ޚަބަރު

ރިލްވާންގެ މައްސަލާގައި ހައްޔަރުކުރުމުގެ އަމުރު ވެސް ހޯދޭނީ ކޮމިޝަނަށް: ސީޕީ

ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލާގައި ހައްޔަރުކުރުމުގެ ކޯޓް އަމުރަކަށް އެދެވޭނީ މަރުތަކާއި ގެއްލިފައިވާ މީހުންގެ މައްސަލަތައް ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނަށް ކަމަށާއި އެ ކޯޓު އަމުރަކާ އެއްގޮތަށް އެ ކޮމިޝަނުން ބޭނުންވާ މީހަކު ހައްޔަރު ކޮށްދޭނެ ކަމަށް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދު ވިދާޅުވެއްޖެއެވެ.

ސީޕީ ހަމީދު މިރޭ ކުރެއްވި ޓުވީޓްތަކެއްގައި ވިދާޅުވީ، ރިޔާސީ ކޮމިޝަންގެ ގާނޫނު ބުނާގޮތުން ރަހީނުކޮށް މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާންގެ މައްސަލަ ތަހުގީގު ކުރުމުގެ ބާރު ލިބިދީފައިވަނީ މަރުތައް ތަހުގީގު ކުރަން އުފެއްދި ރިޔާސީ ކޮމިޝަނަަށް ކަމަށެވެ.

އަދި ހަމަ އެ ގާނޫނުން އެ ކޮމިޝަނުން ތަހުގީގު ކުރާ މައްސަލައެއްގައި ހައްޔަރުކުރަން ބޭނުންވާ މީހަކު ހައްޔަރުކުރުމަށް ކޯޓު އަމުރަކަށް އެދުމުގެ ބާރު ވެސް ރިޔާސީ ކޮމިޝަނަށް ދީފައިވާކަން ސީޕީ ފާހަގަކުރެއްވިއެވެ.

"މޯލްޑިވްސް ޕޮލިސް ސާވިސްއަކީ ރިލްވާންގެ މައްސަލަ ތަހުގީގުކުރާ ފަރާތް ނޫންކަމުން، ތަހުގީގު ކުރާ އިދާރާގެ ބަދަލުގައި ހައްޔަރު ކުރުމުގެ އަމުރެއް ހޯދުމަކީ ފުލުހުންނަށް ކުރެވޭނެ ކަމެއް ނޫން،" ސީޕީ ހަމީދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވެފައިވެއެވެ.

އަދި ވިދާޅުވީ، ކޮމިޝަނާ އޮފް ޕޮލިސްގެ ހައިސިއްޔަތުން، ރިޔާސީ ކޮމިޝަނުން ހައްޔަރުކުރަން ބޭނުންވެގެން ހޯދާ ކޯޓު އަމުރެއްގައި ބުނާ މީހަކު ވަގުތުން ހައްޔަރުކުރުމަށް މަރުތައް ތަހުގީގު ކުރާ ރިޔާސީ ކޮމިޝަނަށް ފުލުހުންގެ ފަރާތުން ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމުގެ ޔަގީންކަން އަރުވާ ކަމަށެވެ.

ސީޕީ ހަމީދު މިއަދު މިހެން ވިދާޅުވެ މިވަނީ، ރިލްވާން ފުރައިގެން ރާއްޖޭން ބޭރަށް ދިޔަކަން ދައްކަން އެނާގެ ޕާސްޕޯޓެއް ހައްދަން މަސައްކަތް ކުރި ކަމަށް ބުނާ އިންޓެލް ދެ ފުލުހުން ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އެދިވަޑައިގެން ނަމަވެސް، އެ ދެ ފުލުހުން ހައްޔަރު ކުރެވޭނެ ގާނޫނީ ސަބަބުތަކެއް ނެތް ކަމަށް އިއްޔެ ބުނެފައިވާތީ، އެކަމަށް އާންމުންގެ ފާޑުކިޔުންތައް އަމާޒުވެފައިވަނިކޮށެވެ.

ފުލުހުން އެގޮތަށް ބުނެފައިވަނީ ރިލްވާންގެ މައްސަލައަކީ މަރުތައް ބަލާ ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ މައްސަލައަކަށްވާތީ، އެ މައްސަލައާ ގުޅޭ ޖިނާއީ އިޖުރާއަތެއް ހިންގުމުގެ ކުރިން މަރުތައް ބަލާ ކޮމިޝަނާއެކު، ފޯނުން ކުރި މަޝްވަރާ ތަކުގައި ކޮމިޝަނުން ބުނުމުންނެވެ.

ފުލުހުން ބުނީ އެ ދެ ފުލުހުން ހައްޔަރު ކުރެވޭނެ ގާނޫނީ ސަބަބެއް ނެތުމުން، އެ ފުލުހުންގެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނުން ލަފާދީފައިވާ ކަމަށެވެ.