ހިޔާ މަޝްރޫއުގެ ދަށުން އެޅި ފްލެޓަށް އެދި ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތު ދެނެގަތުމުގެ މަސައްކަތް ކޮށްދޭނެ ބަޔަކު ހޯދުމަށް ސަރުކާރުން އިއުލާނުކޮށްފިއެވެ.
ރައީސް އޮފީހުން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ އެ މަސައްކަތަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ ބުދަ ދުވަހުގެ މެންދުރު 1:00 އަށް އެ އޮފީހަށް ހާޒިރުވެ މައުލޫމާތު ސާފުކުރަން ޖެހޭނެ ކަމަށެވެ. އަދި މި މަހުގެ 17 ވަނަ ދުވަހު އަންދާސީ ހިސާބު ހުށަހަޅަންޖެހޭ ކަމަށް ބުނެފައިވެއެވެ.
ހިޔާ މަޝްރޫއުގެ ފްލެޓްތަކަށް އެދި 22،000 އަށްވުރެ ގިނަ ފަރާތްތަކުން ފޯމް ހުށަހަޅާފައި ވެއެވެ. އަދި ގިނަ ބަޔަކަށް ފްލެޓް ލިބޭނެ ކަމުގެ ލިޔުންވެސް އޭރު ވަނީ ދީފައެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުން އެކަން ކުރީ ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމަށް މިސަރުކާރުން ބުނެއެވެ. އެގޮތުން ފްލެޓް ދޭން ނިންމީ ފޯމު ހުށަހެޅި މީހުންގެ ދިރިއުޅުމުގެ ހާލަތަށް ބަލައިގެން ނޫން ކަމަށް މި ސަރުކާރުން ވަނީ ބުނެފައެވެ. ބައެއް މީހުންނަށް ފޯމުގައި ހަަމައެކަނި ނަން ޖަހާލި ކަަމަށްޓަކައިވެސް ފްލެޓު ލިބުނު ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހުވެސް ވަނީ ވިދާޅުވެފައެވެ.
ފްލެޓް ދިން ގޮތާ މެދު އާންމުންގެ ކަންބޮޑުވުންތަކެއް ހުރުމުން، އެންމެ ހައްގުވެރި މީހުންނަށް ފްލެޓު ދިނުމުގެ ގޮތުން، ފްލެޓް ލިބޭ މީހުންގެ ލިސްޓު އަލުން އެކުލަވާލަން ސަރުކާރުން ނިންމާފައިވާއިރު އެކަމަށް ކޮމެޓީއެއްވެސް ވަނީ އެކުލަވާލާފައެވެ.