ގައުމީ ގުރުއާން މުބާރާތުން މުޅި މުބާރާތުގެ އެއްވަނަ އިމާދުއްދީން ސްކޫލްގެ ދަރިވަރު މުހައްމަދު ސާއީ މުބާރަކް ހޯދައިފިއެވެ.
ޤުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ސާއީއަށް އިނާމާއި ހަނދާނީ ލިޔުން ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހެވެ. ސާއީ ވަނީ ސްކޫލް ކުދިންގެ ބައިން ފޮތުން ކިޔެވުމުގެ ގޮފިން ކީސްޓޭޖް ހަތަރަކުން އެއްވަނަ އާއި ސްކޫލްތަކުގެ ބައި އަދި ހާފިޒުންގެ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން ވެސް އެއްވަނަ ހާސިލްކޮށްފައެވެ.
މުޅި މުބާރާތުން ދެވަނަ ހާސިލްކޮށްފައިވަނީ އިސްލާމިކް ޔުނައިޓެޑް ފޯ އަސާސް ވިނަވި އެންޑް އިޔާރް (އިއުފަވި) އިން މުބާރާތުގައި ބައިވެރިވި މުހައްމަދު ނަބީހު ރާޝިދެވެ. އޭނާ ވަނީ މުބާރާތުގެ ސްކޫލްތަކުގެ ބައި އަދި ހާފިޒުންގެ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން ދެވަނަ ހާސިލްކޮށްފައެވެ. މީގެ އިތުރުން އާންމު ބައިގެ ހިތުން އަދި ފޮތުން ކިޔެވުމުގެ ގޮފިން ފޮތުން 20 ފޮތް ކިއުމުގެ ބައިން އޭނާ ވަނީ އެއްވަނަ ހާސިލްކޮށްފައެވެ.
މުބާރާތުން ތިން ވަނަ ހާސިލްކޮށްފައިވަނީ ދައުވާ ފައުންޑޭޝަންގެ މުހައްމަދު ނަބުހާނެވެ. މުބާރާތުގެ ސްކޫލްތަކުގެ ބައި އަދި ހާފިޒުންގެ ބައިން ބަލައިގެން ކިޔެވުމުގެ ގޮފިން ތިން ވަނަ ހާސިލްކުރި ނަބުހާން ވަނީ އާންމު ބައިގެ ފޮތުން ކިޔެވުމުގެ ގޮފިން، ފޮތުން 20 ފޮތް ކިއުމުގެ ބައިން ވެސް ދެވަނަ ހާސިލްކޮށްފައެވެ.
މިއަހަރުގެ ޤުރުއާން މުބާރާތުގައި ސްކޫލްތަކުގެ ބައިން ސާނަވީން އެއްވަނަ ހޯދާފައިވަނީ ތާޖުއްދީން ސްކޫލެވެ. ދެވަނަ އަރަބިއްޔާ ސްކޫލުން ހޯދިއިރު، ތިންވަނަ ހޯދާފައިވަނީ ކަލާފާނު ސްކޫލަށެވެ. ސްކޫލްތަކުގެ ބައިން މަތީ ސާނަވީން އެއްވަނަ އަހްމަދިއްޔާ އިންޓަނޭޝަނަލް ސްކޫލް ހޯދިއިރު މިބައިން ވެސް ދެވަނަ ހޯދީ އަރަބިއްޔާ ސްކޫލެވެ. އަދި ތިން ވަނަ ސްކޫލަކަށް ހޮވުނީ ހޯދާފައިވަނީ ސީއެޗްއެސްއީ އިންނެވެ.
މުބާރާތުގެ އާންމު ބައިން އެއްވަނަ ހާސިލްކުރީ އިސްލާމިކް ޔުނައިޓެޑް ފޯ އަސާސް ވިނަވި އެންޑް އިޔާރް (އިއުފަވި) އިންނެވެ. އަދި މިބައިން ދެވަނަ މައުހަދުއް ދިރާސަތުލް ޤުރްއާނިއްޔާ އިން ހާސިލްކުރިއިރު ތިންވަނަ ހާސިލްކޮށްފައިވަނީ ސްވިފްޓް އިންޖިނިއަރިންގް ޕްރައިވެޓް ލިމިޓެޑެވެ.
އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު މިއަހަރު ބޭއްވި މުބާރާތުގައި ޖުމްލަ 1273 ބައިވެރިން ބައިވެރިވިއެވެ.