ޚަބަރު

ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ރީޖަނަލް ކޮމިޓީގެ 72 ވަނަ ބައްދަލުވުން ނިންމާލައިފި

އާނިފާ ހުސެއިން ސިރާޖް

ވޯލްޑް ހެލްތު އޯގަނައިޒޭޝަން (ޑަބްލިޔުއެޗްއޯ)ގެ ދެކުނު އިރުމަތީ އޭޝިއާ ސަރަޙައްދުގެ 72 ވަނަ ރީޖަނަލް ކޮމެޓީ ބައްދަލުވުން މިއަދު ނިންމާލައިފިއެވެ.

މިދިޔަ ހޯމަ ދުވަހުން ފެށިގެން މިއަދުގެ ނިޔަލަށް އިންޑިއާގެ ނިއު ދިއްލީގައި ކުރިއަށްދިޔަ މި ބައްދަލުވުމުގައި މި ސަރަހައްދުގެ 11 ގައުމުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި އިސްބޭފުޅުންގެ އިތުރުން ދުނިޔޭގެ ސިއްހަތު ޖަމިއްޔާގެ ޑައިރެކްޓަރ ޖެނެރަލް އާއި މި ސަރަހައްދުގެ ރީޖަނަލް ޑައިރެކްޓަރ ބައިވެރިވެވަޑައިގަންވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ. މީގެ އިތުރުން އދ. ގެ ކަމާ ގުޅޭ ޖަމްއިއްޔާތަކާއި ސިއްހަތާ ބެހޭ ތަފާތު ދާއިރާތަކުގެ މާހިރުންނާއި ސިއްހަތާ ބެހޭ އަމިއްލަ ޖަމްއިއްޔާ ޖަމާއަތްތަކުގެ ފަރާތުންވެސް މި ބައްދަލުވުމުގައި ބައިވެރިވެ މައުލޫމާތު ދެއްވާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

ހެލްތު މިނިސްޓްރީން ބުނީ މި ބައްދަލުވުމުގައި މި ސަރަހައްދުގެ ސިއްހީ ދާއިރާގެ ގިނަ މައުލޫތަކަކަށް މަޝްވަރާކޮށް މުހިންމު ނިންމުންތަކެއް ނިންމެވުމުގެ އިތުރުން ގައުމުތަކުގެ ސިއްހަތާ ބެހޭ ވަޒީރުންނާއި ސިއްހީ ދާއިރާ ތަމްސީލުކުރެއްވި އިސްވެރިން ވަނީ ސިއްހީ ދާއިރާއަށް ކުރިމަތިވާ އެމަޖެންސީ ހާލަތްތަކަށް ރައްކާތެރިވެ ތިބުމާ ބެހޭ ހާއްސަ ޑެކްލަރޭޝަނެއްގައި ސޮއިކޮށްފައިވާ ކަމަށެވެ. މި ޑެކްލަރޭޝަންއަކީ ސަރަަހައްދުގެ މެމްބަރު ގައުމުތަކަށް ކުރިމަތިވާ ސިއްހީ އެމަޖެންސީ ހާލަތްތަކުން ރައްކާތެރިވެ ތިބުމަށް ކުރެވޭ މަސައްކަތަށް އިތުރު ބާރަކަށްވެގެންދާނެ ކަމަށް ހެލްތު މިނިސްޓްރީން ވަނީ ބުނެފައެވެ.

ހެލްތު މިނިސްޓްރީން އިތުރަށް ބުނީ އެހެން އަހަރުތަކެކޭ އެއްފަދައިން މިއަހަރުވެސް ސަރަހައްދުގެ ގައުމުތަކުން ސިއްހީގޮތުން ހޯދާ ކާމިޔާބުތައް ފާހަގަކޮށް، ޑަބްލިޔުއެޗްއޯ އިން ސެޓްފިކެޓާއި އެވޯޑް ދީފައިވާ ކަމަށާއި ބައެއް ބަލިތައް ނައްތާލައި ކޮންޓްރޯލުކޮށްފައިވާކަމުގެ ލިޔުން ގައުމުތަކާ ހަވާލުކޮށްފައިވާ ކަމަށެވެ. އެގޮތުން ދިވެހިރާއްޖޭގައި ރުބެއްލާ އަދި ކޮންޖެނިޓަލް ރުބެއްލާ ސިންޑްރޮމް ބަލި ކޮންޓްރޯލް ކުރެވިފައިވާތީ އެކަން ފާހަގަކޮށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާއިން ވަނީ ރާއްޖެއަށް ހާއްސަ އެވޯޑެއް ދީފައެވެ.

މީގެ އިތުރުން މި ބައްދަލުވުމުގައި މި ސަރަހައްދުގެ ގައުމުތަކުން ޓީބީއާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ސިއްހަތަށް ކުރާ އަސަރުތައް ކުޑަކުރުމަށް ގައުމުތަކުން މަސައްކަތް ކުރާނެ އެކްޝަން ޕްލޭންތަކާއި ރަހިމުގެ ދޮރަށްޖެހޭ ކެންސަރު ދުނިޔެއިން ނައްތާލުމަށް ގައުމުތައް ގުޅިގެން ކުރެވެމުންދާ މަސައްކަތް ހަރުދަނާ ކުރުމާއި ދެމެހެއްޓެނިވި ތަރައްގީގެ ލަނޑުދަނޑިތައް ހާސިލް ކުރުމަށް ސިއްހީ ދާއިރާއިން ކުރާ މަސައްކަތްތަކާ މެދު ވެސް މަޝްވަރާކޮށްފައިވާ ކަމަށާއި މި ބައްދަލުވުމުގައި ދިވެހިރާއްޖޭގެ ވަފުދުން ރާއްޖޭގެ ސިއްހީ ދާއިރާއަށް މުހިންމު ތަފާތު ދާއިރާތަކުން ހުށަހެޅުންތައް ހުށަހަޅާފައިވާ ކަމަށް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.

މި ބައްދަލުވުމުގެ ހަވާސާގައި ތައިލޭންޑްގެ ވަފުދާ ބައްދަލުކުރައްވައި ރާއްޖޭގެ ސިއްހީ ދާއިރާ ތަރައްގީކުރުމަށް ކުރާ މަސައްކަތްތައް ހިއްސާކޮށް، އިތުރަށް އެހީ ބޭނުންވާ ދާއިރާތަކާ މެދު މަޝްވަރާކުރައްވާފައިވާ ކަމަށްވެސް ހެލްތު މިނިސްޓްރީން މައުލޫމާތުދެއެވެ.