ޓެކްސީގެ މައްސަލަތައް

ދަންވަރު ޓެކްސީއަކަށް އެރި ދެ އަންހެނެއްގެ އަތުން އިތުރަށް ފައިސާ ނަގަން އުޅުނު މައްސަލައެއް ފެންމަތިވެއްޖެ

ޝަހީދާ އަބްދުﷲ ސައީދު

2

ރޭ މެންދަމު ޓެކްސީއަކަށް އެރި ދެ އަންހެނެއްގެ އަތުން އިތުރަށް ފައިސާ ނަގަން އުޅުމުން، އެކަމާ ދެކޮޅުހަދައި ޓެކްސީ މަޑުކުރަން އެންގުމުން ވެސް މަޑުނުކޮށް ދިޔަ މައްސަލައެއް ފެންމަތިވެއްޖެއެވެ.

ރޭ މެންދަމު އެކެއް ޖެހިއިރު މާލެއިން ހުޅުމާލެއަށް ދިއުމަށް އަވަސް ރައިޑްގެ ޓެކްސީއަކަށް އެރި އެކަކު ''ވަން''އަށް ކިޔައިދިން ގޮތުގައި، އޭނާ އާއި އިތުރު އަންހެނަކު ޓެކްސީއަށް އެރީ މާލޭގައި ހުރި ހުޅުމާލޭ ފެރީ ޓާމިނަލް ކުރިމަތިން ކަމަށެވެ.

ޓެކްސީއަށް އެރުމަށްފަހު ޑްރައިވަރު ކައިރީގައި އަގު އަހާލުމުން ބާރައިގެ ފަހުން ހުޅުމާލެއަށް ދަތުރެއް ކޮށްދެނީ 90 ރުފިޔާއަށް ކަމަށް ޑްރައިވަރު ބުނި ކަމަށާއި ނަމަވެސް އެއީ ޓްރާންސްޕޯޓު ގަވައިދުގެ ދަށުން މަނާ ކަމެއް ނޫންހޭ ބުނުމުން ދަތުރުގެ އަގު ކުޑަ ނުކޮށްދޭނެ ކަމަށް ޑްރައިވަރު ބުނި ކަމަށް އަންހެން މީހާ ބުންޏެވެ.

އަންހެން މީހާ އިތުރަށް ބުނީ، ދަތުރުގެ އަގު ކުޑަ ނުކުރާނެ ކަމަށް ޑްރައިވަރު ބުނުމުން، ކާނިވާ ސަރަހައްދު ކައިރީގައި ހުންނަ ޕެޓްރޯލް ޝެޑް ކައިރިއަށް ޓެކްސީ މަޑުކޮށް ދިނުމަށް ޑްރައިވަރު ކައިރީގައި އެދުނު ކަމަށާއި ނަމަވެސް ވާރޭވެހޭތީ ކާރު މަޑު ނުކުރާނެ ކަމަށް ބުނެ ޑްރައިވަރު ކާރު ދުއްވަމުން ދިޔަ ކަމަށެވެ.

''ޑްރައިވަރު ބުނީ ވާރެ ވެހޭތީ މަޑެއް ނުކުރާނަމޭ ނިވާވެވޭ ތަނަކަށް ގޮސްފައޭ މަޑުކުރާނީ. އެކަމަކު އޭނާ ނޫޅޭ ހިޔާވެވޭ ތަނަކަށް ދާކަށް. ދެން ބުނިން ޑްރައިވަރު ކައިރީ ވާރޭ ވެހުނަސް ހެވޭ ފައިބަންށޭ ބޭނުމީ މަޑުކުރާށޭ. ބުނީމަ މަޑުނުކުރާނަމޭ ކިޔާފަ ކާރުގެ ދޮރު ލޮކް ކޮށްލީ. އެ ހިސާބުން ފުލުހުންނަށް ވެސް ގުޅިން، އެކީގައި ކޮފީއަށް ދިޔަ ފިރިހެން ކުދިންނަށް ވެސް ގުޅިން. ބުނީ ތިޔައީ މީހަކަށް ގުޅަންޖެހޭ ވަރުގެ ކަމެއް ނޫނޭ. އެންމެ ފަހުން ސެނަހިޔާ ކައިރީ ކަފިހި ހުރަސް މައްޗަށް އަރަމުން ބަންކަރަށް މަޑުކޮށްލި ވަގުތު ޓެކްސީގެ ދޮރު އަމިއްލައަށް ހުޅުވައިގެން ނުކުތީ,'' އަންހެން މީހާ ބުނެފައިވެއެވެ.

