ޔޫރޯ ކޮލިފައިންގައި ފަހަތުން އަރައި، ނެދަލެންޑްސް އިން ޖަރުމަން ބަލިކޮށްފިއެވެ.
ރޭ ކުޅުނު "ގްރޫޕު ސީ"ގެ މެޗުގައި ނެދަލެންޑްސް އިން ޖަރުމަން ބަލިކުރީ 4-2ގެ ނަތީޖާއަކުންނެވެ. އެ މެޗު ކުޅުނީ ޖަރުމަނުގައެވެ.
އެ މެޗުގެ ކުރީކޮޅުގައި ޖަރުމަނުން ވަނީ ލަނޑެއް ޖަހައި ލީޑު ހޯދައިފައެވެ. މެޗުގެ ނުވަވަނަ މިނެޓުގައި ޖަރުމަނަށް އެ ލަނޑު ކާމިޔާބުކޮށްދިނީ ސާޖް ޖުނަބްރީއެވެ. އޭނާ އެ ލަނޑު ޖެހުމުގެ ކުރިން ނެދަލެންޑްސްގެ މެމްފިސް ޑިޕާއީއަށް ލަނޑުޖަހާނެ ފުރުސަތެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ހަމަލާ ޖަރުމަން ކީޕަރު މެނުއަލް ނޯޔާ ވަނީ މަތަކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފު ނިމެން ތިން މިނެޓަށް ވެފައި ވަނިކޮށް ޖަރުމަނަށް ލީޑު ފުޅާކުރުމަށް ރަނގަޅު ފުރުސަތެއް ލިބިގެންދިޔައެވެ. މާކޯ ރޮއިސް ފޮނުވާލި އެ ހަމަލާގެ ހުރަހަކަށްވީ ނެދަލެންޑްސްގެ ކީޕަރު ޖެސްޕާ ސިލެސަންއެވެ. މެޗުގެ ފުރަތަމަ ހާފު ނިމިގެންދިޔައީ 1-0ގެ ނަތީޖާއަކުން ޖަރުމަން ކުރީގައި އޮވެގެންނެވެ.
ނެދަލެންޑްސް އިން ވަނީ މެޗުގެ 59 ވަނަ މިނެޓުގައި ނަތީޖާ ހަމަހަމަކޮށްފައެވެ. ރަޔަން ބަބެލް ނަގައިދިން ހުރަހަކުން ނެދަލެންޑްސްއަށް އެ ލަނޑު ކާމިޔާބުކޮށްދިނީ އެޓީމުގެ ޒުވާން މިޑްފީލްޑަރު ފްރޭންކީ ޑި ޔޮންގްއެވެ. އެ ލަނޑަކީ ގައުމީ ޓީމަށް ޑި ޔޮންގް ކާމިޔާބުކޮށްދިން ފުރަތަމަ ލަނޑެވެ.
މެޗުގެ 66 ވަނަ މިނެޓުގައި ޖަރުމަން އަތުން ބައިކޮޅަށް ވަން ލަނޑެއްގެ ސަބަބުން ނެދަލެންޑްސްއަށް ވަނީ ލީޑު ލިބިފައެވެ. އެ ލަނޑަކީ ޑިޕާއީ ނަގައިދިން ހުރަހެއް ދިފާއުކުރަން އުޅުމުގެ ތެރޭގައި ޖަރުމަން ޑިފެންޑަރު ޖޮނަތަން ޓާހް އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.
މެޗުގެ 74 ވަނަ މިނެޓުގައި ޖަރުމަނުން ނަތީޖާ ހަމަހަމަކުރީ އެޓީމަށް ލިބުނު ޕެނަލްޓީއަކުންނެވެ. ޖަރުމަނަށް އެ ޕެނަލްޓީ ލިބުނީ ނިކޯ ޝުލްޒް ނަގައިދިން ހުރަހެއް ނެދަލެންޑްސްގެ ޕެނަލްޓީ އޭރިއާ ތެރެއިން އެޓީމުގެ ޑިފެންޑަރު މެތިއަސް ޑި ލައިޓް އަތުގައި ބޯޅަ ޖެހުމުންނެވެ. ޖަރުމަނަށް އެ ޕެނަލްޓީ ކާމިޔާބުކޮށްދިނީ ތަޖުރިބާކާރު މިޑްފީލްޑަރު ޓޯނީ ކްރޫސްއެވެ.
