ހަތަރު ކުޑަކުދިންނާއެކު ޖުމްލަ 31 މީހަކު ގޮވައިގެން ނ. އަތޮޅުން މާލެ ދަތުރުކުރަމުންދިޔަ ފެރީއެއް ފަރަކަށް އަރައިފިއެވެ.
އެމްއެންޑީއެފުން ބުނީ، ''ކޮންފްރަންޓް އެކްސްޕްރެސް އެމްއެސް 1'' ނަމަކަށް ކިޔާ އެ ފެރީ ކ. އަތޮޅު ކަގި މޯލްޑިވްސް ރިސޯޓްގެ ހުޅަނގު ފަރާތު ކަނޑުއޮޅީގެ ފަރަށް އަރައިގެން އެމްއެންޑީއެފަށް ރިޕޯޓްކުރީ މިރޭ 9:46 ގައި ކަމަށެވެ.
އެ ފެރީ ފަރަށް އެރިއިރު އޭގައި ހަތަރު ކުޑަކުދިންނާއި 11 އަންހެނުންނާއެކު ޖުމްލަ 31 މީހުން ތިބި ކަމަށާއި ނަމަވެސް ހާދިސާގައި ފެރީގައި ތިބި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިނުވާ ކަމަށް އެމްއެންޑީއެފުން ބުނެއެވެ.
ފެރީއަށް އެހީތެރިކަން ފޯރުކޮށްދިނުމަށް އެމްއެންޑީއެފްގެ މާލެ އޭރިއާ ކޯސްޓްގާޑުން މިހާރު އަންނަނީ ހަރަކާތްތެރިވަމުންނެވެ.