އަންހެން މީހާ ބުނީ، އެ މީހުން ރޭގައި އެރި ޓެކްސީއަކީ އަވަސް ރައިޑުގެ އެޕްލިކޭޝަން ބޭނުންކޮށްގެން ގެނައި 3716 ނަމްބަރު ޓެކްސީ ކަމަށެވެ.

ރޭގެ އެ ހާދިސާ ހިނގި ޓެކްސީގެ ޑްރައިވަރު، އަހުމަދު އަލީ ދީދީއަށް ''ވަން'' އިން ގުޅުމުން އޭނާ ބުނީ، ޓެކްސީ މަޑު ނުކޮށް ދުއްވީ ވާރޭ ވެހޭތީ އެވަގުތު މަގުއްޗަށް ބޭލުމަކީ ބޭއިންސާފު ކަމަށް ވުމުން ކަމަށެވެ. އަދި ޓެކްސީ މަޑު ނުކުރާނެ ކަމަށް ބުނެފައި ނުވާނެ ކަމަށާއި ސެނަހިޔާ ކުރިމައްޗަށް މަޑުކުރީ ވާހަކަ ދައްކައިގެން ކަންކަން ހައްލުކުރަން ކަމަށެވެ. އަދި ޓެކްސީގެ ދޮރު ތަޅުލި ކަމަށް ބުނާ ވާހަކަ ވެސް ޑްރައިވަރު ދޮގު ކުރިއެވެ.

''ޓެކްސީއަށް އެރި މީހުން މަގުމައްޗަށް ނުބޭލުވީ ވާރެ ވެހޭތީ. އެއީ ވަރަށް ބޭއިންސާފު ކަމަކަށް ވާތީ. ރޭގަނޑު ބާރައިގެ ފަހުން ކުރާ ދަތުރުތަކަށް އިތުރަށް ފަސް ރުފިޔާ ނެގޭނެ ކަމަށް ޓްރާންސްޕޯޓުން ބުނެފަ އޮތީ. އެހެންވީމަ މާލެއަށް ކުރާ ދަތުރުތަކަށް ފަސް ރުފިޔާ ނެގޭއިރު މާލެއިން ހުޅުމާލެއަށް އެއީ މާލޭގެ ތިންގުނަ. އެހެންވީމަ އިތުރަށް 15 ރުފިޔާ ނަގަނީ. އެއީ އަވަސް ރައިޑުން ނިންމާފައިވާ ގޮތް،'' އަހުމަދު އަލީ ދީދީ ބުންޏެވެ.

ޑްރައިވަރު އިތުރަށް ބުނީ، އިތުރަށް ފައިސާ ނެގި ނަމަވެސް އެއީ ނޫސްވެރިން ބަލަންޖެހޭ ކަމެއް ނޫން ކަމަށާއި އެއީ ނޫސްވެރިންގެ ޒިންމާއެއް ވެސް ނޫން ކަމަށެވެ. އަދި އެކަން ހިނގާދިޔަ ގޮތް ބެލުމުގެ ހައިސިއްޔަތެއް ނޫސްވެރިންނަކަށް ނޯންނާނެ ކަމަށް ވެސް އޭނާ ބުންޏެވެ.

އެ ހާދިސާއާ ގުޅިގެން އަވަސް ރައިޑްގެ ވެރިޔާ ހަސަން ރަމީޒު ''ވަން'' އަށް ވިދާޅުވީ އެފަދަ މައްސަލައެއް ޖެހުނުކަން ރޭގެ އެވަގުތު އެނގުނު ކަމަށެވެ. އަދި އެ ދެ އަންހެނުން އަވަސް ރައިޑުގެ އޮފީހަށް ދިއުމުން ޑްރައިވަރާ ބެހޭ މައުލޫމަތު ދިނުމަށް އެދިފައިވާނެ ކަމަށާއި ނަމަވެސް ޑްރައިވަރާ ބެހޭ އެއްވެސް މައުލޫމާތެއް އެ މީހުން ދީފައިނުވާ ކަމަށެވެ.

