޯލްކީޕަރު ހޫގޯ ލޮރިސް ކުރި ފައުލަކާ ގުޅިގެން އަލްބޭނިއާއަށް ޕެނަލްޓީއެއް ލިބިގެންދިޔައެވެ. އަލްބޭނިއާއަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ސިކަލެޝީއެވެ.

ޔޫރޯ ކޮލިފައިންގެ "ގްރޫޕް އެޗް"ގެ އެއްވަނައިގައި އޮތް ފްރާންސްއާއި ދެވަނައިގައި އޮތް ތުރުކީ އަދި ތިންވަނައިގައި އޮތް އައިލެންޑަށް ވެސް ފަސް މެޗުން ލިބިފައިވަނީ 12 ޕޮއިންޓެވެ. ފްރާންސް ކުރީގައި އޮތީ ގޯލުގެ ތަފާތުންނެވެ. އެ ގްރޫޕުގެ ހަތަރުވަނައިގައި އޮތް އަލްބޭނިއާއަށް ފަސް މެޗުން ހަ ޕޮއިންޓް ލިބިފައިވާ އިރު، ފަސްވަނައިގައި އޮތް މޮލްޑޯވޯއަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް އެންޑޯރާ ކުޅުނު ފަސް މެޗުން ވެސް ވަނީ ބަލިވެފައެވެ.