އަތޮޅުތެރޭގެ ރައްޔިތުންނާ ބައްދަލުކުރުމަށް ޕީޕީއެމް އަދި ޕީއެންސީ ގުޅިގެން އުފައްދާފައިވާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން ކުރަމުން އަންނަ ކެމްޕެއިން ދަތުރުގައި އދ. މަހިބަދޫގެ ފުޓްސަލް ޓީމަކާއެކު ޕީޕީއެމް-ޕީއެންސީގެ ޓީމަކުން އެކުވެރިކަމުގެ ފުޓްސަލް މެޗެއް ކުޅެފިއެވެ.
މަހިބަދޫ ފުޓްސަލް ދަނޑުގައި މިއަދު ހަވީރު ކުޅުނު އެ މެޗުގައި ޕީޕީއެމްގެ ރައީސް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމްގެ އިތުރުން، ކެމްޕެއިން ދަތުރުގައި ބައިވެރިވެވަޑައިގެންނެވި އިސް ބޭފުޅުން ކުޅުއްވާފައިވެއެވެ.
އެބޭފުޅުންގެ ތެރޭގައި ރައްޔިތުންގެ މަޖިލީހުގެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމާއި، މާވަށު ދާއިރާގެ މެމްބަރު އަދި ކުރީގެ އިކޮނޮމިކް މިނިސްޓަރު މުހައްމަދު ސައީދާއި، ޕީއެންސީގެ ރައީސް އަބްދުއްރަހީމް އަބްދުﷲއާއި، އެޕާޓީގެ ނައިބު ރައީސް އަދި ބާރަށު ދާއިރާގެ ކުރީގެ މެމްބަރު އިބްރާހީމް ޝުޖާއުއާއި، ފެލިދޫ ދާއިރާގެ މެމްބަރު ފަޒުލް ރަޝީދާއި، މަހިބަދޫ ދާއިރާގެ މެމްބަރު އަހުމަދު ތޯރިގުގެ އިތުރުން ޕީޕީއެމްގެ ސެކްރެޓަރީ ޖެނެރަލް މުހައްމަދު ހުސައިން ޝަރީފް ހިމެނިވަޑައިގަންނަވައެވެ.
ރައީސް ޔާމީން ކާމިޔާބުކުރެއްވި ހަތް ލަނޑާއެކު ޕީޕީއެމް-ޕީއެންސީގެ ޓީމަށް އެ މެޗު ކާމިޔާބުކުރެވުނީ ޖުމްލަ 15 ލަނޑާއެކުއެވެ. މެޗުން ބަލިވި ނަމަވެސް، މަހިބަދޫ ޓީމުން ވެސް 12 ލަނޑު ޖެހިއެވެ.
ލޯކަލް ކައުންސިލް އިންތިހާބާ ދިމާކޮށް ޕީޕީއެމް އަތޮޅުތެރެއަށް ދަތުރު ފަށާފައިވާ އިރު، އދ. އަތޮޅުގެ ހަތަރު ރަށަކަށް ދިއުމަށް ވަނީ ހަމަޖެހިފައެވެ. އެގޮތުން އެ އަތޮޅުގެ އެންމެ ފަހު މަންޒިލެއްގެ ގޮތުގައި މާދަމާ ދަނގެއްޗަށް ދިއުމަށް ހަމަޖެހިފައިވާ ކަމަށް ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަނުން މައުލޫމާތު ދެއެވެ.