ބާ ކައުންސިލްގެ އެގްޒެކެޓިވް ކޮމެޓީން ހުސްވެފައިވާ މަގާމަށް މެމްބަރަކު ހހޮވުމަށް ބާއްވާ އިންތިހާބު މިމަހުގެ 28 ވަނަ ދުވަހު ބޭއްވުމަށް ނިންމައިފިއެވެ.
މި މަގާމު ހުސްވެ، ބޭފުޅަކު އައްޔަންކުރުމަށް ނިންމީ އެގްޒެކެޓިވް ކޮމިޓީގައި ހިމެނިވަޑައިގެންނެވި އާއިޝާ ޝުޖޫން މުހައްމަދު ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރެއްވުމުން މިދިޔަ އަންގާރަ ދުވަހު ބާ ކައުންސިލުން އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ބާ ކައުންސިލްގައި ރައީސެއް، އަދި ނައިބު ރައީސެއްގެ އިތުރުން ބަންޑާރަ ނައިބު އަދި ހަ މެންބަރުން ހިމެނެއެވެ. ބާ ކައުންސިލްގެ މަގާމުތަކަށް ބޭފުޅުން ހޮވަނީ ވަކީލުންގެ މެދުގައި ނަގާ ސިއްރު ވޯޓަކުންނެވެ.
ވަކީލުންގެ ހައްގުތަކާއި އިމްތިޔާޒުތައް ހިމާޔަތްކުރުމާއި، ގާނޫނީ ވަކީލުކަން ކުރުމުގެ ހުއްދަ ދީ، ގާނޫނީ ވަކީލުންގެ މަސައްކަތްތަކާ ގުޅޭ އެންމެހާ ކަންކަން ރެގިއުލޭޓް ކުރާނީ ބާ ކައުންސިލުންނެވެ.