ސްކޫލް ބަންދާ ދިމާކޮށް ވިމެން ސެންޓަރު ގެ ފަރާތުން ވަރަށް ތަފާތު ޕްރޮގްރާމް ތަކެއް ހިންގުމަށް ރާވައިފި އެވެ.
އުމުރުން 3 އަހަރުން ފެށިގެން 16 އަހަރާއި ދެމެދުގެ ކުދިންނަށް އަމާޒު ކޮށްގެން ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރަމް ތަކުގައި ތަފާތު އަދި އެހާމެ ޝައުގުވެރި ކުރުވަނިވި ހަރަކާތް ތަކެއް ރޭވިފައިވެއެވެ.
ހާއްސަ ފްރޮގްރާމް ތަކުގެ ތެރޭގައި 3 އަހަރާއި 4 އަހަރާއި ދެމެދު ގެ ކުދިންނަށް ފޮނިކްސް ކްލާހާއި 4 އަހަރާއި 5 އަހަރުގެ ކުދިންނަށް ރީޑިންގް އެންޑް ރައިޓިންގ ކްލާހުގެ އިތުރުން 5 އަހަރާއި 7 އަހަރުގެ ކުދިންނަށް ރެޑީފޯ ގްރޭޑް 1 ޕްރޮގްރާމް އަދި 7 އަހަރާއި 10 އަހަރުގެ ކުދިންނަށް ނަފްސާނީ އަދި ޖިސްމާނީ ގޮތުން ދުޅަހެޔު ސިއްހަތެއްގެ މުހިންމުކަން އަންގައިދީ ކަސްރަތު ކުރުމަށް ބާރު އެޅުމުގެ ގޮތުން ކަސްރަތު ކުލާހެއް "ފިޓްނަސް ފޯ ފަން" ގެ ނަމުގައި ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. ނޮވެމްބަރ 25 އިން ފެށިގެން 27 ޑިސެމްބަރުގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މި ޕްރޮގްރާމް ގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލައިފައެވެ.
މީގެ އިތުރަށް، އަންހެން ކުދިންނަށް އަމާޒުކޮށް 2 ކޭމްޕެއް ބޭއްވުމަށްވެސް ވަނީ ހަމަޖެހިފައެވެ. މިގޮތުން 10 އަހަރާއި 13 އަހަރުގެ ކުދިންނަށް އަމާޒު ކޮށްގެން "ވެލިޔު އެޑިޔުކޭޝަން" ނަމުގައި ޕްރޮގްރާމެއް ރާވާފައި ވާއިރު މިޕްރޮގްރާމްގެ އެންމެ މުހިންމު މަޤްސަދަކީ ކުދިން ބޮޑެތިވަމުން އަންނައިރު ރަނގަޅު އާދަތަކާއި ވެލިޔުސްތަކަށް އަހުލުވެރި ކުރުން ކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ.
ދެ ހަފްތާގެ މުއްދަތަކަށް ކުރިޔަށް ގެންދިއުމަށް ހަމަޖެހިފައިވާ މިޕްރޮގްރާމް މެދުވެރިކޮށް އަމިއްލަ ނަފްސަށް އިތުބާރުކޮށް، ޒިންމާދާރު ވާނެ ގޮތް ދަސްކޮށްދީ، އިޙްތިރާމް ކުރުމާއި އިޙްތިރާމް ލިބިގަތުމުގެ އިތުރުން ދިރިއުޅުމުގައި ދިމާވާ ކަންތައްތަކުން އުފާ ހޯދުމާއި ކެތްތެރިވުން ފަދަ ވެލިޔުސްތަކަށް އަލި އަޅުވާލާނެއެވެ.
އުމުރުން 13 އަހަރާއި 16 އަހަރާއި ދެމެދުގެ ކުދިންނަށް "އިންޓަރނޭޝަނަލް ޑޭ އޮފް ދަ، ގާލް ޗައިލްޑް" ގެ މިއަހަރުގެ ޝިޢާރުކަމަށްވާ "ވިތް ހާ، އަ ސްކިލްޑް ގާލްފޯސް" އާއި ގުޅުވައިގެން ދެ ހަފްތާގެ ކޭމްޕެއް ވެސް ވިމެންސެންޓަރ އިން ވަނީ ރާވާފައެވެ. މި ކޭމްޕްގެ މަޤްސަދަކީ ފުރާވަރުގެ ކުދިން ސްކޫލް މާހައުލު ނިންމާ މަސައްކަތުގެ މާހައުލަށް ނުކުތުމަށް ބޭނުންވާ މައުލޫމާތާއި ހުނަރު ކުއްޖާއަށް ދަސްކޮށްދިނުން ކަމަށް އެސެންޓަރުން މައުލޫމާތު ދެއެވެ. މިގޮތުން މިޕްރޮގްރާމް ނިމޭއިރު ބައިވެރިވާ ކުދިންނަކީ މަސައްކަތުގެ މާހައުލަށް އަހުލުވެރިވެފައިވާ، އަމިއްލަ އަށް އިސްނަގާ، ކަންކަމުގައި ކެރޭ، އަދި މަސައްކަތުގެ މާހައުލުގަޔާއި ދިރިއުޅުމުގައި ދިމާވާނެ ގޮންޖެހުންތަކާ ކުރިމަތިލާން ކެރޭ ކުދިންތަކަކަށް ވާނެކަމަށް އެސެންޓަރުން މައުލޫމާތުދެއެވެ.
ސްކޫލް ބަންދާއި ދިމާކޮށް ވިމެން ސެންޓަރުގެ ފަރާތުން ބޭއްވުމަށް ރާވާފައިވާ ކޮންމެ ޕްރޮގްރާމެއްވެސް ރާވާފައިވަނީ އެކި ކަހަލަ އެކްޓިވިޓީސް، ގޭމްސް އަދި އެކްސްޕޯޝާރ އޭގެ ތެރޭގައި ހިމަނައިގެން ވަރަށް އިންޓެރެކްޓިވްކޮށް ފޫހިނުވާނެ ގޮތަކަށް ކަމަށް އެސެންޓަރުން މައުލޫމަތު ދެއެވެ.
ވިމެން ސެންޓަރުގެ މިޕްރޮގްރާމްތަކާ ބެހޭ ގޮތުން އިތުރު މައުލޫމާތު ހޯދުމަށް 7318383 އަށް ނުވަތަ "ވިމެން ސެންޓަރު ބައި ޔޫލިއާ" ފޭސްބުކް ޕޭޖް މެދުވެރިކޮށް ލިބިގެން ދާނެކަމަށް ވެސް އެސެންޓަރުން މައުލޫމަތު ދެއެވެ.