މިނިވަން ނޫހުގެ ނޫސްވެރިޔާ އަހްމަދު ރިލްވާންގެ މަރުގެ މައްސަލައިގައި ފުލުހެއް ކަމަށްވާ މުހައްމަދު ފަޔާޒް އިސްމާއީލް ދިން ބަޔާނުގައި ފުށުއެރުންތަކެއް ހުރުމުން އެކަން އިތުރަށް ތަހުގީގު ކުުރުމަށް މަރުތަކުގެ މައްސަލަތައް ބަލާ ކޮމިޝަނުން ފުލުހުންނަށް އަންގައިފިއެވެ.
އެ ކޮމިޝަނުން އެކަން ބެލުމަށް އެންގީ މިދިޔަ ބުރާސްފަތި ދުވަހު ފުލުހުންނަށް ފޮނުވި ސިޓީއެއްގައެވެ.
ރިލްވާންގެ މަރުގެ މައްސަލައިގެ މައުލޫމާތު ދިނުމަށް މަރުތަކާ ބެހޭ ކޮމިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި އެކޮމިޝަނުގެ ރައީސް ހުސްނުއްސުއޫދު ވިދާޅުވެފައިވަނީ ރިލްވާން ޑިންގީއަކަށް އަރުވައިގެން ކަނޑު އުޅަނދަކަށް އެރުވުމަށްފަހު ކަރުބުރިކޮށްލައި، މަރާލުމަށްފަހު ކަނޑުފައްތާފައިވާކަން ހެކިންގެ ހެކިބަހުން އެނގޭ ކަމަށެވެ. އެހެންނަމަވެސް އެ ހެކިބަސްތަކުގައި ފުށުއެރުންތަކެއް ހުރި ކަމަށް ވިދާޅުވިއެވެ. ސުއޫދު ވިދާޅުވީ ރިލްވާން މަރުވި ގޮތާމެދު ހެކިންގެ ހެކިބަހުގައި ފުށުއެރުންތަކެއް ހުރުމުން އެކަން އިތުރަށް ބަލާނެ ކަަމަށެވެ.
އެގޮތުން ފުލުހަކު ދިން ހެކި ބަހުގައި ފުށުއެރުންތަކެއް ހުރެގެން އެކަން ބެލުމަށް ސިޓީއަކުން ފުލުހުންނަށް އަންގާފައިވާ އިރު، ފުލުހުން ވަނީ ރިލްވާންގެ މައްސަލައިގެ ޑްރާފްޓް ރިޕޯޓް ފުލުހުންނާ ހިއްސާކުރަން އެދިފައިވާނެ ކަމަށާއި އެ ރިޕޯޓު ލިބުމުން ފުލުހުން ބަލަންޖެހޭ ކަންކަން ބަލާނެ ކަމަށް ބުނެފައެވެ.
މަރުތަކާ ބެހޭ ކޮމިޝަނުން ފުލުހުންނަށް ފޮނުވި ސިޓީގައި ފާހަގަކޮށްފައިވާ އިތުރު ކަންކަމުގެ ތެރޭގައި ރިލްވާންގެ މައްސަލައިގައި ކޮމިޝަނުން ތައްޔާރުކުރި ޑްރާފްޓް ރިޕޯޓުގައި، ދެ ފުލުހުން ކަމަށްވާ އިބްރާހީމް ހަލީމް އަހުމަދު ހަމީދު އަބްދުއްރަހީމްގެ ނަން ފާހަގަކޮށްފައިވަނީ އެ ދެމީހުން ކޮމިޝަނަށް ބަޔާން ދީފައިވާތީ ކަމަށާއި އެ ދެމީހުންގެ އެއްވެސް މައްްސަލައެއް ނެތް ކަމަށް ވަނީ ބުނެފައެވެ.
އަދި ރިލްވާނަށް ފާރަލައި، އޭނާ ސީރިއާއަށް ދިޔަކަން ދެއްކުމަށް މަސައްކަތް ކުރި ދެ ފުލުހުން ހައްޔަރު ކުރެވޭނެ ގާނޫނީ ސަބަބެއް ނެތް ކަމަށްވެސް ކޮމިޝަނުން ފުލުހުންނަށް ފޮނުވި ސިޓީގައި ބުނެފައިވެއެވެ.
ރިލްވާންގެ މައްސަލައިގައި މަރުތަކާ ބެހޭ ކޮމިޝަނުން ރައްޔިތުންގެ މަޖިލީހަށް ދިން ރިޕޯޓުގައި އިތުރު ތަފްސީލުތަކެއް ހުއްޓެވެ. އެގޮތުން ރިލްވާން މައްސަލައިގައި ހެކިބަސް ދިން މީހުންގެ ނަންތައްވެސް އެ ރިޕޯޓުގައި ހުރުމުން، އެކަން އެގޮތަށް ކުރެވިގެން ނުވާނެ ކަމަށް ގިނަ ފަރާތްތަކުން ވަނީ ބުނެފައެވެ.