އިރުމަތީ އެފްރިކާގެ ގައުމެއް ކަމަށްވާ ރުވާންޑާއާއެކު ރާއްޖެއިން ސިޔާސީ ގުޅުން ގާއިމު ކޮށްފިއެވެ.
ފޮރިން މިނިސްޓްރީން ބުނީ ރުވަންޑާއާއެކު ގުޅުން ގާއިމު ކުރުމުގެ އެއްބަސްވުމުގައި ރާއްޖޭގެ ފަރާތުން ސޮއިކުރެއްވީ ރާއްޖެ އިން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު އަދި އެމެރިކާއަށް ކަނޑައަޅުއްވާފައި ހުންނަ ސަފީރު ތިލްމީޒާ ހުސައިން ކަމަށެވެ.
އެމެރިކާގެ ނިއުޔޯކުގައި އެކަމަށްޓަކައި ބޭއްވި ރަސްމިއްޔާތުގައި ރުވަންޑާގެ ފަރާތުން ސޮއިކުރެއްވީ އެގައުމުން އދ. އަށް ކަނޑައަޅާފައި ހުންނަވާ މަންދޫބު ވެލެންޓިން ރުގްވަބީޒާއެވެ. ފޮރިން މިނިސްޓްރީން ބުނީ ރާއްޖެއާއެކު އޮންނަ އެކުވެރިކަމުގެ ގުޅުމަށް އިހުތިރާމު ކުރާ ކޮންމެ ގައުމަކާއެކީގައި ވެސް ގުޅުން ބަދަހި ކުރުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ މުހިންމު ހާރިޖީ ސިޔާސަތެއް ކަމަށެވެ.
ރުވަންޑާއާއެކު ރާއްޖެއިން ޑިޕްލޮމެޓިކް ގުޅުން ގާއިމް ކުރުމާއެކު، އެ ގުޅުން ގާއިމު ކޮށްފައިވާ ގައުމުތަކުގެ އަދަދު 172އަށް ވަނީ އިތުރުވެފައެވެ.