މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީ (މީރާ) އަށް ނުދައްކާ ހުންނަ ފައިސާ ހޯދުމުގެ ބައެއް އުސޫލުތަައް ލުއިކޮށް އެންފޯސްމެންޓް ފޮލިސީއަށް ބަދަލު ގެނެސްފި އެވެ.
މީރާއިން އެންފޯސްމެންޓް ޕޮލިސީއަށް ބަދަލުގެނެސް ގެޒެޓް ކޮށްފައިވާ ގަވާއިދުގައި މައިގަނޑު ދެކަމެއް ވަނީ ލުއިކޮށްފައެވެ. އެއީ ކުންފުނިތަކުގެ އެކައުންޓްތައް ހުއްޓުވުން ނުވަތަ ފްރީޒް ކުރުމާއި ކުދި ވިޔަފާރިތަކުން ދައްކަން ޖެހޭ ފައިސާ ބަހާލައިގެން ދައްކާ އުސޫލެވެ.
މީރާއިން ގެޒެޓްކޮށްފައިވާ އެންފޯސްމަންޓް ޕޮލިސީގައި ބުނާ ގޮތުގައި ފައިސާ ނުދައްކައިގެން އެކައުންޓް ފްރީޒްކޮށްފައިވާ ކުންފުންޏެއްގެ މައްސަލަ ކޯޓުގައި ރަޖިސްޓަރީ ކުރުމާ އެކު އެ އެކައުންޓް ފްރީޒުން ދޫކޮށްލާނެ ކަމަށެވެ.
ކުރީގައި އޮންނަ ގޮތުގައިވާނަމަ މީރާއިން ފްރީޒްކޮށްފައިވާ އެކައުންޓްތައް ދޫކޮށްލާނީ ފައިސާ ދައްކާ ހަލާސްކުރުމުންނެވެ.
އަދި އެކައުންޓުގެ މައްސަލައިގައި ފައިސާ ނުދައްކާ އޮތް ނަމަވެސް ކޯޓަށް އެ މައްސަލަ ހުށަހަޅާތާ 90 ދުވަހުގެ ތެރޭގައި އެކައުންޓު ދޫކޮށްލުމަށް އަލަށް ގެނައި ބަދަލުގައި ވަނީ ބުނެފައެވެ.
ކުދި އަދި މެދު ފަންތީގެ ވިޔަފާރީގެ އުސޫލަށް ގެނައި ބަދަލާއެކު ބަހާލައިގެން ފައިސާ ދެއްކުމުގެ ފުރުސަތު 10،000 ރުފިޔާއިން މަތިވެއްޖެއާ އެ ވިޔަފާރިތަކަށް ލިބޭނެއެވެ. ކުރީގައި އޮންނަ ގޮތުން ނަމަ އެ ފައިސާ ދެއްކުމުގެ ފުރުސަތު ލިބޭނީ 20،000 ރުފިޔާއިން މަތިވެއްޖެ ނަމައެވެ.