ޚަބަރު

އައްޑޫގައި އިނގިރޭސީން ބޭނުންކުރި ތާންގީތައް 20 އަހަރު ފަހުން ބޭނުން ކުރަން ފަށަނީ

ފަތޯނާ ފާއިޒު

އައްޑޫ ސިޓީ ގަމުގައި އިނގިރޭސީން އުޅުނު ދުވަސްވަރު ބޭނުންކުރި ތެޔޮ ތާންގީތައް 20 އަހަރު ފަހުން އަލުން ބޭނުން ކުރަން އެސްޓީއޯގެ ތެޔޮ ކުންފުނި ފިއުލް ސަޕްލައި މޯލްޑިވްސް (އެފްއެސްއެމް) އިން ނިންމައިފިއެެވެ.

"ވަން"އަށް މައުލޫމާތުދެއްވަމުން އެފްއެސްއެމްގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ގަސަމް މިއަދު ވިދާޅުވީ އައްޑޫ ސިޓީ ގަމުގައި އިނގިރޭސީން ބޭނުންކުރި ޑީސަލް ތާންގީ ހުރީ ފޫގޮސްފައި ކަަމަށާއި އެބައި މަރާމާތު ކުރުމަށްފަހު، ކުރިއަށް އޮތް ހަފްތާއެއްހާ ދުވަސްތެރޭގައި އެ ތާންގީ އަލުން ބޭނުންކުރެވޭވަރު ވާނެ ކަމަށެވެ.

"މިހާރު ޑީސަލް ތާންގީ މަރާމާތުކޮށް ހުރީ ނިމިފައި. ޕެޓްރޯލް އަޅާ ތާންގީ މަރާމާތުކޮށް ނިންމައި ހޮޅި ލުމުގެ މަސައްކަތް ކުރިއަށްދަނީ،" ގަސަމް ވިދާޅުވިއެވެ.

ގަސަމް ވިދާޅުވީ އެ ތާންގީތައް މަރާމާތު ކުރުމަށް ގާތްގަނޑަކަށް މިލިއަނެއްހާ ރުފިޔާ ހަރަދުވާނެ ކަަމަށެވެ. އެހެންނަމަވެސް އާ ތާންގީތަކެއް ބަހައްޓަން ނިންމިނަމަ، އެއަށްވުރެ މާބޮޑަށް އިތުރަށް ހަރަދު ކުރަން ޖެހުނީސް ކަމަށެވެ.

"ކުރިން ބޭނުންކުރަމުން އައި ތާންގީތަކުން ތެޔޮ ލީކުވާތީ، އިނގިރޭސީން ބޭނުންކުރި ތާންގީތައް ބޭނުންކުރަން ނިންމީ،" ގަސަމް ވިދާޅުވިއެވެ.

އޭނާ ވިދާޅުވި ގޮތުގައި އެ ތާންގީތައް ބޭނުން ކުރަން ފެށުމުން، މިހާރު ކޮންމެ 20 ދުވަހަކުން އައްޑޫއަށް ތެޔޮ ގެންދަން ޖެހުނަސް، އެކަން ބަދަލުވެގެންދާނެ ކަމަށެވެ. އެގޮތުން ތެލުގެ ސްޓޯރޭޖް 700،000 ލައްކަ ލީޓަރަށް އިތުރުވާނެ ކަމަށް ގަސަމް ވިދާޅުވިއެވެ.

1941 ވަނަ އަހަރު ދެވަނަ ބޮޑު ހަނގުރާމައިގެ ދުވަސްވަރު އިނގިރޭސީން ވަނީ އައްޑޫގެ ގަމުގައި އަސްކަރީ ބޭހެއް އަޅައިފައެވެ. އިނގިރޭސީން އައްޑޫގައި އުޅުނު ދުވަސްވަރު ސިފައިން ތިބޭނެ ބެރެކުތަކާއި ސިނާއީ ތަންތަން އެ ސިޓީގައި އިމާރާތް ކުރިއެވެ.