ރައީސް އިބްރާހިމް މުހައްމަދު ސޯލިހު

ހަ އަހަރަށްފަހު ރާއްޖޭގެ ރައީސަކު އދ. ގައި ތަގުރީރު ކުރައްވަނީ

4

މިމަހުގެ ފަހުކޮޅު އޮންނަ އދ. ގެ އާންމު މަޖިލީހުގައި ރާއްޖޭގެ ފަރާތުން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހު އެމެރިކާގެ ނިއުޔޯކްއަށް ވަޑައިގެން ތަގުރީރު ކުރެއްވުމަށް ހަމަޖެހިއްޖެއެވެ.

ދުނިޔޭގެ ގިނަ ލީޑަރުން ބައިވެރިވެވަޑައިގަންނަވާ އދ. ގެ އާއްމު ޖަލްސާ އޮންނާނީ މި މަހުގެ 17 އިން 30 އަށް ނިއުޔޯކްގައި ހުންނަ އެ ޖަމާއަތުގެ ހެޑްކުއާޓަރުގައެވެ.

''ވަން'' އަށް މައުލޫމާތުދެއްވަމުން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހީމް ހޫދު ވިދާޅުވީ މިމަހުގެ ފަހުކޮޅު އދ. ގައި ބާއްވާ އާންމު މަޖިލީހުގައި ރައީސް ސޯލިހު ތަގުރީރުކުރައްވަން ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެމަނިކުފާނު ތަގުރީރު ކުރައްވާނީ މިމަހުގެ 24 ގައި ކަމަށް ހޫދު ވިދާޅުވިއެވެ.

ރައީސްގެ މި ދަތުރުފުޅާ ބެހޭ އިތުރު މައުލޫމާތެއް އޭނާ ހާމައެއް ނުކުރައްވައެވެ.

މިދިޔަ ހަ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ރައީސަކު އދ. އަށް ވަޑައިގެން ތަގުރީރު ކުރައްވާފައެއް ނުވެއެވެ. އެންމެ ފަހުން އދ. ގައި ތަގުރީރު ކުރެއްވި ރާއްޖޭގެ ރައީސަކީ ޑރ. މުހައްމަދު ވަހީދު ހަސަން މަނިކެވެ. ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގެ ފަސް އަހަރުގެ ދައުރުގައި ވެސް ރާއްޖޭގެ ފަރާތުން އދ. ގައި ތަގުރީރު ކުރެއްވީ ކެބިނެޓް މިނިސްޓަރުންނެވެ.

އަހަރަކު އެއްފަހަރު ގައުމުތަކުގެ ލީޑަރުން ބައިވެރިވެގެން ބާއްވާ އދ. ގެ އާންމު މަޖިލީހަކީ، ދުނިޔޭގެ ލީޑަރުން އެއް ތަނަކަށް ޖަމާވެ ގުޅުން ބަދަހިކޮށް ބައިނަލްއަގުވާމީ މައްސަލަތަކުގައި ހިޔާލު ބަދަލު ކުރާ ޕްލެޓްފޯމެކެވެ.

ކޮމެންޓްސް އެބަހުރި، ކިޔާލަން ބޭނުންތަ؟