ރަމީޒު އިތުރަށް ވިދާޅުވީ، ރޭގެ ހާދިސާ ހިނގި ޓެކްސީއަކީ އަވަސް ރައިޑުގެ އެޕްލިކޭޝަން ބޭނުންކުރާ އެހެން ތަނެއްގެ ޓެކްސީއެއް ކަމަށެވެ. އަދި ރޭގަނޑު ބާރައިގެ ފަހުން ކުރާ ދަތުރުތަކަށް އިތުރަށް ފަސް ރުފިޔާ ނަގަން ހުއްދަ އޮންނަ ކަމަށާއި ނަމަވެސް ހުޅުމާލެއަށް، ނުވަތަ ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ޓްރާންސްޕޯޓުން ކަނޑައެޅި އަގަށްވުރެ އިތުރަށް ފައިސާ ނަގަން އެއްވެސް ޑްރައިވަރަކަށް އަންގާފައި ނުވާނެ ކަމަށް ވިދާޅުވިއެވެ.

އަދި އަވަސް ރައިޑުގެ ޑްރައިވަރެއްގެ ޝަކުވާއެއް ހުށަހަޅައިފިނަމަ އެ މައްސަލަ ބެލުމަށްފަހު އަވަސް ރައިޑުން ޑްރައިވަރާމެދު ފިޔަވަޅު އަޅާފައި ހުންނާނެ ކަން ރަމީޒު ފާހަގަކުރެއްވިއެވެ. އަދި ވިދާޅުވީ، އެމައްސަލައިގެ މައުލޫމާތު އަވަސް ރައިޑާ ހިއްސާނުކޮށް މީޑިއާއަށް މައުލޫމާތު ދިނުމުގެ އިތުރުން މީސް މީޑިއާގައި އެކަން ހާމަކޮށްފައިވާތީ ހިތާމަކުރާ ކަމަށެވެ.

މާލެ ސަރަހައްދުގައި ކުރާ ޓެކްސީ އަގުތައް ކަނޑައަޅައި، މިއަހަރުގެ ޖުލައި މަހުގެ 31 ދުވަހު ޓްރާންސްޕޯޓު މިނިސްޓްރީން އާންމުކުރި ޓެކްސީގެ އަގުތަކާ ބެހޭ ގަވައިދުގައިވާ ގޮތުން މާލެއިން ހުޅުލެއަށް އަދި ހުޅުލެއިން މާލެއަށް ކުރާ ދަތުރުތަކާއި ހުޅުމާލެއިން ހުޅުލެއަށް އަދި ހުޅުލެއިން ހުޅުމާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 60 ރުފިޔާއެވެ. މާލެއިން ހުޅުމާލެއަށް އަދި ހުޅުމާލެއިން މާލެއަށް ކުރާ ދަތުރުތަކަށް ނެގޭނީ 75 ރުފިޔާއެވެ. މާލެތެރޭގައި ދަތުރަކަށް ނެގޭނީ 25 ރުފިޔާއެވެ.

އަދި މީގެކުރިން ޑިކީއަށް އެއްޗެއްލާނަމަ އިތުރަށް ފަސް ރުފިޔާ ނެގި ނަމަވެސް އާ ގަވައިދުގެ ދަށުން ޑިކީއަށްލާ އެއްޗަކަށް އަގެއް ނުނެގޭނެއެވެ. އަދި ރޭގަނޑު ބާރައިން ފެށިގެން ހެނދުނު ހަޔަކާ ދެމެދުކުރާ ދަތުރުތަކަށް އިތުރަށް ފަސް ރުފިޔާ ނެގިދާނެ ކަމަށް ބުނެފައި އޮތްނަމަވެސް މާލެ ސަރަހައްދުގެ އެކި ހިސާބުތަކަށް ދަންވަރު ކުރާ ދަތުރުތަކަށް ނަގާނެ ވަކި ރޭޓެއް ކަނޑައަޅައިފައެއް ނުވެއެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