ޚަބަރު

ރިލްވާން މައްސަލައިގަ ފުލުހުން އަޅަންޖެހޭ ފިޔަވަޅު އަޅާކަން ކަށަވަރު ކުރާނަން: އިމްރާން

އިބްރާހިމް ޒަކީ

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބުދުﷲގެ މައްސަލައާ ގުޅިގެން މޯލްޑިވްސް ޕޮލިސް ސާވިސް އިން އަޅަންޖެހޭ ފިޔަވަޅު އަޅާކަން ކަށަވަރު ކުރައްވާނެ ކަމަށް، ހޯމް މިނިސްޓަރު އިމްރާން އަބުދުﷲ ވިދާޅުވެއްވެއެވެ.

ހޯމްނިސްޓަރު މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ރިލްވާން މައްސަލަ ތަހުގީގު ކުރަނީ ރައީސުލް ޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގައި އުފައްދަވާފައިވާ ރިޔާސީ ކޮމިޝަނަކުން ކަމަށެވެ.

އެ ތަހުގީގަށް ބިނާކޮށް ދައުލަތުގެ މުއައްސަސާތައް މެދުވެރިކުރައްވައި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ފިޔަވަޅު އަޅުއްވާނެކަން ޔަގީންކަމަށްވެސް ވިދާޅުވިއެވެ.

އަދި އެކަމާ ގުޅިގެން މޯލްޑިވްސް ޕޮލިސްސާވިސް އިން އަޅަންޖެހޭ ފިޔަވަޅުތައް އަޅާކަން ކަށަވަރު ކުރައްވާނެ ކަމަށް ވިދާޅުވިއެވެ.

ހޯމް މިނިސްޓަރު މިހެން ވިދާޅުވެފައިވާއިރު، ރިލްވާންގެ މަރުގެ މައްސަލައިގައި ފުލުހެއް ކަމަށްވާ މުހައްމަދު ފަޔާޒް އިސްމާއީލް ދިން ބަޔާނުގައި ފުށުއެރުންތަކެއް ހުރުމުން އެކަން އިތުރަށް ތަހުގީގު ކުރުމަށް ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނުން ފުލުހުންނަށް ވަނީ އަންގައިފައެވެ.

އަދި ރިލްވާން ފުރައިގެން ރާއްޖޭން ބޭރަށް ދިޔަކަން ދައްކަން އެނާގެ ޕާސްޕޯޓެއް ހައްދަން މަސައްކަތް ކުރި ކަމަށް ބުނާ އިންޓެލް ދެ ފުލުހުން ހައްޔަރު ކުރުމުގެ އަމުރަކަށް އެދުމަށް ބަންޑާރަ ނައިބު އިބްރާހިމް ރިފްއަތު އެދިވަޑައިގެންފައިވެއެވެ. ފުލުހުން ބުނެފައިވަނީ އެ ދެ ފުލުހުން ހައްޔަރު ކުރެވޭނެ ގާނޫނީ ސަބަބުތަކެއް ނެތް ކަމަށެވެ.

ފުލުހުން އެގޮތަށް ބުނެފައިވަނީ ރިލްވާންގެ މައްސަލައަކީ މަރުތައް ބަލާ ކޮމިޝަނުން ޖިނާއީ ތަހުގީގެއް ކުރަމުން އަންނަ މައްސަލައަކަށްވާތީ، އެ މައްސަލައާ ގުޅޭ ޖިނާއީ އިޖުރާއަތެއް ހިންގުމުގެ ކުރިން މަރުތައް ބަލާ ކޮމިޝަނާއެކު، ފޯނުން ކުރި މަޝްވަރާ ތަކުގައި ކޮމިޝަނުން ބުނުމުންނެވެ.

ފުލުހުން ބުނީ އެ ދެ ފުލުހުން ހައްޔަރު ކުރެވޭނެ ގާނޫނީ ސަބަބެއް ނެތުމުން، އެ ފުލުހުންގެ މައްސަލަ ތަހުގީގު ކުރުމަށް ކޮމިޝަނުން ލަފާދީފައިވާ ކަމަށެވެ.