ޚަބަރު

ގައުމީ ގުރުއާން މުބާރާތުގެ ނަތީޖާ ފާޅުކުރުމުގެ ހަފްލާ މާދަމާ ރޭ ބާއްވަނީ

ފަތޯނާ ފާއިޒު

ތިރީސް ތިން ވަނަ ގައުމީ ގުރުއާން މުބާރާތުގެ އިނާމު ދިނުމުގެ ޖަލްސާ މާދަމާ ރޭ ބާއްވާގޮތަށް ހަމަޖައްސައިފިއެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ މާދަމާ ރޭ އިސްލާމީ މަރުކަޒުގެ ޖަލްސާ ކުރާ މާލަމުގައި ބާއްވާ ހަފްލާގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހާއި ނައިބު ރައީސް ފައިސަލް ނަސީމް ބައިވެރިވެވަޑައިގަންނަވާނެ ކަމަށެވެ.

ތިރީސް ތިން ވަނަ ގައުމީ ގުރުއާން މުބާރާތް ފެށީ މިމަހުގެ އެއްވަނަ ދުވަހުއެވެ. މިރޭގެ ނިޔަލަށް ކުރިއަށްގެންދާ މި މުބާރާތް ކުރިއަށްގެންދަނީ ތިން ބަޔަކަށް ބަހާލައިގެންނެވެ. އެއީ އާންމު ބަޔާއި ސްކޫލް ކުދިންގެ ބައި އަދި ހާފިޒުންގެ ބައެވެ.

މި މުބާރާތުގައި 1،273 ފަރާތުން ބައިވެރިވެފައިވެއެވެ. އެއީ ސްކޫލްތަކުން 1،031 ފަރާތާއި އާންމު ބައިން ބައިވެރިވާ 238 ފަރާތެއްގެ އިތުރުން، ހާފިޒުންގެ ބައިގައި ބައިވެރިވި ހަތަރު ފަރާތެކެވެ.

މިފަހަރުގެ މުބާރާތުގައި ބައިވެރިންނަށް ފަސޭހައިން ފޮޓޯ ލިބޭނެ ގޮތަށް އިންތިޒާމުކޮށްފައިވެއެވެ. މިއީ އެގޮތަށް އިންތިޒާމުކޮށްގެން މުބާރާތް ކުރިއަށްގެންދާ ފުރަތަމަަ ފަހަރު ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެއެވެ.

މުބާރާތް ކުރިއަށްދާއިރު ހިލޭ ބަހާ މުސްހަފު އަދި ފޮތް ވިއްކާ ސްޓޯލަކާއި ދީނީ ސުވާލާ ޖަވާބު ދޭނެ ސްޓޯލެއްވެސް އިސްލާމީ މަރުކަޒުގައި ބަހައްޓާފައިވެއެވެ.