ޚަބަރު

އަތޮޅުތެރޭގައި ބާއްވާ ޤުރުއާން މުބާރާތްތަކުން ހޮވާލެވޭ ފަރާތްތަކަށް ޤައުމީ މުބާރާތުން ފުރުސަތު ދެނީ

މަރިޔަމް ޝަހުދާ

އަންނަ އަހަރު ބާއްވާ ޤުރުއާން ކިޔެވުމުގެ ގައުމީ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ދޭނީ އަތޮޅުތެރޭ އެކި ހިސާބުތަކުގައި ޤުރުއާން މުބާރާތްތަކެއް ބާއްވައި، އެ މުބާރާތްތަކުން ހޮވޭ ފަރާތްތަކަށް ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. އަހުމަދު ޒާހިރު ވިދާޅުވެއްޖެއެވެ.

މިއަހަރު ބޭއްވި ޤުރުއާން ކިޔެވުމުގެ 33 ވަނަ ގައުމީ މުބާރާތުގެ އިނާމު ދިނުމަށް ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބޭއްވި ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން މިނިސްޓަރު ވިދާޅުވީ އަންނަ އަހަރުގެ ގައުމީ މުބާރާތް މިހާރަށްވުރެ ހަރުދަނާ ކުރުމަށް މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.

އެގޮތުން އަންނަ އަހަރުގެ މުބާރާތުގައި ޤުރުއާން ކްލާސްތަކާއި ސްކޫލްތަކުގެ އިތުރުން ކައުންސިލްތަކަށާއި މުއައްސަސާތަކަށް ފުރުސަތު ދޭނެ ކަމަށާއި އަންނަ އަހަރުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު އަތޮޅުތެރޭގައި ބާއްވާ މުބާރާތްތަކުން ހޮވޭ ފަރާތްތަކަށް ވެސް ދޭނެ ކަމަށެވެ.

''ގުރުއާން ކިޔެވުމުގެ ގައުމީ މުބަރާތް ހަރުދަނާ ކުރުމަށްޓަކައި މިއަންނަ އަހަރު އަތޮޅު ތެރޭގައި އެކި ސަރަހައްދު ތަކުގައި މުބާރާތްތަކެއް ބޭއްވި، އެތަނުން ހޮވާލެވޭ ފަރާތްތައް އަޅުގަނޑުމެން ގައުމީ މުބަރާތުގައި ބައިވެރިވުމަށް ފުރުސަތު ދޭނަން. އޭގެ ނަތީޖާއަކަށްވާނީ އިރާދަ ކުރެއްވިއްޔާ ރަނގަޅު ކުދިންތަކެއް އަޅުގަނޑުމެންނަށް ފެނިގެން ދިއުން، ރަނގަޅު ކިޔެވުންތަކެއް އަޑު އިވިގެން ދިއުން،" މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު އިތުރަށް ވިދާޅުވީ، އަންނަ އަހަރުގެ މުބާރާތް ވެސް ބާއްވާނީ މިއަހަރެކޭ އެއްފަދައިން މިޑް-ޓާމް ބަންދުގެ ތެރޭގައި ކަމަށެވެ. އަދި އަންނަ އަހަރު ގައުމީ ގުރުއާން މުބާރާތުގައި ބައިވެރިވާ ފަރާތްތައް ދުރާލާ މުބާރާތައް ތައްޔާރުވުމުގެ ފުރުސަތު ދިނުމުގެ ގޮތުން އަންނަ އަހަރުގެ މުބާރާތް ވެސް ކުރިއަށް ގެންދާނީ އެކި އުމުރުފުރާތަކަށް ކަނޑައަޅަފައިވާ މުގައްރިރަށް ކަމަށެވެ.

ޤުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމަށް ރޭ ބޭއްވި ރަސްމިއްޔާތު ޝަރަފްވެރި ކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހެވެ. އެމަނިކުފާނުގެ އިތުރުން ނައިބް ރައީސް ފައިސަލް ނަސީމާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ރައީސް މުހައްމަދު ނަޝީދު ވެސް ރޭގެ ޖަލްސާގައި ބައިވެރިވެ ވަޑައިގެން ވަނަތަކަށް ހޮވުނު ފަރާތްތަކަށް އިނާމު ދެއްވާފައިވެއެވެ.