މެޗުގެ ފަހު 11 މިނެޓުގެ ތެރޭގައި ނެދަލެންޑްސް އިން ވަނީ ދެ ލަނޑުގެ ލީޑެއް ހޯދައިފައެވެ. ޖޯޖީނިއޯ ވައިނަލްޑަމް ދިން ބޯޅައަކުން މެޗުގެ 79 ވަނަ މިނެޓުގައި ނެދަލެންޑްސްގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިނީ އުމުރުން 20 އަހަރުގެ ފޯވަޑް ޑޮންޔެލް މަލެންއެވެ. ރޭގެ މެޗަކީ އޭނާ ގައުމީ ޓީމަށް ކުޅުނު ފުރަތަމަ މެޗެވެ. އޭނާގެ ލަނޑަށްފަހު މެޗުގެ ދެވަނަ ހާފުގެ އިތުރު ވަގުތުކޮޅުގެ ތެރޭގައި ޑިޕާއީ ދިން ބޯޅައަކުން ނެދަލެންޑްސްގެ ހަތަރުވަނަ ލަނޑު ކާމިޔާބުކޮށްދިނީ ވައިނަލްޑަމްއެވެ.
ޔޫރޯ ކޮލިފައިންގެ "ގްރޫޕު ސީ"ގެ އެއްވަނައިގައި އޮތީ ކުޅުނު ހަތަރު މެޗުން 12 ޕޮއިންޓް ހޯދި ނޮދަން އަޔަލެންޑެވެ. ދެވަނައިގައި އޮތް ޖަރުމަނަށް ހަތަރު މެޗުން ނުވަ ޕޮއިންޓް ލިބިފައިވާ އިރު، ތިންވަނައިގައި އޮތް ނެދަލެންޑްސްއަށް ތިން މެޗުން ލިބިފައިވަނީ ހަ ޕޮއިންޓެވެ. ހަތަރުވަނަގައި އޮތް ބެލަރޫސްއަށް ފަސް މެޗުން ލިބިފައިވަނީ ތިން ޕޮއިންޓެވެ. އަދި ގްރޫޕުގެ ފުލުގައި އޮތް އެސްޓޯނިއާ ކުޅުނު ހަތަރު މެޗުން ވެސް ވަނީ ބަލިވެފައެވެ.
ޔޫރޯ ކޮލިފައިންގައި ކުޅުނު އެހެން މެޗުތަކަށް ބަލައިލާ އިރު، އަޒަރުބައިޖާން އަތުން 2-1ގެ ނަތީޖާއަކުން ވޭލްސް ވަނީ މޮޅުވެފައެވެ. އެ މެޗުގައި އަޒަރުބައިޖާންގެ ޕަވެލް ޕަޝަޔޭވް އަތުން ބައިކޮޅަށް ލަނޑެއް ވަދެ، ފުރަތަމަ ހާފުގައި ވޭލްސްއަށް ލީޑު ލިބުނު ނަމަވެސް، މެޗުގެ 58 ވަނަ މިނެޓުގައި މާހިރް އެމްރެލީ ވަނީ އަޒަރުބައިޖާންއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ވޭލްސްއަށް އަލުން ލީޑު ލިބިގެންދިޔައީ މެޗު ނިމެން ހަ މިނެޓަށް ވެފައިވަނިކޮށް، އެޓީމުގެ ކެޕްޓަން ގެރެތު ބޭލް ޖެހި ލަނޑުންނެވެ.
ރޭ ކުޅުނު މެޗުތަކުން ބެލްޖިއަމް އާއި ކްރޮއޭޝިއާ ވަނީ ފަސޭހަކަމާއެކު މޮޅުވެފައެވެ. ބެލްޖިއަމް އިން 4-0ގެ ނަތީޖާއަކުން ސެން މެރީނޯ ބަލިކުރި އިރު، ކްރޮއޭޝިއާ އިން ވަނީ 4-0ގެ ނަތީޖާއަކުން ސްލޮވާކިއާ ބަލިކޮށްފައެވެ.